"ވަރަށްބޮޑަށް ކަންކަން ދަންނަ ލީޑަރަކާއި އެކު މަސައްކަތް ކުރަން ފުރުޞަތު ލިބުމަކީ ނަޞީބެކެވެ."
"ހުރިހާ ކަމެއް ދަންނަ ލީޑަރަކާއި އެކު މަސައްކަތް ކުރަން ލިބޭ ފުރުޞަތަކީ ހަލާކެއްފަދަ ކަމެކެވެ."
މަތީގައިވާ ދެޖުމްލައިގެ ޢިބާރާތަށް ވިސްނަވާލައްވާށެވެ. ވަރަށްބޮޑަށް ކަންކަން ދަންނަ ލީޑަރަކު ނަމަ އެމީހަކު މަސައްކަތް ކުރާނީ އެމީހެއްގެ ޓީމާއިއެކުގައި ހެދިބޮޑުވެ ކާމިޔާބަށް ވާޞިލްވާނޭ މާޙައުލެއް އުފެއްދުމަށެވެ. ލީޑަރަށް ހުރިހާކަމެއް އެނގިދަސްވެފައިވާނަމަ ލީޑަރަކަށްވުރެ އެމީހަކު ވައްތަރުވާނީ "ވެރިޔާ" ނުވަތަ "ބޮސް" އަކާއި އެވެ. އެފަދަމީހުން އެމީހުންގެ ޓީމާއިއެކު މަސައްކަތެއް ނުކުރާނެއެވެ. އަދި އޭނަ އުއްމީދު ކުރާނީ އަބަދުވެސް އޭނަގެ ޓީމު (އެއްމެން) އޭނަޔަށް މަސައްކަތް ކޮށްދިނުމަށެވެ.
ތިމާއަށް ހުރިހާ ކަމެއް އެގޭކަމަށް ޤަބޫލުކޮށްގެންތިބޭ ލީޑަރުން އަނެކުންގެ ބަހެއް ނާހާނެއެވެ. ޢަމުދުން އެމީހުން ބަސް އަހާކަށްވެސް ނުޖެހޭތާއެވެ؟ އަނެކުންގެ ބަސް އަހަންޖެހެނީ އިތުރު އެއްޗެއް ދެނެގަންނާށެވެ. ތިމާއަށް ހުރިހާ އެއްޗެއް އެނގޭއިރު އަނެކުންގެ އަޑު އަހާކަށް ނުޖެހޭނެތާއެވެ؟
އެއްވެސްމީހަކު އަނެކުންގެ އަޑު ނޭހުމަކީ ވަރަށްބޮޑު ގޯހެކެވެ. އެއްމެ ކާމިޔާބު މީހުންވެސް ކޮންމެ ދުވަހަކު އައު ކޮންމެވެސްކަމެއް ދަސްކުރެއެވެ. އޭގެތެރެއިން ގިނަ ކަންކަން އެމީހުން ދަސްކުރަނީ އަނެކުންގެ އަޑު އަހައިގެން، އެއިން ލިބޭ މަޢުލޫމާތުންނެވެ. ލީޑަރޝިޕް މަޤާމްތަކުގައި ތިބޭމީހުން އަނެކުންގެ އަޑުނޭހުމުގެ ނަތީޖާތައް ވަރަށް ގޯސް ވާނެއެވެ.
އަނެކުންގެ އަޑު ނާހާ ލީޑަރު އޭނަގެ އެއުޅުމާހެދި އޭނަޔާއިއެކު މަސައްކަތްކުރަންތިބޭ މީހުންގެ މަސައްކަތުގެ ރޫޙު ގެއްލުވާލައެވެ. އެހެން މީހުންގެ އަޑުނާހާ ލީޑަރަކަށް އޭނަޔާއިއެކު މަސައްކަތްކުރަން ތިބޭމީހުން މަސައްކަތަށް ޝައުޤުވެރިކުރުވަން އެހީތެރިވާނީ ކިހިނެއްކަން ދެނެގަންނާނޭ ގޮތެއް ނޯވެއެވެ. ތިމާއާއިއެކު މަސައްކަތް ކުރަންތިބޭ މީހުންނާއިމެދު ތިމާ އަޅާލާކަން ދޭހަކޮށްދޭނޭ ގޮތެއްވެސް އެފަދަ ލީޑަރުންނަކަށް ނޯވެއެވެ. އަނެކުންގެ އަޑުނާހާ ލީޑަރުންނަށް އެކުގައި މަސައްކަތްކުރަންތިބޭ މީހުންގެ ކޮމިޓްމެންޓް (ހިތާއި ރޫޙުން މަސައްކަތުގައި މަޝްޣޫލު ވުމެއް) ނުލިބޭނެއެވެ.
އަނެކުންގެ އަޑުނާހާ ލީޑަރު ފުއްދާލައިގެން ހުންނަންޖެހެނީ އަނެކުން ކައިރީ ތިމާ ބުނީމާ ބުނާމިންވަރަށް މަސައްކަތް ކުރުމާ ހަމަޔަށެވެ. އަނެކުންގެ ކޮމިޓްމެންޓް (ހިތާއި ރޫޙުން މަސައްކަތުގައި މަޝްޣޫލު ކުރުވުމާއި) ހަމަޔަށް އޭނަޔަކަށް ވާޞިލެއް ނުވެވޭނެއެވެ. އޭނަޖެހޭނީ އަނެކުންގެ
އުފެއްދުންތެރިކަން ހޯދުމަށް ގަދަކަން ދައްކާށެވެ. ނަތީޖާއެއްގެގޮތުން އެފަދަ ލީޑަރުންނަށް އަނެކުން ލައްވައި ކަންތައްތަކެއް ކުރުވޭނެވެސް މެއެވެ. ނަމަވެސް އެކަންކަމުގެ ފެންވަރާއި، އެއިން ކޮންމެ ކަމެއް ކުރެވިފައި އޮންނާނެ މިންވަރު ވަރަށްވެސް ކުޑަވާނެއެވެ.
