“މަންމަ އަކީ ދުވަސް ވެފައިވާ މީހަކަށް ވެފައި މަންމަގެ މި ހުނަރު މިހާރުގެ ޖީލަށް ދަސްކޮށް ދިނުމުގެ ނިޔަތުގައި ކޯސް ތަކެއްގެ ގޮތުގައި ފަށަން ޖެހުނީ. މިކޯސްތައް މިހިންގަނީ ޒަމާނާ އެއްގޮތަށް ނޯޓްސް ދީގެން ލެވެލްތައް ހަދައިގެން.”
ގދ ތިނަދޫ އާމިނަތު ސީމާ އޭނާގެ މަންމަ، އައިޝަތު އިބްރާހީމްގެ ފަރާތުން ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަކީ ޔަގީނުންވެސް ދިވެހިރާއްޖޭގެ ސަގާފަތާއި ޒަމާންވީ ކުލަތައް އާވެގެން އިއާދަވެގެންދާނެ ކަމެކެވެ. އެންމެ ރަނގަޅަށް މިމަސައްކަތް ސީދާ ކުރަން ނޭނގޭއިރުވެސް އާދައިގެ ހިރުގަތަން ސީމާއަށް އެނގެއެވެ. އެހެންނަމަވެސް ލިބާހުގައި ހިމެނޭ ބާދަލާ ލައިގެން ގަތާ ހިރުތައް ގަތާކަށް ކުރިން ސީމާއަކަށް ނޭނގެއެވެ. މަންމަ މާލެ އަންނަ ދަތުރުތަކުގައިވެސް ސީމާ އޭރު ބެލީ މަންމަގެ އެހީއާއެކު ރޮނދިގަނޑުގެ އާ ޑިޒައިންތަކަށް ގަތަން އެނގޭތޯއެވެ. ސަބަބަކަށްވަނީ ރޮނިދިގަނޑަކީ ލިބާހުގައި އިންނަ އެންމެ ރީތި ހިރުކަމަށްވެފައި، އަބަދުވެސް ފެންނަނީ އެއްގޮތަކަށް ގަތާފައި ހުންނަ ޑިޒައިންތަކަށް ވާތީއެވެ. ސީމާ އެންމެ ބޮޑަށް ގަތާ ހިތްވީ އެންމެ އުދަގޫ ރޮނދިގަނޑެވެ.

“އަބަދުވެސް ބަލަނީ އާ ޑިޒަނެއް ތައްޔާރު ކުރެވޭތޯ.” ސީމާ “ހުވަދޫ”އަށް ދިން އިންޓަވިއުގައި އޭނާގެ މަންމަގެ ފަރާތުން މިމަސައްކަތަށް އަހުލުވެރިވި ގޮތް ކިޔައިދެމުން ބުނީ ކުރިން މަންމަ އަބަދުވެސް އޯޑަރުތަކަށް ލިބާސް ފަހާ ކަމަށެވެ. އެގޮތަށް ފަހާއިރު ބައެއް ހިރުތައް ގަތަން އެހީތެރިވެދިނުމުގެ ތެރެއިން ދަމުން ދަމުން ގޮސް އެންމެ ފަހުން، ލިބާހުގައި ހިމެނޭ ހުރިހާ ބައެއް އެއްވެސް ދަތިކަމެއް ނެތި ތައްޔާރުކުރަން އޭނާއަށް އެނގެން ފެށީކަމަށެވެ. “އޭގެ އިތުރަށް ބަލަނީ ރޮނދިގަނޑާއި ކިނާރީގެ ތަފާތު ޑިޒައިން ތައްޔާރު ކުރެވޭތޯ.” ސީމާ ބުންޏެވެ.
