(މިއީ ސުކޫލުތަކުގައި އުމުރުން ހަގު، ޕްރައިމަރީ ގުރޭޑުތަކުގައި ދަރިވަރުންނަށް ޑިކްޓޭޝަން ދަސްކުރުމާއި ލިޔުއްވުމުގައި އޮންނަ ގަވާއިދުގެ ސަބަބުން ކުދިންނަށް އޭގެއިން ކުރަމުންދާ ނޭދެވޭ އަސަރުން އެކުދިން ސަލާމަތްކުރުމަށާއި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކުގެ އެހީގައި ކުދިންގެ ތައުލީމީ ހަޔާތް އެއަށްވުރެ ރަނގަޅަށް ގެންދިއުމަށް އެެހީވެދިނުމަށްޓަކައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް، ނިއުމާ މުހައްމަދު، ނިއުމާ މިސްގެ އިރުޝާދާއެކު ގެނެސްދޭ ސިލްސިލާ އާޓިކަލްތަކެކެވެ. މިއީ މި ސިލްސިލާގެ ފުރަތަމަ ބައެވެ. ނިއުމާ މިސްގެ އުންމީދަކީ ވީހާވެސް ގިނަ ބެލެނިވެރިންނަށާއި މުދައްރިސުންނަށްވެސް ބޭނުން ހިފޭކަހަލަ މައުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ. އަދި މީގެ ސަބަބުން ހެޔޮ ބަދަލެއް، އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އައުމަކީ ނިއުމާމިސްގެ އެންމެ ބޮޑު އަމާޒެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މިއާޓިކަލް ފޮލޯކޮށް ޝެއާކުރެއްވުމަކީ ވަރަށްބޮޑު އެދުމެކެވެ.”
“މިއަދަކީ ހުކުރު ދުވަހޭ.”
“މިވީކުގަ ވީކެންޑެއް ނުހެދޭނެއެއްނު. އާދީއްތަ ދުވަހު ދަރިފުޅުގެ ޑިކްޓޭޝަން ޓެސްޓު އޮންނާނެ.”
ހުކުރެއްް ހޮނިހިރެއް ނޯވެއެވެ. ހަފުތާގެ 7 ދުވަސް ވެސް ހިތުދަސް ކުރުމުގައެެވެ. ކުދިން ތިބެނީ ވާތާ ވެފައޭ ބުނުމަކީ ގޯހެއް ނޫނެވެ.
ކުދިންނަށް ޑިކްޓޭޝަނަކީ ބިރަކަށް، ނަފުރަތު ކުރާ ކަމަކަށް، ވަރުބަލި ކަމަކަށް މިހަދަނީ ހަމަ މި ކިޔަވައިދިނުމުގެ ވައްޓަފާޅިއެެވެ. މިއަށް ބަދަލުގެންނަން އެބަޖެހެއެވެ. މީގެ ކުރިން ތަފާތު ގޮތްތައް ނެތް ހަމައެކަނި ހިތުދަސްކުރުމުގެ ޒަމާނުގައި ކަން ކުރި ގޮތަށް އަދު ކުރާކަށް ނުޖެހެއެވެ. އަދު ކޮމްޕިއުޓަރު އޮޓޯ ކަރެކްޝަން ހަދައިދެއެވެ. އެހެންނޫނަސް ޒަމާނާއެކު ކުދިން އުޅޭ މާހައުލުވެސް އޮންނާނީ ބަދަލުވެފައި ކަން ގަބޫލުކުރަން ޖެހޭނެއެވެ. އެހެންކަމުން މިޒަމާނުގައި ކުދިން ފިލާވަޅު ދަސްކުރާނީ މިޒަމާނުގެ ގޮތަށެެވެ. މިއީ ވަސީލަތްތަކާއި ހަރަކާތްތެރިވާނެ ކަންތައް އޮތް ޒަމާނެެވެ. އެހެންކަމުން ކުދިން ސްޕެލިންގ ދަސްކުރުމުގައި ކަންތައް ކުރެވިދާނެ ގޮތްތަކަށް ބަލާލަމާތޯއެވެ.
