އަހަރެންނަށް ސިހިފާ ބަލާލެވުނެވެ. ކުރިމަތިން ހިނގާފައި އަންނަ ޒުވާން ރީތި ޖިންސުއްލަތީފަށް އަހަރެންގެ ދެލޯ އަމާޒު ވިއެވެ. ހައިރާންވެ އަންތަރީސް ވެފައި އަހަރެންނަށް ހުރެވުނެވެ. ޤުދުރަތުގެ ފުރިހަމަ ނަމޫނާ އެކެވެ. އެހެރަ ފަރި ހިނގުމެވެ. ހިނގާފައި ދާއިރު އޭނާގެ އެ ރީތި ދޮން ފައިތިލައިގައި ބިންގަނޑު ބޮސްދޭ ހެން ހީވާ ކަހަލަ އެވެ. ލިބިފައިވާ ރީތި ރޫފަ ރަނގަޅު ހަށިގަނޑުގައި ވާ ހެދުމުން އިތުރު ރީތި ކަމެއް އޭނާގެ ހަށިގަނޑަށް ލިބިފައި ވެއެވެ. ސާދަ ވިލޭރޭގެ ހަނދު ފަދަ ސާފު ދޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ ފިނިފެން މަލެއް ފަދަ ދެ ތުންފަތަށް ވެރިވެފައިވާ މަޑުމަޑު ހިނިތުންވުމެވެ. ތުނިތުނި ދެ ތުންފަތުގެ ދެމެދުން ފެންނަ އަންނާރު އޮށް ތަކެއް ފަދަ ރީތި ކުދި ދަތްތައް އެތުރިފައިވާލެއް ފުރިހަމަ ކަމުން އިތުރު ރީތި ކަމެއް އެހިނިތުންވުމަށް ގެނެސްދެއެވެ. ޖަންބު ކުލަ އަރާ ކޯތާފަތެއް ލިބިފައި ވެއެވެ. ހިތިފަތެއް ފަދަ ރީތި ހިމަ ބުމަޔަކާއި ސާފުރީތި ބޮޑުބޮޑު ދެލޯ އޭނާއަށް ދެއްވައިފައިވެއެވެ. އޭނާގެ ކޮންމެ އަދާއަކާއި ކޮންމެ ބަލާލުމަކުން އަހަރެންގެ ހިތް ކަތިލާހާވެއެވެ. މޫނުގެ ބައްޓަމަށް އިތުރު ރީތިކަމެއް ގެނެސްދޭ ތުނިތުނި ނޭފަތް ވެސް އެހާ ރީއްޗެވެ. ހިމަހޯލި އިނގިލިތަކެއް ލިބިފައި ވާއިރު ރީތި ހިމަހިމަ އަޑެއް ޤުދުރަތުން އޭނާއަށް ހަދިޔާ ކޮށްފައި ވެއެވެ. ހިމަދިގު ކަރަން އިތުރު ރީތި ކަމެއް ގެނެސްދެނީ ލިބިފައިވާ ރީތި ދިގު ފަން އިސްތަށިގަނޑުންނެވެ. ކަޅު ވިއްސާރަ ވިލާގަނޑެއްފަދަ ދިގު އިސްތަށިގަނޑު ކޮނޑުމަތިން ވެއްޓިފައި އޮތެވެ. ތަނަވަސް ނިއްކުރިއަށް ރީތިކަން ގެނެސް ދިނުމަށްޓަކައި ކުދިކުުދި އިސްތަށިތަކެއް ވިހުރުވި ވިހުރުވި ހުއްޓެވެ. އޭނާ ފެނުމުން މުޅި ދުނިޔޭގެ ދައުރުވުން ލަދުން އިސްޖަހާލަ އެވެ. އެއީ ހަމަ މާތް ﷲ ގެ ކުޅަދުން ވަންތަ ކަމުގެ ފުރިހަމަ ނަމޫނާ އެކެވެ. އަހަންނަށް އޭނާ ފެނުމާއެކު ފުރަތަމަ ނަޒަރުން ލޯބި ވެވިއްޖެ އެވެ.
މިއީ ޒަމާނެއްގައި ދިވެހިން ގެންގުޅުނު ލޯބީގެ ފަށުވި ބަހުރުވަ އެވެ. ގެނެސް ދީފައި ތި އިނީ މީހަކަށް އޭނާގެ ލޯބިވެރިޔާ ސިފަވާ ގޮތް ކިޔައި ދީފައިވާ ގޮތެވެ.
މީގެ ފަންސަވީސް ނުވަތަ ތިރީސް އަހަރު ކުރިން އަހަރެމެން ދިވެހިން އެކަކު އަނެކާއަށް ލޯބި ހުށަހެޅުމާއި ލޯބިވެގެން އުޅޭ އިރު ތިޔަ ފަދަ ބަހުރުވައިން މުޚާތަބުކޮށް ސިޓީ ލިޔެ އުޅުނެވެ. ޚާއްސަ ކޮށް މި ޢިބާރާތް ތަކާއި ބަހުރުވަ ގެންގުޅުމުގައި ފިރިހެނުން ވަރަށް ފުންނާބު އުސް ކަމުގައި ބުނެވިދާނެއެވެ. އެ ތަޖުރިބާ ކުރި ކިތަންމެ ބަޔަކު މިހާރު ވެސް ތިބޭނެ އެވެ.
ތިޔައިގެ ތެރެއިން މީހަކު، މީހަކާ އިންނަން އުޅުނުއިރު މިފަދަ ބަސްތަކުން މުޚާތަބުކޮށް ޙުޝާމަދު ކުރި ލޯބިވެރިޔާ މިހާރު މިފަދަ މޭރުމަކުން ދުވަހަކުވެސް ތަޢުރީފުކުރި ހެއްޔެވެ؟ ތަރި ބާލައިދީ، ތިބާ ފެނުމުން ހަނދު ލަދުން ފިލައި، ކާއިނާތް އަންތަރީސް ވާ ވާހަކަ ބުނި ހެއްޔެވެ.

