އިޤްތިޞާދީ ނަޒަރަކުން ބަލާއިރު، ފުރަ މާލެސިޓީގެ ސަރަހައްދު ފިޔަވައި، ރާއްޖޭގައި އޮތް އެންމެ ފޯރުންތެރި ހިސާބަކީ ހުވަދު އަތޮޅޭ ދެންނެވުމަކީ ކުށަކަށް ނުވާނެ އެވެ. އަދި ކުރިމަގަށް ބަލާއިރު އިޤްތިޞާދީ އެންމެ ބޮޑު ހަބަކީ ހަމަ ހުވަދުއަތޮޅޭ ބުނެވޭނެ ފުރުސަތު އެބަ އޮތެވެ. ޓުއަރިޒަމަށް ބޭނުން ކުރެވޭނެ ގިނަ ރަށްތައް ހުރުމާއެކު މިހާރުވެސް ގިނަ ރިސޯޓުތައް އެބަ ހުއްޓެވެ. އިންޑަސްޓްރިއަލް މަސައްކަތް ލެވެލްގައި ހިންގާ އެންމެ ގިނަ ފެކްޓަރީތައް ހުރީ މި އަތޮޅުގައެވެ. އަދި ކީއްތޯއެވެ. މިއީ ރާއްޖޭގައި އޮތް 2 ވަނަ އަށް އެންމެ ބޮޑު އަތޮޅެވެ. ދޭސީ ބިދޭސީ ގެ އާބާދީ އަށް ބަލާއިރު ބައި ލައްކަ އެއްހާ މީހުން ގއ ގދ ހަފޮޅުން އެތެރޭގައި ހަލަބޮލި ކަމާއެކު އުޅޭނެ އެވެ.
މި ދެންނެވި ބޮޑު އާބާދީ އެތަނަކުން އަރާ ފައިބާ އެއްތަނަކީ އަތޮޅުގެ މައި ރަށް ނުވަތަ ސިޓީ ޓައުނު ކަމުގައިވާ ތިނަދޫ އެވެ. މި ތަނުގެ ފެރީގިމަތަ ހުރި ސަރަހައްދާއި އެ ޖިފުޓިއެއް ފަދަ ތަނުގެ ޙާލަތު ފެނުމުން ދިވެހި ސަރުކާރު ވެސް އަދި ތިނަދޫ އާއި ހުވަދު އަތޮޅު ވެސް ލަދުން މޫނުގައި އަތް އަޅަން ޖެހެއެވެ. ރާއްޖޭގެ 2 ވަނައަށް އެންމެ ބޮޑު އަތޮޅުގެ އެންމެ މުހިންމު ރަށަށް އަރާ ފޭބުމުގައި ބޭނުން ކުރަން ޖެހޭ ތިނަދޫ ޓާމިނަލް ކުޑަ ކަމާއި އެތަނުގެ ޙާލަތު ހުރި ގޮތުންނެވެ.

ސަރުކާރުގެ އެންމެ ކާމިޔާބު ކުންފުނި އެމްޓީސީސީ ފެރީތައް ކައިރި ކޮށްލުމުން، އޭގެއިން އެތައް ގަޑި އިރެއްގެ ދިގު ދަތުރެއްގައި ތިބުމަށް ފަހު ފައިބާން އެ އުޅޭ ތަކުލީފުންނެވެ. އަދި ރަށެއް ތަރައްޤީ ކޮށް ބިނާ ކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަކަރާތްތަކެއް ޖަހާފައި ވެސް ބާކީވާ ވަރުގެ ބޮޑު ބަޖެޓު ހުރި ތިނަދޫގެ ފެރީ ޓާމިނަލް، (ސަރުކާރުގެ ޖާގަ) އާއި ވާރޭ މޫސުމުގައި ދަތުރުވެރިން އުޅެން ޖެހޭ ޙާލާ ފެހިކަމެއް ގުދުރަތީ ހިޔަލެއް ކުޑަކޮށް ވެސް ނެތް ތަނުގެ ނިކަމެތި ކަމުންނެވެ.
