ގދ ތިނަދޫ ގައި މީގެ 10 އަހަރު ކުރިން ސަރުކާރުން ހިންގަން ފެށި ޕްރައިމަރީ ސްކޫލެއް ކަމުގައިވާ ތިނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް އެ ސްކޫލުގެ ހުޅަނގު ފަރާތުގައި އޮތް ހުސް ބިން، ބްރިޖަކުން މަގު ހުރަސްކޮށް ގުޅާލާ ގޮތަށް ތިނަދޫ ސްކޫލަށް ދޭން ކައުންސިލުން ނިންމައިފިއެވެ.
މިކަން އިޢުލާން ކޮއްފައި ވަނީ ތިނަދޫ ސްކޫލަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން، ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ އެވެ.
ރޭގެ ޖަލްސާ ގައި ސައުދު ވިދާޅުވީ ތިނަދޫ ސްކޫލްގެ ޖާގައިގެ ދަތި ވާހަކަ އަކީ ފާއިތުވި 10 އަހަރު ވެސް ދައްކަމުން އަންނަ އަދި މަޝްވަރާ ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި ސޮއި ކޮށް މިނިސްޓަރީ އޮފް އެޑިއުކޭޝަން އާ ބިން ހަވާލު ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް ސައުދު ޢަލީ މިއަދު ވިދާޅުވީ މީގެ ކުރިން ތިނަދޫ ކައުންސިލާ އެކު ކުރަމުން ދިޔަ މަޝްވަރާ ތަކަށް ފަހު، ތިނަދޫ ސްކޫލްގެ ހުޅަނގު ފަރާތުގައި އޮތް ހުސް ބިން ސްކޫލަށް ދިނުމަށް ނިމި ދިޔަ ދައުރުގައި ކައުންސިލުން ވަނީ ނިންމާފައި ކަމަށާއި ބިން ޙަވާލު ނުވެ އޮތީ މިނިސްޓްރީ ލިބެން ޖެހޭ ރިކުއެސްޓް ސިޓީ ނުލިބިގެން ކަމަށެވެ. ނަމަވެސް މިހާރު އެ ސިޓީ ލިބިފައިވާ ކަމަށާއި މި ހަފްތާގެ ތެރޭގައި އެ ބިން ހަވާލު ކުރާނެ ކަމަށެވެ.
ރައީސް ސައުދު ވިދާޅުވީ އެ ބިން އޮންނަނީ، ބިމާއި ސްކޫލާ ދެމެދު ބޮޑު މަގެއް އޮންނަ ގޮތަށް ކަމަށް ވުމުން ބިމާއި ސްކޫލް ގުޅާލެވޭނީ ބްރިޖަކުން ކަމަށާއި އެނޫން ގޮތަކަށް ގުޅާ ލެވެން ނެތް ކަމަށެވެ. އަދި މިހާރުވެސް އެ މަގަކީ ތާރު އަޅައި ހަދާފައިވާ މަގަކަށް ވެފައި އެއީ ރަށުގެ މުހިންމު މަގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ސްކޫލަށް އިތުރު ބިމެއް ލިބިއްޖެ ނަމަ، އެތަނުގައި އިމާރާތްތައް އެޅުމުގައި ކަންކުރާނެ ތާރީޚަކާއި މުއްދަތާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ތިނަދޫ ކައުންސިލާ މަޝްވަރާ ކޮށްފައެއް ނުވެ އެވެ.
ތިނަދޫ ސްކޫލާ ގުޅާލެވޭ ބުރިޖަކަށް ބަދަލު ކުރަން ކައުންސިލުން ނިންމާފައިވާ 30000 ވަރަކަށް އަކަ ފޫޓުގެ ބްލޮކަކީ، ތިނަދޫ ޕަބްލިކް ހެލްތާއި ގުޅުން ހުރި މަސައްކަތްތައް ހިންގުމަށް ރަށު ޗާޓުގައި ފާހަގަ ކުރެވިފައިވާ ބިމެކެވެ. މި ބިން ހުސްކޮށް އޮންނަތާ މިހާރު 22 އަހަރު ވެއްޖެއެވެ.

