މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރި ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހާ އަތުލައިގަނެ ފުލުހުންނާއި ހަވާލު ކުރިއިރު އޭނާ ގެނައިކަމަށް ބުނާ މަސްތުވާތަކެތި ލަގެޖު ނުފެނިގެން ފުލުހުން އެލަގެޖު ފެނޭތޯ މަސައްކަތް ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަން އެއާޕޯޓުން މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހަކު މަސްތުވާތަކެއްޗާއެކު އަތުލައިގަނެ، މީހާ ހައްޔަރުކޮށް ފުލުހުންނާއި ހަވާލުކުރިއިރު، އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ ލަގެޖް ފުލުހުންނާއި ކަސްޓަމްސް އިން ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ ލަގެޖެއް ގެނައި ކަމާއި ނަމަވެސް އެ ލަގެޖު ގެންދިޔައީ ކާކުކަން ނޭނގޭ ކަމަށް އެ މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެލަގެޖް އަދި ފެނިފައި ނުވާ ކަމަށް ބުނިއިރު އެއާޕޯޓްގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތް ކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ހެކި ނެތުމުން ދޫކޮށްލާފައިވާ ކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

