އިލްމަކީ އަނެކާއަށް ފޯރުކޮށްދޭންޖެހޭ އަމާނާތެކެވެ. ތިމާއަށް އެނގިފައި ހުރި އެއްޗެއް ތިމާއަށް ވެވުނު މިންވަރަކަށް ވީހާވެސް ދުރުހިސާބަކަށްވެސް ފޯރުކޮށް ދިނުމަކީ ތިމާގެ މައްޗަށް ވާޖިބެކެވެ.
ނިއުމާމިސް އަކީ އޭގެ ދެވަނައެއް ނެތް ފަދައަކުން އިލްމު ފެތުރުމުގައި ފޫހިކަމެއް ވަރުބަލިކަމެއްް ނެތި ރެއާ ދުވާލު މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ތައުލީމީ ދާއިރާގައި ހުރި އުނިސިފަތަކާއި ފޫނުބެއްދުންތައް އުނގަންނައިދޭން ތިބޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ހެޔޮބަދަލެއް ގެނެވެތޯ ނިއުމާމިސް ހުއްޓުމެއް ނެތި، ދަނީ މަސައްކަތް ކުރަމުންނެވެ.
ގދ ތިނަދޫއަށް އުފަން ނިއުމާ މުހައްމަދު، " ނިއުމާ މިސް" ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ 1990 ވަނަ އަހަރު ޖަމާލުއްދީނު ސުކޫލްގައި ޕްރައިމަރި ޓީޗަރަކަށެވެ. އެ ސުކޫލުގައި ގާތްގަޑަކަށް 15 އަހަރު ވަނީ ހިދުމަތް ކޮށްފަ އެވެ. މިގޮތުން ފަހު 5 އަހަރުގައި ވަނީ ސީނިއަރ މެނޭޖްމަންޓް ޓީމުގައި ގުރޭޑް ސުޕަރވަޒަރެއްގެ ގޮތުގައި އެ ސުކޫލުގައި މަސައްކަތް ކޮށްފައެވެ.
ނިއުމާ މިސްގެ ތައުލީމީ ދާއިރާގެ ގުޅުން އޮތީ ހިތާއި ހިތުގެ ގުޅުމެއް ފަދައިންނެވެ. ޕްރައިމަރީ ޓީޗަރަކުން ތައުލީމީ ދާއިރާގައި އެޅި ފިޔަވަޅު، އެދާއިރާގައި ނިއުމާމިސްގެ ފައިތިލަ ސާބިތުކޮށްލުމަކަށް ވަނީ ބަދަލު ވެފަ އެވެ. ޖަމާލުއްދީނު ސުކޫލުގެ ގުރޭޑް ސުޕަވައިޒަރެއްގެ ބަރު މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާ ކުރުމަށްފަހު، 2006 ގައި ނިއުމާ މިސްގެ މަސައްކަތްތައް ސީދާވެގެން ދިޔައީ މިނިސްޓްރި އޮފް އެޑިއުކޭޝަނާ ދިމާއަށެވެ. ނިއުމާމިސް ފެނިގެންދިޔައީ އެމިނިސްޓަރީގެ އެޑިއުކޭޝަނަލް ސުޕަވައިޒަރެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން 2013 ގައި ނިއުމާމިސް ވަނީ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
2016 އިން ފެށިގެން ނިއުމާމިސް މަސައްކަތް ކުރަމުން އަންނަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައެވެ. މިހާރު ނިއުމާ މިސް އަކީ ދިވެހިރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓެކެވެ. ޒިންމާބޮޑު، މަސްއޫލިއްޔަތެކެވެ.
ނިއުމާ މިސް ގެ ޅަފަތުގެ ތައުލީމު ފެށުނީ އީޕީއެސް ސުކޫލުގައި 1979 ގައެވެ. އެ ސުކޫލުގައި ގުރޭޑް 1 އިން ގުރޭޑް 7އަށް ތައުލީމު ހާސިލް ކުރުމަށް ފަހު "ޖޭ އެސް ސީ" އިމްތިހާނަށް ފަހު އަމީނިއްޔާ ސުކޫލުގައި ކިޔަވަން ފުރުސްތު ލިބި ގުރޭޑް 8 އިން 10 އަށް ތައުލީމު ހާސިލު ކުރީ އަމީނިއްޔާ ސުކޫލުގައެވެ.
