ދިމާވާ ގިނަ ކަންތައްތަކުގައި އަމިއްލަ ނަފުސު ފިނޑިކަން އިހުސާސް ކުރަނީ ކީއްވެގެން ކަން އެނގޭ ހެއްޔެވެ.
މީހަކު ތިމާއާ ދިމާއަށް ހިތު ހުރިހާ އެއްޗެއް ކިޔައި ވައް ބަހުން ގޮވައި ހިތު ހުރިހާ ގޮތެއް ހަދާ އިރު ވެސް ހިމޭނުން ހުންނަނީ ކީއްވެގެން ހެއްޔެވެ.
ދާދި ގާތުގައި ނުހަނު ލޯބިން އުޅެ އުޅެފައިމެ ތިމާ ހަމަ އެއްފަރާތަކަށް ޖެހިލާއިރަށް ތިމާގެ ބޮލުން ފެށިގެން ފަޔަށް ނޮޅާ ކާލާ އިރުވެސް ހަމަ އެ މީހާ އަކީ އެންމެ ގާތް މީހާ ކަމުގައި ދެކެވެނީ ކީއްވެގެން ހެއްޔެވެ.
ހަމަ ދިމާއަށް ފެންނަން އޮތް ކަމެއްގައި، އެކަމެއްގެ ސަބަބުން ތިމާއަށް އޮތީ ބޮޑު ވެގެންވާ ދެރައެއް ނޫނީ ގެއްލުމެއް ކަން އެނގޭ އިރުވެސް ހަމަ ޖެހިލުންވެ ހުރުމާ އެކުވެސް ނޫނެކޭ ބުނަން ނުކެރެނީ ކީއްވެ ހެއްޔެވެ.
ތިމާ އަށް ފައިދާ އެއް ނެތް އެހެން މީހުންނަށް ފައިދާ ވާ ތިމާއަށް ގެއްލުން އޮތް ކަމެއްގައި ވެސް ނޫނެކޭ ބުނަން ނޭނގެނީ ކީއްވެ ހެއްޔެވެ.
ނުކެރުން، ނޭނގުން، ނުކެރޭތީ ބުނަން ނޭނގުން، މިއީ ވަަރަށް އާންމު މައްސަލަ އެކެވެ.
ދާދި އިހަކަށް ދުވަހު ކޮފީޝޮޕެއްގެ މޭޒުދޮށެއްގައި އިންދާ ލޮލަށް ފެނުނު މަންޒަރެކެވެ. ދެމަފިރިއަކު މެންދުރުގެ ކެއުމެއް ގެނެސްގެން ކާން ތިބިއިރު އެމީހުން ގާތުގައި އެހެން އަންހެނަކާ ވަރަށް އޮލަ ވާހަކަ އެއްގައި ތިބޭތާ ހައެއްކަ މިނެޓު ވެއްޖެ އެވެ. އެހާ އިރުން ހަމަ އެތަނުން އެހެން މޭޒެއްގެ ދޮށުގައި އިށީނދެގެން ތިބި، ދެބައި އުމުރުގެ ދެ މީހަކާއި ޒުވާން އެކަކެވެ. ދެ މޭޒު ހުރީ ޖެހި ޖެހިގެން ކަހަލަ ގޮތަކަށެވެ. ރީއްޗަށް ވާހަކަ ދައްކާ ހީނ ސަމާސާ ކުރަން ތިބި މީހުން ކުއްލިއަކަށް ހޯބޯ ލަވައިގެންފި އެވެ. ދިޔައީ ހޫނު ޒުވާބެކެވެ.
ދެ އަންހެނުން ތިބި މޭޒު ދޮށުގައި އިން ފިިރިހެން މީހާގެ އަނބިމީހާ އިނީ ހިމޭނުން މަޑުމަޑުންނެވެ. އޭނާގެ ފިރިމީހާ ކުރަމުން ދިޔަ ޒުވާބު ހުއްޓުވޭތޯ މަސައްކަތް ކުރުމަށް ފިރިމީހާގެ އަތުގައި ހިފައިގެން ހަމަ އެއިން ގޮތަށް ހިމޭނުން އިނީ އެވެ. އެންމެ ފަހުން ފުންމައި ގަތުމަކާއެކު ފިރިމީހާގެ އަތް އިސް ކުރެވި، އަނެއް ގުރޫޕުގަ އިން ނުރަ ބޮލުގެ ވެރިމީހާގެ ލޮލުގައި ހުރި އައިނު ވެސް އޭނާގެ މޫނަށް ތަޅާ ފިސްކޮށްލީ އެވެ. އަނބިމީހާ އޭނާގެ ފިރިިމީހާ އަތުގައި ހިފައިގެން ދާން ހިނގައިގަތުމުން އެމޭޒާ ހަމަވެފައި،
“ކަލޭ ހަމަ ތި ހަސަދައިގަ އަނދަ އަނދާ ހުންނަން ޖެހޭނީ. މަގޭ އަނބިމީހާ އަކީ ރޯނު އެދުރެއް ނޫނޭ. ކަލޭހެން ފޮތުގެ ބަނޑޭރި ގަނޑު ބަލާފައި ފަތުވާ ދެމުން ނު ހިނގާނެ. ދެންވެސް އަނބިމީހާއާ ނުބެހޭން ހަނދާން ހުންނާނެ އެއްނު.”