އަދި ކޮބައިތޯ، މި ދެންނެވުން ޓާމިނަލް ގެ ބޭނުން ކުރަން ލާޒިމްވެ ތިނަދޫ އަށް އަންނަ މީހުން، މަހެއްގެ މައްޗަށް އެތައް ލައްކަ އެއް ނުވަތަ އަހަރަކަށް އެތައް މިލިޔަން ރުފިޔާ އެބަޔެއްގެ އަމިއްލަ ތިޖޫރީއާއި އެކައުންޓް ފުރުވާ ވިޔަފާރިވެރިން ގުޅިގެން ކުޑަމިނުން ފާޚާނާ ގަނޑެއް ނުވަތަ ތުއްތު ކުއްޖާއަށް ގާތުން ދެވޭނެ ތަންކޮޅެއް ހަދައި ނުދީ ހުރިއިރު އެފަދަ ވިސްނުމެއް ވެސް ނުގެންގުޅޭ ކަހަލައެވެ. ހައްތަހާވެސް ލަދު ގަންނަން ޖެހޭ ކަންތަކެވެ.

މި ހުރިހާ ވާހަކައެއް ދައްކާއިރު ފެރީގިމަތަ ހުރި ޖެޓީއަށް ލޯ ހިންގާލުމުން ފެންނަނީ މާ މުހިންމު ކަމެއް ކުރަން ޖެހޭ މަންޒަރެވެ. ޖެޓީ އެއޮތީ ވެއްޓެން ކައިރިވެ، ގާތްގަނޑަކަށް އަރި އަޅާލާފައެވެ. އެއްފަހަރު ވެއްޓިގެން އަލުން ހެދި މި ޖެޓީ މިހާރު އަނެއްކާ ވެއްޓެން ދަނީއެވެ. އެހެން ކަމުން އެއްވެސް ކަމެއް ކުރުމުގެ ކުރިން އަނެކަކާވެސް ކުރަންވީ ކަމަކީ ޖެޓީ އަލުން ހެދުމެވެ. މިހާރު ހުރި ފެރީގިމަތަ އަށް އިތުރު ޖާގަ ލިބޭހެން 100 ވަރަކަށް ފޫޓު ބޭރަށް ނެރެގެން ކޮށފި ނަމަ ލަދުން ސަލާމަތް ވާނެ ވަރުގެ ތަނެއް ހެދުމަށް ޖާގަ ލިބޭނެއެވެ. ހަމަ އެހެންމެ ތިނަދޫ ގައި މިހާރު ސަރުކާރުން ކުރިޔަށް ގެންދާ އިންޑަސްޓްރިއަލް ޒޯނެ ޕްރޮޖެކްޓްގެ ފަހަތަށް މި ކަން އަމުނާ ލައިފި ނަމަ އެމްޓީސީސީ އިން ހިންގާ އާރްޓީއެލް އަށް ފިސާރި ހެޔޮ މަގެއް ކޮށައި ރައްޔިތުންނަށް އުފާވެރިކަން ގެނައުން އަވަސް ކުރެވިދާނެއެވެ. އިނގޭ ކަމަކީ މިއީ ކުރަން އުޅެފި ނަމަ ހަމަ އެއްވެސް ކަމެއް ނޫން ކަމެވެ.
ތަޖުރިބާ ގެ ނަމުގައި ރަށް ރަށަށް ޒިޔާރަތްކޮށް ޗުއްޓީ ހަދާލުމަށް ކައުންސިލުން ލައްޖައިން ޚަރަދު ކުރުމުގެ ބަދަލުގައި ތިނަދޫ ފެރީ ޓާމިނަލް އެންމެ ޒަމާނީ ފެންވަރަށް ހަދާ ފެހި، ހިތްގައިމު ތަނެއް ހެދުން މާ ބުއްދިވެރި ވާނެ އެވެ. ލަދުގަންނަން ނުޖެހޭނެއެވެ. ޤަބޫލު ކުރެވޭ ގޮތުގައި މިހާރު ތިނަދޫ ކައުންސިލްގެ މެމްބަރުން މި ވިސްނުން ގެންގުޅުއްވާނެ އެވެ. އަދި ކުރެހުން ވެސް އޮންނާނީ ނިންމަވާފަ އެވެ. އެހެން ކަމަށް ވާނަމަ އަވަހަށް ބޮޑު، ބިޔަ، ހިނދޭ ގަސްތައް ވެސް އިންދެން އޮތް ހިސާބެއްގައި އަވަހަށް އިންދަވާށެވެ. ރަށުގެ މޫނު މަތީގައި އިން ލަދުވެތިކަން ފިލުވަން، ފޫގަޅައި އެންމެން ގުޅިގެން "ހިނގާލަން" އަތުކުރި އޮޅާލާށެވެ.

