ޝެއިޚުގެ ސުވާލު:
މި ދުނިޔޭގައި ލެއްވި އެންމެ އަގުހެޔޮ މަޢުދަނަކީ ކޮބާ؟
އަހުރެން ޖަވާބުގައި ބުނީމެވެ. “އެއީ ކޯލް ނުވަތަ ބޯޓް ދެއްޔެވެ.”
އަނެއްކާވެސް ޝޭޚު ސުވާލުކުރިއެވެ. “މި ދުނިޔޭގައިވާ އެންމެ އަގުބޮޑު މައުދަނަކީ ކޮބައިހެއްޔެވެ؟”
އަހުރެން ޖަވާބު ދިނީމެވެ. “އެއީ ޖަވާހިރެވެ.”
ޝައިޚު އިތުރަށް ސުވާލުކުރެއްވިއެވެ، “ވީމާ މި ދެބާވަތް އުފެދިފައިވަނީ ކޮން އެއްޗަކުން ހެއްޔެވެ؟”
އަހަރެން ޖަވާބު ދިނީމެވެ. އެއީ “ކާބަން” އެވެ.
އޭނާ ކުރިއަށް ގެންދެވިއެވެ. “ތިޔަ ބުނީ ތެދެވެ. އެހެންކަމަށްވާނަމަ، މި ދޭއްޗަށް ކުރިމަތިވި ތަފާތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ” ފިއްތުމެވެ.” އެހެންނަމަވެސް، މި ދޭއްޗަށް ކުރިމަތިވި ފިއްތުން ތަފާތު ވުމުގެ ސަބަބުން، އެކައްޗަކީ ވަރަށް ރީތި އަދި އެހައިމެ އަގުބޮޑު އެއްޗެއް ކަމުގައިވިއެވެ. އަދި އަނެކައްޗަކީ ކަޅު އަދި އަގުހެޔޮ އެއްޗެއް ކަމުގައިވިއެވެ. ވީމާ މިކަމުން އެނގިގެން ދިޔައީ، މާއްދާއަކަށް ކުރިމަތިވާ ފިއްތުމުގެ މިންވަރު މަތިވާ ވަރަކަށް އެއިން އުފެދޭ އެއްޗެއް ރިވެތިވެފައި އަގުބޮޑުވެގެން ދާކަމެވެ.”
“އިންސާނުންވެސް ދުނިޔޭގައި އުޅޭއިރު، ތަފާތު ފިއްތުންތަކާއި ކުރިމަތިލާން ޖެހިދެއެވެ. މިފަދަ ޙާލަތްތަކުގައި، އަހުރެމެން މާޔޫސްވެ، ހާސްވެ ކަންބޮޑުވެ، ތިމާއަށް މި ޙާލަތު މެދުވެރި ކުރެއްވީ ކީއްވެގެންތޯ ސުވާލު އުފައްދައި، ބައެއްފަހަރު ކުފުރުގެ ބަސްތައްވެސް ދުލުން ބޭރުކުރެވޭ ގޮތްވެއެވެ. އެހެންނަމަވެސް، އިންސާނާއަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ހެވެއް އޮންނާނެއެވެ. އަހުރެމެންނަށް އެވަގުތު އެކަން ނޭނގިދާނެއެވެ. ވީމާ، ﷲ ސުބުޙާނަހޫ ވަތަޢާލާ، ތަފާތު ޙާލަތްތައް މެދުވެރި ކުރައްވައިގެން ތިބާ އިމްތިޙާނު ކުރައްވަނީ، އެއީ ތިބާ އެންމެ ރިވެތި އަދި އެންމެ ފުރިހަމަ އިންސާނަކަށް ބަދަލު ކުރެއްވުމަށް އެކަލާނގެ އެދިވޮޑިގަންނަވާތީއެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާ، އެންމެ ބޮޑެތި މުޞީބާތްތައް ކުރިމަތި ކުރެއްވީ، އެކަލާނގެ އެންމެ ލޯބިވެ ވޮޑިގަންނަވާ އެކަލާނގެ ނަބިއްޔުންނާއި، ރަސޫލު ބޭކަލުންނަށެވެ. ނިކަން ވިސްނާލަބަލާށެވެ.
