އަހަންނަގެ ދިވެހި ބަހަ މިވެންނޫ މިކަލެ މާބޮނޑަން ގޮޓެ ޖެހީ ހިހި ވެގޮހޮ. އަހަނެ އަމިއްލާންވޫ މިގޮޓެ މުހައި ހިހި ފެލޮވަން.
މިބޫ ގއ.ވިލިނގިއްލޭ ބަރާސީލު ދިހަރެޔާ. މިދިހަރެޔާ އޮންނައު ދެކޮނުކޮޑު. އޭބޫ ރަޓު ދެކޮނުކޮޑާ ވީފަރާތަން ކަލޭފާނުމަގާ ހުއްސެންތާ ކޮޑާ. ބަރާސީލާއި އެންމެ ގާތު ގޭކަން ހުންނައު ކަނޑުއޮޅިގެޔާ. މަންހީވެންނު މިވަރާން ކިޔައި ދީފީމާއި މިއަތޮޅޭ އެންމެންނަންގަސް ބަރާސީލު ދިހަރެޔާ އޮންނާ ހިސާބާ އެގެންނޭހެން. ކުރިޔޭ ބަރާސީލު ދިހަރޭ ހޭޅިފަޓާ އޮންނައު ގެހާއި ރުކުން ފޮރޮވީ ގޮހޮ. ބަރާސީލު ދިހަރޭ އެހެއިޔަަސް ވެނާއި ގެހާއި ރުކާއި ގިނެވެންނެއި. އެތާ މީހަކުން ހުންނާ ވޭލޭ ފެރޭތެޔާންގަސް އެމީހާ ނުފެނެންނެ ވަރާން އެތާ ޖަންގަލީ ބޮޑެވެންނެއި. އެހެން އޮތެވޭލޭ ބަރާސީލު ދިހަރެޔާ މާރީތި. ރުކާއި ހުރެދި ގެހާއި އެކި ވައްތަރު ވައްތަރު ގެހެ ގިނެ ކަމުން އެވޭލޭ ކޫދު ތިބެންނޫ ބިމަކު ނުޖެހީ މަކުނެ ފޮމަނެހެން އެގެހުން އެނެއް ގެހުން ފޮމެފޮމައި.
ކުރިޔާއި މިކަލާއި ހާސް ތަފާތެ. މިކަލެ ބަރާސީލު ދިހަރެޔާ މިވެންނު ޒަމާނާއި އެއްގޮތަން ވަރަށް ބޮޑަށް ތަރައްޤީ ކެރަފައި. މިދިހަރޭ މިވެނު ކޫދު ކުޅެނެ ޕާކަކާއި ކަސްރަތެ ޕާކަކެ ހަދައިފައި. މިގޮތަން ހެދީމާއި ޚާއްސަކޮން ވަރަށް ގިނެ އަންހެނެ އިޔަތެ އެތަން ކަސްރަތެ ކެރަން. އަދި ރަޓުގެ ކުދެ ބޮޑެ އެންމެނެ އިޔަންނޫ އެޕާކުގެ ބޭނުން އެންމެ އެދެވިގެންވެނެ ގޮތުގައި ބޭނުން ކެރަމުން . ކޮންމި ގޮތަކަން ވިޔަސް ރީތި މާއި އެންމެންނަންގަސް ރީތި. އެންމެންނާސް ބޭނުން ވެންނު ޒަމާނާއި އެއްގޮތަން ތަރައްޤީ ވެންނަން. ކެތަންމި ވަރަކާން ޒަމާނާ ތަރައްޤީ ވިޔަސް އަހަނެ ތިޖެހައި އަމިއްލެ މާދަރީ ބަހާއި ސަޤާފަތެ ދިރުވައި އާލާކެރެން .

އިހު ޒަމާނު މީހަނެ ވެންނޫ ރަޓު އެކި ދިހަރަން އެކި ނަަންނަމެ ދީފައި. ކޮންމި ގޮތަކަން ވިޔަސް ރަޓު ބަހައްކޫ ވަރަށް މުއްސަދި ރީތި ބަހެކެ، އިހު މީހަނެ ތަންތާން ނަމެ ދީފައި ހުންނައު އެތަނާއި ގުޅުން ހުއްޓީ ކޮންމި ޔަސް މީހަކުނާއި ނުންފެހޭ ކޮންމިޔަސް ހާދިސައިކާއި ގުޅުވައިގެން ކަން ފާހަގަ ކެރަން. މިގޮތަން ބަލަނެ ވޭލޭ މަން އެގެނެ ގޮތުން ރަޓު އެކި ދިހަރެ ދިހަރަން ކިޔަނެ ނަމެތަކަށްކޫ.
"ހުއްޓޭ ކޮޑާ، ކޯރާޑާ، ދަރެމަ ކޮޑާ، އައްސޭރިޔާ، ވޮއްޑޭ ދިހަރެޔާ، މާވަށް ދިހަރެޔާ، އަންހެނެ ދިހަރެޔާ، ޖަނަވަރީގޭ ދިހަރެޔާ، ބަރާސީލު ދިހަރެޔާ، ވަޅަގަޑާ، މުއްލޭ ކޮޑާ، ސަތޯ ދިހަރެޔާ، ރާޑަރު ދިހަރެޔާ، ހަވިއްތާ ދިހަރެޔާ އަދި ހުޓެވަރު މެންދޭ ދިހަރެޔާ ".

