ގއ ވިލިނގިލީގައި ޒުވާނުން ތަކެއް އިސްނަގައިގެން 2019 އިން ފެށިގެން ސިލްލިލާކޮށް ކުރިޔަށް ގެންދާ "ސާފު ވިލިނގިލި" ގެ ނަމުގައި ކުރިޔަށްގެންދާ ހަރަކާތައް ވަރަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ. ވިލިނގިލީ 15 ވަރަކަށް ޒުވާނުން އިސް ނަގައިގެން ފެށި "ސާފު ވިލިނގިލި" ހަރަކާތަކީ ރަށް ސާފު ކޮށް، ރީތިކޮށް ބޭއްވުމާއި މީހުން މިކަމަށް ހޭލުންތެރި ކުރުމުގެ މަޤުސަދުގައި "ރަށު ވަންތަ ރޫޙެއްގައި" ފެށި ހަރަކާތެކެވެ.
މި ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު "ހުވަދޫ ނިއުސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ‘ މީގެ 3 އަހަރު ކުރިން ފެށި "ސާފު ވިލިނގިލި" ހަރަކާތްތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކޮށްފައިވާ މަސައްކަތަކީ އުކާލެވިފައިވާ ޕްލާސްޓިކް ބޮޑު ހޮޅި ތަކެއް އަމިއްލަ ވަކި ޑިޒައިނަކަށް ފަރުމާކޮށް "ޑަސްބިން" ތަކެއް ތައްޔާރު ކުރުމަށްފަހު ރަށުގެ އެކިސަރަހައްދު ތަކުގައި ބެހެއްޓުމެވެ. މިގޮތަށް ފުރަތަމަ ހަރަކާތުގައި 100 އަށް ވުރެ ގިނަ ޑަސްބިން ރަށުގެ އެކިސަރަހައްދު ތަކުގައި ބެހެއްޓިކަމަށް ވެއެވެ.

އޭނާ މީގެ އިތުރުން ބުނެފައިވަނީ އެމަސައްކަތް ފެށިގެން ދިޔަތަނާހެން ކޮވިޑް-19 އާއި ކުރިމަތި ލާން ޖެހުނު ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. އަދި އޭގެ ފަހުގައި މިހާރު އަނެއްކާވެސް ކުރިން ފެށި މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިން ބެހެއްޓި ޑަސްބިންތައް ސާފުކޮށް މަރާމާތް ކުރުމުގެ އިތުރު 50 "ޑަސްބިން" މިހާރު ބަހައްޓާފައިވާ ކަމަށެވެ.

"ސާފު ވިލިނގިލި" ހަރަކާތްތަކުގައި އިސްނެގި ޒުވާނުންނާއި އެކުގައި މުޅި ވިލިނގިލި މިހާރުމިވަނީ މިހަރަކާތް ކުރިޔަށް ގެންދިޔުމަށް އަތުކުރިއޮޅާލައި ގުޅިލާމެހިފައެވެ. އެބަޔަކަށް ވެވެންއޮތް އެއްބާރުލުމާއި އެހީތެރިކަމެއް ދީގެން މި ހަރަކާތްތައް ސިލްސިލާކޮށް މިހާރު ކުރިޔަށް ގެންދާއިރު އެންމެ ބޮޑު އެހީތެރި ކަމެއް ލިބެނީ "ގއ ވިލިނގިލީ ކައުންސިލުން" ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. އަދި ޑަސްބިން ތަކަށް އަޅާ ކުނި ނަގާ އުކާލުން ކުރިޔަށް ގެންދަނީ ކައުންސިލުން ކަމަށާއި ކޮންމެ ކަމަކަށް ބޭނުންވިޔަސް ވެވެންއޮތް ކޮންމެ ކަމެއްގައި އެހީތެރި ކަމެއް ވާން ވިލިނގިލީ ކައުންސިލް ފަސް ނުޖެހޭ ކަމަށް "ހުވަދޫ ނިއުސް"އަށް މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުންފައި ވެއެވެ.

"ސާފު ވިލިނގިލީ ހަރަކާތުގެ ބައިވެރިން" ބުނެފައި ވަނީ މިހާރުވެސް މިކަން ކުރިޔަށްގެންދަނީ ހުއްޓުމެންނެތި ކުރަމުންދާ ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި މިހަރަކާތް ތައް ވަރަށް ބޮޑަށް ފުޅާކޮށް ތަރައްޤީ ކުރާނެ ކަމަށެވެ. މީގެއިތުރުން ވަރަށް ގިނަ މުޙިއްމު މަސައްކަތްތަކެއް ކުރަން ރާއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ގއ ވިލިނގިލީ ފާހަގަ ކުރެވިފައިވަނީ ރަށުގެ އިޖްތިމާއީ ކަންކަމުގައި ވަރަށް ގުޅިގެން މަސައްކަތްކުރާ ސާފު ތާހިރު ކަމަށް ލޯބިކުރާ އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ނަމޫނާ ރަށެއްގެ ގޮތުގަ އެވެ.
ފޮމަންނޫ ހުޓަވަރުން މަހަ އޮތެކޮޑާން އަދެ ރީތި ވިލިގިއްލާ
އަރަންނޫ އެމޭ އަރަންނޫ އެމޭ ހުރެންދެން މިއޮތެ ވިލިގިއްލާ