އާދަމުގެފާނު، ބިމަށް ފޮނުއްވުމަށްފަހު، އެންމެ ފުރަތަމަ ލިބިވަޑައިގަތް ދެ ދަރިކަލުންގެ ތެރެއިން، ޤާބީލު، ހާބީލު ޤަތުލުކޮށްލި ހާދިސާ ހިތަށް ގެނެސްބަލާށެވެ. އެ ޙާލަތުގައި ބައްޕައަކު ކުރާނެ ހިތާމައާއި ހިތްދަތިކަން ތަސައްވުރު ކޮށްލާށެވެ.
ނޫޙުގެފާނުގެ ޠޫފާނުގައި، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި، އެކަލޭގެފާނުގެ އެއް ބޭފުޅަކު ޣަރަޤުވެގެން ދިޔަ ހާދިސާއިން އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނެ ހިތާމައާއި ހިތްދަތިކަން ތަޞައްވުރު ކޮށްލާށެވެ.
ޔޫސުފުގެފާނުގެ އަޚުން، އެކަލޭގެފާނާއި މެދު ކަންތައް ކުރެއްވި ގޮތް ހިތަށް ގެންނަވާށެވެ. އެކަލޭގެފާނުގެ ބައްޕާފުޅަށް އެ ޚަބަރު ލިބިވަޑައިގަތުމުން، ޔަޢުޤޫބުގެފާނު ކުރެއްވި ހިތާމަފުޅާއި ހިތްދަތިކަން ތަޞައްވުރު ކޮށްލާށެވެ. އެންމެފަހުން އެ ހިތާމައިގައި ޔަޢުޤޫބުގެފާނުގެ ލޯފުޅުގެ ފެނުންވެސް ގެއްލިވަޑައިގަތެވެ. އެހެންނަމަވެސް، ކެއްތެރިކަމާއެކު ދުޢާކުރައްވަމުން ގެންދެވިއެވެ.
ހީލަތާއި އަދި ހީލަތްތެރިންނާމެދު ކަންބޮޑުނުވާށެވެ. ބައެއްމީހުން ތިބާއަށް ކެހިދީ، މަޅީގައި ޖައްސައި އަނިޔާކުރަން މަސައްކަތްކުރާނަމަ، ﷲ ސުބުހާނަހޫ ވަތަޢާލާ، އެމީހުންނަށް ކެހިލިބޭގޮތަށްވެސް ކަންތައްތައް ރާއްވަވާފާނެއެވެ. ބައެއްފަހަރު އަނިޔާވެރީންނަށް މުހުލަތު ދެއްވަވައެވެ. އެހެންނަމަވެސް އެކަލާނގެ އަނިޔާވެރިން ހިއްޕެވުމުގައި ފިސާރަ ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވާނެތެވެ. މީހަކު ވައްޓާލަން ވަޅުގަނޑެއް ކޮންނަ ބަޔަކު، އާޚިރުގައި ނިމިގެންދާނީ އެ ވަޅުގަނޑަށް ވެއްޓިގެންނެވެ. އެއްވެސް ނުބައި ޢަމަލަކަށް އަޒާބު ނުލިބިއެއް ނުދާނެއެވެ. އަދި އެއްވެސް ހެޔޮ ޢަމަލެއް ގެއްލިގެން ނުދާނެއެވެ. ﷲ ގެ ދަރުބާރުގައި އިންސާފު ލިބޭނެކަން ޔަޤީންކުރާށެވެ. އަދި ހުރިހާ ކަމެއް ﷲ އަށް ވަކީލުކުރާށެވެ.