ސްޕެލިން ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ތަފާތު ގޮތްތައް
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
• ދެވިފައިވާ ބަސްތައް އެލްފަބެޓިކަލް އޯރޑަރއަށް ލިޔުއްވުން
• އެ ބަސްތައް އިދިކޮޅަށް ލިޔުއްވުމަށްފަހު ރަނަގަޅުކޮޅަށް ލިޔުއްވުން
• އެ ބަސްތަކުން މަޖާ ޖުމުލަ ލިޔުއްވުން
• އެ ބަސްތަކުގެ އަކުރުތައް ބޭނުންކޮށްގެން އެހެން ކުދި އާ ބަސް ތަކެއް އުފެއްދުން
• ޑިކްޝަނަރީ ބޭނުންކޮށްގެން އެބަސްތަކުގެ މާނަ/ މާނަތައް ހޯދުން
• އެ ބަސްތައް ކުރަހައިގެން ދެއްކުން
• އެ ލިސްޓުގައި ހުރި ބަސްތައް ކޮންމެ ބަހެއް ތަފާތު 5 ކުލައަކުން ލިޔުއްވުން
• އެކި ގޮތްގޮތަށް ރޮނގެއް ދެމުމަށް ފަހު ރޮގުގެ މަތީގައާއި ތިރީގައި އެބަސްތައް ލިޔުއްވުން/ ތަފާތު ޑިޒައިންގެ ރޮނގުތައް ކުރެހުމަށް ބުނެވިދާނެ
• ކޮންމެ ބަހެއް ވައި އަޑުން ކިޔަމުން 3 ފަހަރު ލިޔުން
• ލިޔަން ބޭނުންކުރާ އަތްނޫން އަނެއް އަތުން ބަސްތައް ލިޔުއްވުން
• އޭބީސީގެ އަކުރުތަކަށް ނަމްބަރެއް ދިނުމަށް ފަހު ދެވިފައިވާބަސްތަކުގެ ސްޕެލިން ނަމްބަރު ބޭނުންކޮށް ކޯޑުން ލިޔުން
• ދެވިފައިވާ ބަސްތައް ކްރެޔަން ބޭނުންކޮށް ލިޔުމަށްފަހު މާރކަރުން ފަވާލުން
• ދެވިފައިވާ ބަސްތައް ބޭނުންކޮށް ވާހަކައެއް ލިޔުން
• ދެވިފައިވާ ބަސްތައް ތަފާތު 2 ނުވަތަ 3 “ފޭންސީ” ފޮންޓްގެ ޑިޒައިން ފޮންޓުން ލިޔުއްވުން
• ތަސްވީރެއް ކުރެހުމަށްފަހު ތަސްވީރުގައި ބަސްތައް ނުފެންނަ ގޮތައް ލިޔެ އެހެން ދަރިވަރަކުލައްވާ އެބަސްތައް ހޯދުން
• ދެވިފައިވާ ބަސްތައް ކެޕިޓަލްކޮށް އަދި ސިންޕަލްކޮށް ލިޔުއްވުން
• ދެވިފައިވާ ބަސްތައް ނޫހަކުން ނުވަތަ މެގެޒިންއަކުން ހޯދުން/ ކަފައި ތަތްކުރުން
• ބަސްތަކުގެ ކޮންމެ އަކުރެއް ތަފާތުކުލައަކުން ލިޔުން
• ދެވިފައިވާ ބަސްތަކަށް “ރައިމިން”ވާ ބަސް/ބަސްތަކެއް ލިޔުއްވުން
• ދެވިފައިވާ ބަސްތަކުގެ ކޮންމެ ބަހެއް ބޭނުންކޮށް “ވޯރޑްޗެއިން”އެއް ލިޔުން
• ބަސްތަކަށް “ރިޑްލްސް” ހެދުން
• ޕްލޭ ޑޯ ބޭނުންކޮށް ބަސްތައް ހެދުން

މިފަދަކަންތައްތަކުގެ ތެރެއިން ބަސްތައް ދަސްވުމުން ހަނދާނުގައި ހަރުލުން ފަސޭހަވެފައި އަވަސްވާނެ.