ފިރިމީހާ މިހެން ބުނީ އެދެވަން ފުރައަށް ވުރެ މައްޗަށް އުމުރުން ދުވަސް ވެފައިވާ ފިރިހެންމީހާގެ ކަންފަތާ ކައިރިން ބާރަށެވެ.
ދިމާވެގެން މިއުޅޭ ކަމަކީ އަންހެންމީހާގެ މައްސަލައެއްކަން އެނގުނީ ތަނުގެ ވެއިޓަރަކު އައުމުން ކިހިނެއްވާ ކަމެއްތޯ އަހާލީމަ އެވެ.
“އެއީ ޑޮކްޓަރު އަހައްމަދެއްނު. ނޭނގޭ އެއްޗެއް ނޯންނާނެ. އެކަމަކު ދުވާލު ހަތަރުދަމު ވައުޟު ކިޔަން މިތަނުގަ އިންނާނީ. އޭރުންތާ އަންނަހާ ބައެއްްގެ އަތުން ކޮފީ ބޯލައިގެން އެހެން އުޅެވޭނީ. ރޯނު އެދުރުކަން ފަޅާ އަރުވާލި ހިސާބުން އެއަންހެން މަންޖެއާ ދިމާ ކުރުމާއި އެކުއްޖާ ބަދުނާމު ކުރަމުން ދުވަނިކޮށް ލަނޑެއް ލިބިއްޖެ އެއްނު މިއަދު. މާ މާލޭ ބޭފުޅަކަށް ހެދިގެން އުޅޭނީ، މައިންބަފައިން ދިނީމަ ކައިގެން ބޮއިގެން އުޅޭނީ. އަތޮޅު ތެރޭ ކުއްޖަކު ވަރުގަދަ ވަޒީފާއެއްގައި ނުވަތަ މޮޅު މީހަކަށް ވެއްޖެ ނަމަ އޭނައަކަށް އެކަން ހަޖަމެއް ނުވާނެ. ދެރަ ކަމަކީ އޭނައާއެކު އުޅޭ އެންމެނަށް މިހުރިހާ ކަމެއް އެނގޭއިރު އޭނާގެ ރައްޓެހިންނަށް ސީދާ ދިމާލަށް އެކަންތަކާ ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރޭކަން. ކަނޑައެޅިގެން އޭނަ ދައްކަނީ ދޮގު ވާހަކައެއްކަން އެނގޭއިރުވެސް ނޫނެކޭ ތިއީ ދޮގެކޭ، މިވަރު ބުނެލަން ކެރޭ އެކަކުވެސް ނެތްކަން. ކިރިޔާވެސް ދިމާއަށް ރައްދެއް ދޭން ކެރުނު މީހާ މިއަދު ތި ފެނުނީ.“
ވީ ގޮތް އެނގުނީ އެވެ. ދިވެހިންގެ ތެރޭގައި އޮންނަ އާންމު މައްސަލަ އެކެވެ. އަބުރު ކަތިލުމެވެެ. އާދައިގެ ރަށްފުށުގެ ނިކަމެތި އަންހެން ކުއްޖަކު މާލޭ މީހަކާ އެއް ހަމަވާނެ އެއްވެސް ގޮތެއް އެމީހުންގެ ނަޒަރުގައި ނޯންނާނެ އެވެ. ދިމާއަށް ކޮންމެ ވައްތަރަކަށް ވާހަކަ ދެއްކިޔަސް ހަމަ އެމީހާ އެއްފަރާތަކަށް ޖެހިލާއިރަށް ހިތަށް އައިހާ ގޮތަކަށް ވާހަކަ ދައްކާނެއެވެ. އެއްވެސް ހާލެއްގައި އިންސާނިއްޔަތުކަމެއް ނުހުންނާާނެ އެވެ. އެކަމަކު ހަމަ ކުރިމަތިން ފެންނަ އިރަށް އެއީ އެންމެ ރަނގަޅު މީހާ ކަމުގެ ދައުވާ އުފުލާ ވަރަށް ހުޝާމަދުވެސް ކުރާނެއެވެ.
ދެފުށް ދެގޮތް ވުމާއި މުނާފިގު ސިފަ އަކީ މިފަދަ މީހުންގެ އެންމެ ގާތް ބައިވެރިޔާއެެވެ. މީގެ އެންމެ ހިތާމަ ހުރި ކަމަކީ އެއްކަލަ މީހާ ކަނޑައެޅިގެން އެ ކަތިލަނީ މައުސޫމު މީހެއްގެ އަބުރު ކަން އެނގުނަސް އެއާާ ދެކޮޅަށް ބަހެއް ބުނަން ކެރޭ މީހަކު ނުހުންނަ ކަމެވެ. ސީދާ ދިމާ ކުރިމަތީގައި އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމެއް ނޯވެއެވެ. އެކަމަކު ހަމަ އެމީހާ ނެތްތާނގައި އޭނާއަކީ މިވެނި އެވެނި މީހެކޭ ކިޔަން ކެރޭނެ އެވެ. މިއަށް ކިޔާނީ ދެފުށް ދެގޮތް ވުން ނޫނީ ދެމޫނު ދެއްކުން ނޫން ދެން އެހެން ކީކޭބާވައެވެ! މިއަށް މުނާފިގޭ ނުކިޔާ ކިޔާނެ އެހެން ނަމެއް އެބައޮތް ބާވައެވެ؟

