ރާއްޖޭގެ އެންމެ ވަރުގަދަ ކުންފުނިން ބުނީ މިދިޔަ އަހަރަކީ އެކުންފުނީގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ.
ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އަދި މިއަހަރަކީ އެސްޓީއޯއަށް އާމްދަނީގެ ގޮތުންވެސް އަދި ފައިދާގެ ގޮތުންވެސް މީގެ ކުރިން ނުލިބޭޭ ވަރުގެ ކާމިޔާބެއް ލިބުނު އަހަރެއް ކަމަށެވެ.
އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ރިޕޯޓް، އެ ކުންފުނީގެ ވެބްސައިޓުގައި ޕަބްލިޝްކޮށްފަ އެވެ.
ކުންފުނީގެ ހިސާބުތައް ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ވެސް އެސްޓީއޯއަށް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓަރެއެކޭ އެއްފަދައިން، އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި 4 ވަނަ ކުއާޓަރުގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާއިރު 3 ވަނަ ކުއާޓަރުގައި ލިބިފައި ވަނީ 255 މިލިއަން ރުފިޔާ އެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ 4 ވަނަ ކުއާޓަރުގައި ލިބިފައިވާއިރު، 3 ވަނަ ކުއާޓަރުގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާ އެވެ.
ކުއާޓަރުގެ ހިސާބުތަކާއެކު، އެ ކުންފުނިން ވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން، 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލްކޮށްފަ އެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިއީ 52 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތަކުގެ އުސޫލުތައް ހަރުދަނާ ވުމެވެ. އަދި، ޖުމްލަ ފައިދާ އިތުރު ކުރެވިފައި ވުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