ޓާރޝަރީ އެޑިއުކޭޝަން ފެށުނީ ކުރީގެ " އިންސްޓިޓިއުޓް އޮފް ޓީޗަރ އެޑިއުކޭޝަން" އައިޓީއީ އިން ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 1989 ގައި ތަމްރީނުވި ހިސާބުންނެވެ. އޭގެ ފަހުން 1993 ގައި ޕްރަމަރީ ޓީޗަރެއްގެ ގޮތުގައި ސިންގަޕޫރުގެ "ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން" އިން އިތުރަށް މުދައްރިސުކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ލިބުނެވެ. 2006 ގައި "މޯލްޑިވްޒް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން" އިން ހިންގި ބެޗެލަރސް އިން ޕްރައިމަރީ ޓީޗިން ކޯސް ފުރިހަމ ކުރިއެވެ. މިގޮތުން އެންމެ މަތީ ތައުލީމު ހާސިލްކޮށްފައިވަނި 2013 ގައި ނިއުޒީލޭންޑްގެ ކެންޓަރބަރީ ޔުނިވަރސިޓީއިން މާސްޓަރސް އޮފް އެޑިއުކޭޝަން އާއި ޕޯސްޓްގްރެޖުއޭޝަން އިން އެޑިއުކޭޝަން އެވެ.
ނިއުމާ މިސް އަކީ އަމިއްލަ ގޮތުން ވެސް އެކި ކުލާސްތައް ނަގައިދެމުންދާ އެދުރެކެވެ. މިގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް މުދައްރިސުން ދަނީ އަހުލުވެރި ކުރަމުންނެވެ. "ޑިޖިޓަލް ޓީޗަރ" ކޯހެއް އަމިއްލަ ގޮތުން ފަރުމާކޮށް ކުރިއަށް ގެންދެއެވެ. އަދި މީގެ އިތުރުންވެސް "އީފޮތް" ތައްޔާރު ކުރަން ދަސްކޮށްދެއެވެ. މިކޯސްތައް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.
ތައުލީމީ ދާއިރާގެ ކަންތައްތަކަށް ނިއުމާމިސްގެ ފޭސް ބުކް ޕޭޖް މެދުވެރިކޮށް ދަނީ ހޭލުންތެރި ކުރުވަމުންނެވެ. އެންމެ ޝައުޤު ވެރިކަމާއެކު ކުރާ ކަމަކީ ޤައުމީ މަންހަޖުގެ ތަފާތު ބައިތަކަށާއި އުސޫލުތަކަށް މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުވުމެވެ. ހާއްސަކޮށް އެންމެ ފަހުގެ އެސެސްމަންޓްތަކުގެ އެކި ބައިތަކަށް ހޭލުންތެރި ކުރުވުމަށް ލިޔުންތައް ލިޔަމުން ގެންދެއެވެ. އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި މިރޮގުން މުދައްރިސުން ތަމްރީނު ކުރުމުގައި ވެސް ނިއުމާމިސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ތެދަށް ބުނަންޏާ ބުނެވޭނީ ނިއުމާ މިސްއަކީ ތައުލީމީދާއިރާގެ އަލިގަދަ ދަންމަރެކެވެ. ފޫހިކަމެއް ވަރުބަލިކަމެއް ނެތި މިސް އަންނަނީ ފެށުނީއްސުރެ އުނގަންނައިދިނުމުގެ އެކިއެކި ކަންތަކާއި ގޮތްތައް ބުނެދީ ރަނގަޅާއި ނުރަނގަޅު ބުނެދީ ހޭލުންތެރިކަމާއި ވައްޓަފާޅި ތަމްރީނު ކުރަމުންނެވެ.
ނިއުމާމިސްގެ މިހިތްވަރާއި މިންނެތް މަސައްކަތުން އުނގަންނައިދިނުމުގެ ބައެއްކަހަލަ އުނިއާދަތައް ނެތި، މިސް އެ ދައްކާ ފަސޭހަ އަދި ލުއި ގޮތްތަކަށް ވައްޓަފާޅި ބައްްޓަން ވެއްޖެނަމަ ނިއުމާމިސްގެ ބުރަ މަސައްކަތުގެ ފޮނިމީރު ލިބުނީއެވެ. މަސއްކަތުގެ ފުރިހަމަ އުޖޫރަވެސް ލިބުނީ އެވެ. ނިއުމާމިސްގެ މި ހިތްވަރާއި މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަހެވެ. ހުވަދޫ އިން ނިއުމާމިސް އަށް ފަހި މާދަމާއަކަށް އެދެމެވެ.
(ހަމައެހެންމެ "ހުވަދޫ" މެދުވެރިކޮށް "އުނގަންނައިދިނުމުގެ ވައްޓަފާޅި" ގެ ނަމުގައި ގެނެސްދޭ ހޭލުންތެރިކަމުގެ މައުލޫމާތު ޕްރޮގްރާމަށް "ހުވަދޫޓީމުން" ވަރަށް ބޮޑަަށް ޝުކުރު ދަންނަވަމެވެ.)

