ޓީޗަރަކަށް ބަޑިން ހަމަލަދިން 6 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.
އެމެރިކާގެ ވާޖީނިއާ ސްޓޭޓްގައި ޓީޗަރަކށް ބަޑިން ހަމަލަދިން ހަ އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ
ނިއުޕޯޓް ނިއުސް ސިޓީގެ ޗީފް ސްޓީވް ވިދާޅުވީ އެލިމެންޓަރީ ސްކޫލުގައި ހިނގި މި މާރާމާރީގައި، އެ ކުއްޖާ ފިސްތޯލަ ހޯދީ ކިހިނެއް ކަމެއް ނޭނގުނު ނަމަވެސް އެއީ “އެކްސިޑެންޓަލް ޝޫޓިންއެއް” ނޫން ކަމަށެވެ.
ނަން ހާމަކޮށްފައި ނުވާ، އުމުރުން 30 އަހަރުގެ ޓީޗަރަށް ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ޒަހަމްތަކެއް ލިބިފަ އެވެ.
އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ގްރޭޑް އެކެއްގެ (އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ) ކްލާސްރޫމެއްގައި ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެންނެވެ
ނަމަވެސް ސްޓީވް ވިދާޅުވީ ބަޑިޖެހުމަކީ އާދަޔާ ޚިލާފް ހާދިސާއެއް ކަމަށާއި އެހެންނަމަވެސް މީގެ ފަހަތުގައި ބޮޑުމީހަކު ހުރިކަން އޮފިސަރުންނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
އޮފިޝަލުން ވިދާޅުވީ ގާތްގަނޑަކަށް 550 އެއްހާ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލުގައި މެޓަލް ޑިޓެކްޝަން ފެސިލިޓީތައް ހުރި ނަމަވެސް ދަރިވަރުން ރެންޑަމްކޮށް ޗެކްކޮށްފައިވާ ކަމަށާއި ކޮންމެ ކުއްޖަކު އިންސްޕެކްޓް ކޮށްފައި ނުވާ ކަމަށެވެ.
މި ހާދިސާގައި ބޭނުންކުރި ހަތިޔާރުގެ ނަން ހާމަކުރަން ފުލުހުން ދެކޮޅު ހެދި ނަމަވެސް އެ ކުއްޖާ ބޭނުން ކުރީ ހޭންޑްގަން އެއް ކަމަށް ފުލުހުން ބުންޏެވެ.
ސްކޫލުގެ ޑިސްޓްރިކްޓް ހެޑް ޑރ ޖޯޖް ޕާކަރ ވިދާޅުވީ އޮފިޝަލުން ބަލަނީ މިހާދިސާ ހިނގަން މެދުވެރިވީ ކޮންކަންތައްތަކެއްތޯ ކަމަށެވެ.
ޕާކަރ ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އެފަދަ ކަމެއް ދުވަހަކުވެސް ނުހިނގާ ކަމަށެވެ. އަދި ދެން އެފަދަ އެއްވެސް ކަމެއް ނުހިނގާނެކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށެވެ.
އަދި އަންނަ ހޯމަ ދުވަހު ސްކޫލު ބަންދު ކުރާނެ ކަމަށާއި، މި ހިތާމަވެރި ހާދިސާއިން އަރައިގަތުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

