ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ހައުސިން ޔުނިޓްތައް އާންމުން ބަލާލުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ)އިން ދައްކާލައިފި އެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ހައުސިން ޔުނިޓްތައް ބަލައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު، ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ)އިން ހުޅުވާލައިފި އެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ މިއަދު މެންދުރު 2 އިން ހަވީރު 4 އަށް އެ ޔުނިޓްތައް ދައްކާލާފަ އެވެ. އަދި މާދަމާއިން ފެށިގެން މެންދުރު 2 އިން އިރުއޮއްސި 6 އަށް އެ ފުރުސަތު އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މިގޮތުން އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައި ވަނީ 12 ވަނަ ޓަވަރުގެ އެޕާޓްމެންޓުތަކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ގެދޮރުވެރިޔާ" ފްލެޓުގައި އާންމުންނަށް ދައްކާލަން ހަދާފައިވާ އެޕާޓްމެންޓެއް….ފޮޓޯ: ޝާމިން
މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.
މީގެ ތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. އަދި އެ 13 ޓަވަރުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހަށް ނިންމާ ރައްޔިތުންނާ ހަވާލުކުރުމަކީ އަމާޒެއްކަމަށް އެކުންފުނިން ބުނެ އެވެ. އެހެން ނަމަވެސް މުޅި މަޝްރޫއު ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ގެދޮރުވެރިޔާ" ފްލެޓުގައި އާންމުންނަށް ދައްކާލަން ހަދާފައިވާ އެޕާޓްމެންޓެއް….ފޮޓޯ: ޝާމިން
މި 4،000 ހައުސިން ޔުނިޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 13،000 ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަކީ 7،000 ރުފިޔާ އެވެ.
މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ މި 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އެފްޑީސީގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

