މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރީން، މީގެ ކުރިން މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ނަގަމުން އައި އަދަދަށް 1285.20 ރުފިޔާ އިތުރުކޮށް، 5777.45 ރުފިޔާ އިން 7062.5 އަށް ވަނީ ބަދަލު ކޮށްފި އެވެ.
“މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށް ވީ ހިނދު އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ ވަރަށް ފައިސާ ހުރެ އެ ފައިސާ ހުންނަތާ ހިޖުރީ އެއް އަހަރުވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ 40 ބައިކުޅަ އެއްބައި ނެރުމަށް ނަސޭހަތްތެރި ވަމެވެ.” އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.
ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުގައި ކަމަށްވާތީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ވެސް ބަދަލު ގެނައީ ކަމަށް ވެއެވެ.
ނިސޯބު ހަމަވާ އަދަދަށް، ބޭންކުގައި ނޫނި އަތުގައި ވިޔަސް ފައިސާ ހުންނަތާ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން އެމީހާގެ މައްޗަށް ވާޖިބުވާނެ އެވެ.