ސީމާ އިސްނަގައިގެން ހިންގަން ފެށި ކަސަބު ކޯހަކީ މިހާރު އެންމެ ގިނަ ޒުވާން ފެހުންތެރިންގެ ސަމާލުކަން ދަމައިގެންފައިވާ އެއް މަސައްކަތެވެ. މިއީ ކިހިނެއް ފެށުނު ކަމެއްތޯ އަހާލުމުން ސީމާ ކިޔައިދިން ގޮތުގައި އެންމެ ފުރަަތަމަ ތިނެއް ނުވަތަ 4 މަސައްކަތްތެރިން ވެގެން ޖަމްއިއްޔާއެއް ރަޖިސްޓަރީ ކުރީ ކަމަށެވެ.
“އެޖަމްޢިއްޔާގެ މަޤްޞަދުގެ ތެރޭގައި ގޭގައި ތިބެ މަސައްކަތް ކުރާ އަންހެން ބޭފުޅުންގެ ވިޔަފާރީގެ ރޮނގުން ކުރިއެރުވުމާއި، މަސައްކަތްތެރި އަންހެން މުޖުތަމަޢަށް ނެރުމާއި، ބާރުވެރިކުރުމާއި، ކުރީގެ ނެތެމުންދާ މަސައްކަތް ދިރުވާ އާލާ ކުރުން.”
ސީމާގެ މަންމަ އައިޝަތު އިބްރާހީމަކީ 74 އަހަރުވެފައި އިންނަމަވެސް ހިންގުންތެރި ހިޔާލު ތަނަވަސް މީހެކެވެ. އެތައް އަހަރެއްގެ ތަޖުރިބާ ހުރި މަސައްކަތް ދަރިފުޅު ކުރަން ފެށުމުން އަދި އެކަންތައް މުޖުތަމައުގެ އެހެނިހެން ފަރުދުންނަށް ދަސްކޮށްދިނުމަށް ސީމާ ކުރަމުންދާ މަސައްކަތުގައި އައިޝަތު އިބްރާހީމް ބަރާބަރަށް ބައިވެރިވެއެވެ.

ސީމާ އޭނާގެ މަންމަ، އައިޝަތު އިބްރާހީމަކީވެސް ޖަމްއިއްޔާގެ މެންބަރަކަށް ހަދާފައި އެޖަމްއިއްޔާ ގުޅިގެން މިމަސައްކަތް ދިރުވާ އާލާ ކުރުމުގެ މަސައްކަތް ސީމާ އިސްމީހަކަށް ވެހުރެ އޭނާގެ މަންމައާއެކު ފެށީ މަންމައަކީ ދުވަސްވެފައިވާ މީހަކަށްވެފައި މަންމަގެ ހުނަރު އަންނަން އޮތް ޖީލުތަކާ ހަމައަށްވެސް ފޯރާނެހެން މިހާރުގެ މި ޖީލަށް އެހުނަރު ދަސްކޮށްދިނުމުގެ ނިޔަތުގައި ކަމަށް އޭނާ ބުންޏެވެ.
މިހާރުވެސް 100އަށްވުރެ ގިނަކުދިންނަށް ޖަމްޢިއްޔާގެ ނަމުގަޔާއި އަމިއްލަޔަށް ވަކިން ވެސް ދަސްކޮށް ދެވިފަ ވާނެކަމަށް ސީމާ ބުންޏެވެ. ވަރަށް ފަހުން އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީ ގައިވެސް މިފަދަ ކޯސްތަކެއް ވަނީ ބޭއްވިފައެވެ. އަދި މެދުކެނޑުމެއް ނެތި މާލޭގައި ވެސް މިފަދަ ކޯސްތައް ދަނީ ބާއްވަމުންނެވެ.

