ދިވެހި ވަތަނުގެ "ލާމަސީލު ރިހިދުލުގެ ވެރިޔާ"އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު ރަޙިމަހުﷲ
ޝާމިން ސަޢީދު ، ހުވަދޫ މީޑިއާ 
އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު،(ރަޙިމަހުﷲ); ދިވެހި ވަތަނުގެ "ލާމަސީލު ރިހިދުލުގެ ވެރިޔާ"
އަވަހާރަވީ 15 ޖަނަވަރީ 1988ގަައެވެ.
މިއަދު 35 އަހަރު ވުމެވެ! މިދުވަސް. 1989އިން ފެށިގެން ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޅެންވެެރިންގެ ދުވަސް ކަމުގައެވެ!
ވީމާ ޅެންވެރިންގެ ދުވަސް ފާހަގަކުރާތާ 34 އަހަރެވެ!
އެންމެ މޮޅު ޢިބުރަތްތެރި ފަށުވި ޅެންތަކުގެ ޝާއިރެއް ކަމުގައި ވިޔަސް، އެންމެ ކުޅަދާނަ ފަޞާޙާތްތެެރި ބަލާޣާތްތެެރި "ރިހިދުލުގެ ވެރިޔާގެ" ލަޤަބު ޙައްޤުކަން ބޮޑެވެ..!!
ދިވެހި ވަތަނުގެ "ލާމަސީލު ރިހިދުލުގެ ވެރިޔާ"
އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ މީގެ 100 އަހަރުކުރިން 22 ސެޕުޓެންބަރު 1922ގައި ފުރަމާލޭގައެވެ.
އެމަނިކުފާނު އަވަހާރަވީ މީގެ 35 އަހަރުކުރިން މިދުވަހުއެވެ!
15 ޖަނަވަރީ 1988ގައި އުމުރުފުޅުން 65 އަހަރުފުޅުގައި އަވަހާރަވީ ސިރީލަންކާގައެެވެ.
އެއީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ބަސްމޮށުންތެރިންގެ ތެރެއިންވެސް އެންމެ ކުރީސަފުގައި ހިމެނިވަޑައިގެންފައިވާ ޢިލްމުވެރިއެކެވެ.
އެންމެ ބަލާޣާތްތެރި އެންމެ ފަޞާޙާތްތެރި މުޤައްރިރުގެ ގޮތުގައި 1940ގެ އަހަރުތަކުން 1980ގެ އަހަރުތަކަށް 40އަށްވުރެ ގިނައަހަރު، ދިވެހި ޤައުމުގެ އެންމެ މުހިންމު ޖަލްސާތަކާއި ބައްދަލުވުންތަކާއި އިޙުތިފާލުތަކުގައި އެންމެ މުނާސަބު ތަޤުރީރުތައް ކުރެއްވުން މަތިކުރެވިފައިވީ އެމަނިކުފާނަށެވެ. ދިވެހިޤައުމުގެ މިރޮނގުން 1ވަނަ ރެކޯޑެވެ. އެފަދަ ދެވަނައެއް އަދި މިހާތަނަށްވެސް ނެތް ލާމަސީލުމިސާލެވެ.
އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ޚިދުމަތްތެރި ދީނީ، ޝަރުޢީ، ތަޢުލީމީ ، ތާރީޚީ، ބަހަވީ، އަދަބީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ދަރިކަލަކަށްވުމުން، ޢިލްމާއި މަޢުލޫމާތު ވާރުތައިންވެސް ވަނީ ލިބިވަޑައިގެންފައެވެ.
އާދޭހެވެ! ޙަޞަބާއިނަޞަބުންވެސް ރާއްޖޭގެ އެންމެމޮޅު ޢިލްމުވެރިކަމާއި، އެންމެ ވަސްމީރުއަދަބީ ގުލްޝަނެވެ. "ޝާޢިރުއްޝަބާބު"އެވެ.
އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ތަޤްރީރުތަކަށް ބަލާއިރު، ބެލުންތެރިންނާއި އަޑުއެހުންތެރިން ޝައުޤުވެރި ކުރުވަނިވި ގޮތްތައް ޠަބީޢީ ގޮތުންވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.
