ގދތިނަދޫ، ސިޓީ އަކަށް ބަދަލު ވެދާނެ ކަމުގެ ފެހި ސިގްނަލެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުް ދެއްވައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތިނަދުއަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދޫއަކީ މުހިންމު ރަށެއް ކަމަށާއި ތިނަދޫ ތަރައްގީކުރަމުން ދަނީވެސް ސިޓީއަކަށް ބަދަލުކުރުމަށް ކަމަށެވެ.
އެގޮތުން ތިނަދޫ ގައި ބައިނަލްއަގުވާމީ ކޮމާޝަލް ޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތާއި ރަށް ކައިރީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ކުރައްވަން ޖެހޭ މުހިންމު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، ތިނަދޫ ކައުންސިލުގައި އެކަމަށް ބޭނުންވާ އާބާދީގެ ފުރިހަމަ އަދަދެއް ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން….ފޮޓޯ:މުހައްމަދު އަހުތަރު،ހުވަދޫނިއުސް
"ބަރާބަރަށް ސިޓީއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ނިންމާނަން އަޅުގަނޑު. މިއަދު އަޅުގަނޑުމެން ކައުންސިލުގައި އެދިފަވާނެ ދެން ހުރި ކަންތައް، އާބާދީގެ އަދަދާ އެއްޗެހި އަޅުގަނޑުމެންނާ ހަމައަށް ފޮނުވަދޭން. އިރާދަކުރެއްވިއްޔާ އިންތިހާބަށްފަހު ލަސްތަކެއް ނުވެ، މި ރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު އަންނާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން….ފޮޓޯ:މުހައްމަދު އަހުތަރު،ހުވަދޫނިއުސް
އެމްޑީޕީ ތިނަދޫ ހަރުގޭގައި އެ މަނިކުފާނަށް ތާއީދު ކުރާ އެ ޕާޓީގެ މެމްބަރުންނާ މިއަދު މެންދުރު ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ދެން އެ މަނިކުފާނު ތިނަދޫ އަށް ވަޑައިގަންނަވާނީ ތިނަދޫ ސިޓީ އަކަށް ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށް ކަށެވެ.
ތިނަދޫ ކައުންސިލުން މިހާރު ދަނީ ސައްޙަ އާބާދީ ގެ އަދަދެއް ލިބޭތޯ އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ.
ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ނުލިބިގެން އުޅެނީ އާބާދީ 10000 އަށް އަރާފައިވާ ކަމުގެ ސައްޙަ ލިޔުމެއް އިދާރީ ގޮތުން ފެންނާން ނެތުމުންނެވެ.