އައްޑޫގައި ހިންގި ކަސަބު ކޯސް….ފޮޓޯ: ސީމާ
“އަޅުގަނޑުމެން ދަސްކޮށްދެނީ ބޭސީކް އިން ފެށިގެން ކިނާރި ކޯހާ ހަމަޔަށް. އޭރުން އެމީހަކަށް އެނގޭނެ ލިބާހުގައި ހިމެނޭ ހުރިހާ ހިރުތަކާއި ރޮނދިގަނޑު ވެސް 2-3 ޑިޒައިނަށް ގަތާށާއި ލިބާހުގައި ހިމެނޭ ބަގިޔާ ހިރުވެސް 2-3 ޑިޒައިނަށް ގަތަން ދަސްވާނެ. އަދި ލިބާހުގެ އަތުގެ ކުރީގައި އިންނަ ކިނާރީގެ 2-3 ޑިޒައިން ވިޔަން ދަސްވާނެ. މީގެ އިތުރުން ލިބާހުގައި ކަސަބު އަޅާނެ ގޮތާއި ލިބާސް ފަހާނެގޮތް ދަސްވެގެން ދާނެ. މަދުންނަމަވެސް ކަސަބު ގަތާމީހުން ތިއްބަސް ކިނާރި ވިޔެ ހަދާމީހުން ރާއްޖޭގައި ވަރަށް މަދުވާނެ.”
ކަސަބު ބޭނުންކޮށްގެން މިހާރު ޓޫރިޒަމަށް ވެސް ބައެއް ތަކެތި އުފައްދައިގެން ނެރޭތީ، މި މަސައްކަތަށް ޑިމާންޑް އެބައޮތެވެ. މިމަސައްތް ރަނގަޅަށް ދަސްކުރެވިއްޖެނަމަ، މީ ފައިދާ ހުރި މަސައްކަތެއް ކަމަށް ސީމާ ބުންޏެވެ.
މިހާރުވެސް ސީމާ އަންނަނީ މާލޭގައި ފަށަން ހަމަޖެހިފައި އޮތް ކޯހާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް
ޚާއްޞަކޮށްގެން ލިބާސް އެއްކޮށް ތައްޔާރުކުރަން ދަސްކޮށްދޭން ޚާއްޞަ އަގެއްގައި އިޢުލާން ކޮށްފައިވާ ކޯސް ފެށުމުގެ ކަންތަކުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ކުރިއަށް މިއޮތް ފެބުރުއަރީ މަހު 1 ގައި މިކޯސް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ސީމާ ބުންޏެވެ.
“އަޅުގަނޑު ކޯސް ހިންގާއިރު ބަލަނީ ކަސަބު ބޯވަޅުގެ އަސްލު ނުގެއްލޭގޮތަށް ކަސަބު ގަތާ ލިބާހުގައި އަޅަން ދަސްކޮށްދެވޭތޯ.”
ސީމާއަކީ އަންހެން ބާރުވެރި ކުރުމަށް ވަރަށް ގިނަގުނަ މަސައްކަތް ކުރަމުންދާ ފަރާތެކެވެ. އެގޮތުން އަމިއްލަ ގޮތުންނާއި ޖަމްޢިއްޔާގެ މެދުވެރިކޮށް ވެސް ތަފާތު ހުނަރު މާލެއާއި ރާއްޖެ ތެރޭގެ އަންހެން ކަނބަލުންނަށް ވަނީ ދަސްކޮށްދީފައެވެ. ހަމައެެހެންމެ މީގެ ކުރިން ސީމާ ވަނީ މާލެއާއި ރާއްޖެތެރޭގައި އަންހެނުންނަށް ޚާއްޞަކޮށްގެން ޕޭސްޓްރިއާއި ކައްކަން ދަސްކޮށްދޭ ކޯސްތަކެއް ހިންގާފައެވެ.
ސީމާއަކީ ހިންގުންތެރި، ޒުވާން ދިވެހި އަންހެން ދަރިއެކެވެ. ގައުމަށް ނަފާވެރި މަސައްކަތްތައް އާލާކުރުމުގައި އަދި އަންހެނުންގެ ކަންތައްތައް ކުރިއެރުވުމުގައި ސީމާއަކީ ނަމޫނާއެކެވެ.

