ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުރަޒު "ރިވެލި" ކުރެހުމުގެ ދާއިރާއިން 1 ވަނަ ލިބުނީ ތިނަދޫ، ޙަސަން ޝާޒްލީ އަށެވެ.
މިނިސްޓަރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސެސް އިން ކޮންމެ އަހަރަކު ބާއްވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތަފާތު ހުނަރުވެރި އުފެއްދުން ދައްކާލުމުގެ މައުރަޒު "ރިވެލި" ގެ ކުރެއްވުމުގެ ދާއިރާއިން 1 ވަނަ އަށް ގދ ތިނަދޫ، މާކޯނި ،ޙަސަން ޝާޒްލީ ހޯދައިފި އެވެ. މި މައުރަޒުގައި ޙަސަން އަށް ލިބިފައި ވަނީ 18 އަހަރުން މަތީ ޢުމުރު ފުރައިން ނެވެ.
މި މައުރަޒުގެ ބައިވެރިންނަށް އިނާމު ހަވާލު ކުރުން އޮތީ ރޭ ރ އަލިފުށީ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވި ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.
ޙަސަން އަކީ އަޑު އިވުމުން މަޙުރޫމް ވެފައިވާ މީހަކަސް އޭނާ އަކީ ވަރަށް ހުނަރުވެރި މޮޅު ފަންނު ވެރިއެކެވެ.
ދައުލަތުގެ އިސްވެރިން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ އަހަރަކު ބާއްވާ "ރިވެލި މައުރަޒު" ވެސް ސާބިތު ވެގެން ދަނީ ނުކުޅެދޭ މީހުންގެ ތެރޭގައި ތަފާތު ހުނަރުތައް ލިބިފައިވާ މީހުން ވެސް ތިބޭކަން ކަމަށެވެ. އެގޮތުން އަތްތެރި މަސައްކަތް، އަމިއްލަ އީޖާދުތަކުން އެއްޗެހި އުފައްދާ ފަރާތްތައް އަދި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ހިމެނޭ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބި ކަނބަލުން ފަޒްނާ އަހުމަދު ވަނީ މި ރަސްމިއްޔާތުގައި އިފުތިތާހުކޮށް ދެއްވާފަ އެވެ.