އަދި ކޮންމި މީހަކުނާސް ވާހާކަ ދައްކަނެ ވޭނޭ ބޮނަން ނެއްޔާ އެމީހަކުނަގެ ގެޔާއި އެންމެ ގާތު އޮންނާ ދިހަރެޔާކޫ އޭބު ގޭދަރު ދިހަރެޔާ ޔޯ. އެގޮތަން އެދިހަރޭކާއި އެންމެ ގާތު ހުންނާ ގޭގެ ވެރިމީހާ ނަމާ ލަހަސް ނަމެކިޔަތެ. ބަލަހެންގޯ ރަޓުބަހަ ރީތިކަން އަމިއްލެ ވަންތަކަން. މިކަލެކަން އާހުފައި މިޒަމާނު ކޫދު މިހަދަން ލިކާއްކޫ މިދިހަރެ ދިހަރާން ކިޔަނެ ނަމެ ޒަމާނާ އެއްގޮތަންގޯ ކިޔަހަ ފަރަންޖީ ބަހަ ލައިފައި ބަދަލެ ކޮށްގެން މިކިޔަންނު. މަގެ ސުވާލާކޫ؟ އިނގިރޭސީ ވިލާތު މީހަނެ އެހެލާނެ ސިޓިޔޭ ތަންތާން ދިވެހި ބަހަލައިފައި ނަމެ ދެންނެޔާ ހޭޔޯ؟ "އަހަނެ ދިވެހީނެ ގައު ހުންނާ މޮޔަކަން ބަލެހެންގޯ! " "އަހަނެ މީބު ކޭންކެރާން ވޮންނެން؟ " މަގެ ވާހަކާއްކޫ ފަރަންޖީބަހަ ފެހޭ މުޅިން ފަރަންޖީ ބަހަ ދިވެހި ބަހަފެހޭ މުޅިން ދިވެހި ބަހަ ބޭނުން ކެރަންވޫ. "ކޮންމިޔަސް އެކެބަހުން ވާހެކެ ދެއްކީމާއިކުން މިކަމާ އެއްތަކަން ވެންނައު". ދެބަހަ އެއްކޮށްގެން ވާހެކެ ދައްކައި މުޢާމަލާތެ ކެރީމާ ދޮފާވީމާއި އަމިއްލެ ވަންތަކަމާއި އަހަންނަގެ އަމިއްލެ ސަޤާފަތެ ގެއްލީގެން އެބިޔަންނެ، މިކަަލެ ޒަމާނާ އެއްގޮތަންގޯ ކިޔަހަ ދިހަރެ ދިހަރަން ކިޔަނެ ބަޔަކު ނަމެ ތަކަށްކޫ ވަޅަގަނޑާ ބީޗް، ޗޫ ބީޗް، ނަޒީހާ ބީޗް، އާމިނެ ބީޗް، ލޭޑީސް ބީޗް، ލަވް ޕޮއިންޓް، އައުޑޯ ޖިމް، ބެންކު ޖެޓިޔާ މިކަހަލެ ނަމެނަމެ،
މި ނަމެނަމެ އަޑެ އިވުނަމާއިޔަސް މަން ދޭހަވެންނު އަމިއްލެ ވަންތެ ސަޤާފަތާއި އަމިއްލެ މާދަރީ ބަހަ އައްޓައި ބޮޑަން މިޒަމާނު ކޫދު ފަރަންޖީ ބަހަދެކެ ލޯބި ވެނެކަމާ. ހަމަޔަގީނުންގަސް އަހަންނަގެ ވެއްޓާއި ގުޅެނެ އަލެ ބަހަބަހަ ގާމުން އަހަނެ އަމިއްލާންގަސް އުފެއްދިޔެންނެއި. ޑރ. އިޔާޒު ޖާދުއް ﷲ ނަސީމު ބޮނީ ލިކާން "ދިވެހި ބަހުގެ ރަދީފާއްކޫ ސިލް ޖަހައިފައި ބަންދު ކެރަފައި އޮންނާ އެއްތަކެ ނުން".

އެހެންވީމާއި ފަރަންޖީ ބަހުން ނުންފެހޭސް ރީތި އަމިއްލެ ވެއްޓާއި ގުޅެނެ ބަހުން ނަމެނަމެ ހަމަ ކިޔަންވޫ. އަހަންނަގެ ދިވެހި ބަހަ މިވެންނޫ މިކަލެ މާބޮނޑަން ގޮޓެ ޖެހީ ހިހި ވެގޮހޮ. އަހަނެ އަމިއްލާންވޫ މިގޮޓެ މުހައި ހިހި ފެލޮވަން. އަދި އަމިއްލާން ވޫ އަލެ ބަހާއި މަފްހޫމެ ދިރުވައި އާލާ ކެރަން. ބަހަ ދިރާސާ ކެރަނެ ބަހުގެ ގިނެ މާހިރުނެ ބޮނެ ފައިވެންނޫ "އެންމެ ބޮޑެ ކުރިއެރުން ލެބީފައިވެނެ ޤައުމެ ތަކަން ކުރި އެރުން ލެބީފައި ވެންނޫ އެބައިކަންނަގެ އަމިއްލެ މާދަރީ ބަހާއި އަމިއްލެ ސަޤާފަތުގެ ސަބަބުންގޯ". އެހެންވެގެން އެ ސަބަބާއި ހެދި އަހަނެ އަހަންނަގެ އަމިއްލެ މާދަރީ ބަހަ ދިރުވައި އާލާކެރަން މިޖެހެންނު.