ޢިލްމާއި މަޢުލޫމާތުގެ މުއްސަނދިކަމެވެ.
މުނާސަބަތުތަކާއި އެންމެގުޅޭ ގޮތްތަކަށް ވާހަކަފުޅު ބައްޓަންކުރެއްވުމުގެ ކުޅަދާނަފުޅުކަމެވެ.
ކިތަންމެ ގިނައިރު ވާހަކަފުޅު ދެއްކެވިޔަސްބެލުންތެރިންނާއި އަޑުއެހުންތެރިން ފޫހިވުމެއް ނުވާ ގޮތްތަކަށް މިސާލުބަސްތަކާއި ހަރުބަސްތަކާއި އަދި ޝައުޤުވެރި ކުރުވަނިވި އާދަޔާ ޚިލާފު ކަންކަމުން މިސާލުޖެއްސެވުމުގެ މޮޅުކަމެވެ. ގިނަމީހުންނަށް އާވާހަކަަތަކުން މިސާލުޖެއްސެވުންފަދަ އެކިއެކި ވާހަކަތަކުން ވާހަކަފުޅު މުއްސަނދިކުރެއްވުމުގެ ހުނަރުވެރިކަންވެސްމެއެވެ.
އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، 1950ގައި ރާއްޖޭގެ އެންމެ ފުރަތަމަ ޤާނޫނީ ވަކީލުން ތަޢާރަފުވީއިރު 1ވަނަ ދަރަޖައިން ފާސްވި ޤާނޫނީ ވަކީލެކެެވެ.
އަދި ރާއްޖޭގެ ބަރުލަމާނީ (ޕާލަމަންޓްރީ) ޙަޔާތުގެ "އެންމެއުސްތަނބު"ގެ ލަޤަބު 1988ގައި އެމަނިކުފާނު އަވަހާރަވުމުން ނިސްބަތްކުރެވުނު 40އަށްވުރެ ގިނަދުވަހު (1946-1988) ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ ރާއްޖޭގެ ސިޔާސީ ވަރުގަދަ ޝަޚްޞިއްޔަތެކެވެ. އަވަހާރަވިއިރު ހުންނެވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ރައީސްގެ މަޤާމުގައެވެ. އަދާކުރެއްވި އެންމެ މަތީ މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު (1975-1977)ގެ މަޤާމެވެ.
35 އަހަރު ވަޒީރުކަން ނުވަަތަ އެފެންވަރުގެ މަޤާމުތައް (1954-1988) އަދާކުރެއްވިއެވެ.
މިގޮތުން ވަޒީރުލްމަޢާރިފް (މިނިސްޓަރ އޮފް އެޑިޔުކޭޝަން)، ބަންޑާރަނައިބު (އެޓަރނީ ޖެނެރަލް)ގެ މަޤާމު އަދާކުރެއްވިއެވެ.
އަދާކުރެއްވި އެންމެހައި މަޤާމުތަކުގައި މަޤާމު ހައިސިއްޔަތުންވެސް އެމަނިކުފާނުގެ ވާހަކަފުޅު ދެއްކެވުމުގެ ހުނަރު ދައްކަވަން ޖެހިވަޑައިގަތެވެ.
ޙަޤީޤަތުގައި މިމަޤާމުތައް އަދާކުރެއްވީ އަދި ލިބިވަޑައިގަތުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެމަނިކުފާނުގެ ވާހަކަދެއްކުމުގެ ހުނަރު ހިމެނެއެވެ.
އަދި އެމަނިކުފާނަކީ ޚިޠާބު، ބަޔާން، ތަޤުރީރު ފަދަ ވާހަކަދެއްކުމުގެ އެކިއެކި ބައިބައި ވަކިކުރެވި އެބައިބައިވެސް އެންމެ ފުރިހަމަޔަށް ތަމްސީލުވާ ގޮތުން ވާހަކަފުޅު ދެއްކެވި ލާމަސީލުމިސާލެއް ކަމުގައިވި ދިވެހި ވަޠަންގެ "ރިހިދުލުގެ ވެރިޔާ"އެވެ.
(ނޯޓު: މުހައްމަދު ޝާތިރުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ލިޔުމެއް ނަކަލު ކުރެވިފައި.)