1990 އިން ފެށިގެން އާ ޤައުމީ މަންހަޖު ތަންފީޒު ވުމާއި ހަމައަށް ވެސް ދަރިވަރުންނަށް ހަފްތާގެ ކޮންމެ ދުވަހަކު ބަސްތަކެއް ހިތުދަސްކުރަން ދިނުމަށްފަހު “ޑިކްޓޭޝަން” ދިނުން ސްކޫލްތަކުގައި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއްދީގެން ވަނީ ގެންދެވިފައެވެ. ނުވަތަ މިހާރުވެސް މިގޮތަށް “ޑިކްޓޭޝަން” ދިނުން ކުރިއަށް އެބަ ގެންދެއެވެ. މިގޮތުން ފުލްމާރކްސް ހޯދާ ދަރިވަރުންގެ
“އެޗީވްމަންޓް” އެދުވަސްވަރު ސްކޫލްތަކުގައި ވަރަށް ގަދައަށް ފާހަގަ ކުރެވުނެވެ. ޤައުމީ މަންހަޖު (2015) ގައި ތަންފީޒުކުރުމުން އިހުގެ ގޮތްތަކާއި ސްކޫލްތަކުގެ ޒަމާނަށް ނުފެތޭ އުސޫލްތައް ދޫކޮށްލަން އެބަޖެހެއެވެ. ނުވަތަ ކިޔެވުމާއި އުނގަންނައިދިނުން ޒަމާނާއި އެއްގޮތަށް ބަދަލުވާން އެބަ ޖެހެއެވެ. ކަމެއް ބަދަލު ކުރުމަކީ އެއްވެސް ބައަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

ނަމަވެސް 21 ވަނަ ޤަރުނުގެ ތަފާތު އުނގެނުމުގެ ވަށްޓަފާޅިތައް ސްކޫލްގައި ފަރިތަކުރަން އެބަޖެހެއެވެ. މިޤަރުނުގެ ހުނަރުތަކާއި އެއްގޮތަށް ކިޔަވައިދނުމާއި އުނގެނުން ބައްޓަން ކުރަން ޖެހެއެވެ. މި ހުނަރުތަކަކީ
1. ވިސްނާއި ފިކުރުކުރުން
2. ގުޅިގެން އުޅުން
3. އުފެއްދުންތެރިކަން
4. މުއާމަލާތްކުރުން
ބަސްތަކެއްގެ ސްޕެލިންގ ދަސްކޮށް ފަރިތަކޮށްދޭން ބޭނުންވާނަމަ “ވޯރޑްސް ފޯ ދަ ވީކް” ނުވަތަ ” ޓު ޑޭސް ވޯރޑް” ފަދަ ތަފާތު އެހެން ނަންތައް ބޭނުން ކުރެވިދާނެއެވެ. މިފަދަ ދަރިވަރުންނާއި ރަހުމަތްތެރި ބަސްތައް ބޭނުންކުރަން އެބަ ޖެހެއެވެ. ބަސް ދަސްކުރަން ދިނުމުގައިވެސް ދެވޭ އަދަދު މަދުކޮށްލުން ވެސް މުހިންމެވެ. އަދި، ދަސްކޮށް ދިނުމުގައި އަކުރުގެ ސައުންޑު/ އަޑުތައް/ ފޯނިކްސް / ރައިމިން ވޯރޑްސް / އަކުރުގެ ސިފަބޭނުންކޮށް ސްޕެލްކުރަން ދަސްކޮށް ދެވިދާނެއެވެ. ދެވޭ ބަސްތައް އެކުދިންނަށް ދޭހަވުން މާމުހިންމެވެ. ނުވަތަ ބަސް ބޭނުން ކުރަން ދަސްކޮށް ދޭންވީ އެވެ.
މިއީ 21 ވަނަ ޤަރުނެވެ. މިޤަރުނުގައި މިވަނީ ކިޔަވައި ދިނުމާއި އުނގަންނައި ދިނުމަށް ބަދަލުތަކެއް އައިސް ޒަމާނީ ގޮތުން ވަރަށް ބައިވަރު ކުރިއެރުން ތަކެއްވެސް ހޯދައިފައެވެ. މިގޮތުން ސްކޫލްގައި ސްޕެލިންގ ދަސްކޮށް ދިނުމުގައާއި އެބަސްތައް އެސެސްކުރުމުގައި ދަރިވަރުން ޝައުޤުވެރިވާ ފަދަ ގޮތަކަށް އެސެސްމަންޓްތައް ބަދަލު ކޮށްލަން ޖެހެއެވެ. ޅަފަތުގެ ތައުލީމާއި އަދި ފަށާ ތައުލީމުގެ ދަރިވަރުންނަށް މީގެ ސަބަބުން ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް އެބަކުރެއެވެ. މިފުރާތަކުގެ ދަރިވަރުންގެ އުނގެނުން ކުރިއަށް ދާން ވާނީ މަޖާ ހަރަކާތްތަކުންނެވެ. ދަރިވަރުން އުނގެނުމަށް ޝައުޤުވެރި ވާގޮތް ގޮތަށެވެ.
(ފުރަތަމަ ބައި ނިމުނީ، ދެވަނަ ބައި ވަރަށް އަވަހަށް ގެނެސްދެވޭނެ)