ލިޔެވިފައި އޮންނަ މިންވަރަށް ނުވަތަ ބުނެލާ މިންވަރަށް ކަންކަން ކޮށްލުމުން ވެސް އެތަނެއް ހިގަމުން ދާނެއެވެ. ނަމަވެސް ކޮމިޓްމެންޓް (ނުވަތަ ހިތާއި ރޫޙުން މަސައްކަތުގައި މަޝްޣޫލު ކުރުވައިގެން) އަނެކުން ލައްވައި މަސައްކަތްކޮށްގެން ތަނެއްގެ މަސައްކަތް ދާނެ ބާރުމިނާއި ގާތަށްވެސް ނުދާނެއެވެ.
ކުޅަދާނަ މުޢާމަލާތް ކުރުންތެރިއަކަށްނުވެ ކުޅަދާނަ ލީޑަރަކަށްވުމަކީ އެއްގޮތަކަށްވެސް ނުވުމާއި ގާތް ކަމެކެވެ. އަނެކުންގެ އަޑުނާހާ ލީޑަރު ޤަބޫލުކުރާގޮތުން މުޢާމަލާތް ކުރުމަކީ ހަމައެކަނި ވާހަކަދެއްކުމެވެ. އެހެންވެ އެފަދަ ލީޑަރުގެ ކަމަކީ އަބަދާއި އަބަދު ވާހަކަދައްކައި، އޭނަގެ ވާހަކަ އަނެކުން އަޑުއަހަން ޖެއްސުމެވެ. އަނެކުން ވިސްނަންވީ ކަންކަމަކީ ކޮބައިކަން ބުނާނީ އޭނައެވެ. އަނެކުން ވިސްނަންވީގޮތް ބުނާނީވެސް އޭނައެވެ. އަނެކުން ވިސްނަންވީ ވަގުތުވެސް ބުނެދޭނީ އޭނައެވެ.
މުޢާމަލާތް ކުރުމަކީ އަޑުއެހުންވެސް މެއެވެ. ޢަމުދުން މުޢާމަލާތް ކުރުމުގެ ބޮޑުބަޔަކީވެސް އަޑުއެހުމެވެ.
އަޑުއަހާ ލީޑަރުން އެމީހުންގެ އަމިއްލަ ނަފްސަށް ދަސްކުރާނޭ ފުރުޞަތު ދެއެވެ. އެފަދަ ލީޑަރުން ތަފާތު އެކި ވަޞީލަތްތަކުން މަޢުލޫމާތު ލިބިގަތުމަށް އަމިއްލަ ނަފްސަށް ފުރުޞަތުދީ، އެމަޢުލޫމާތުގެ އަލީގައި ކުރެވިދާނޭ ޢަމަލުގެ މައްޗަށް އެމަޢުލޫމާތު ބައިބައި ކޮށްލައެވެ.
އަޑުއެހުމުގެ ފަންނުވެރިކަމުގެ ބޭނުންހިފާ ލީޑަރުންނަށް އެމީހުންގެ އަމިއްލަ މަސައްކަތާއިމެދު ބޭނުންތެރި ފާޑުކިޔުމާއި ޚިޔާލުތައް ލިބެއެވެ. އަދި އެފަދަ ލީޑަރުންގެ ޓީމާމެދު އަނެކުން ދެކޭގޮތް ސާފުވާން ފުރުޞަތު ލިބެއެވެ. އެކަމުގެ ސަބަބުން ވަކިވަކި ބައެއް މީހުންނަށް ފުރުޞަތު އޮންނަ މާޙައުލެއްގެ ބަދަލުގައި އެއްމެންގެ ބައިވެރިވުން އޮންނަ މާޙައުލެއް ޤާއިމް ކުރަން އެފަދަ ލީޑަރުންނަށް މަގުފަހި ވެއެވެ.
ތިމާ އަނެކުންނާއި އަޅާލާކަން އެމީހުންނަށް އިޙްސާސް ކޮށްދޭނޭގޮތް އަނެކުންގެ އަޑުއަހަން ބޭނުންވެފައި ހުންނަ ލީޑަރަށް ވަރަށް ސާފުކޮށް އެގޭނެއެވެ. އަނެކުންގެ ތެރެއިން ޤާބިލް މީހުންނާއި، އިތުރު ކުރިއެރުން ބޭނުންވާ މީހުން އެފަދަ ލީޑަރަށް ވަރަށް ސާފުވާނެއެވެ. އަދި އެކަންކަމުގެ އަލީގައި އެއިން ކޮންމެމީހަކަށް ކުރިއަށް ދެވޭނޭހެން އެމީހުންގެ މަޤާމާއި ޙައިޘިއްޔަތު ހަމަޖައްސަން އެފަދަ ލީޑަރަކަށް އެގޭނެއެވެ.
އަޑުއިވުމަކީ ޤުދުރަތުން ދެއްވާ ނިޢުމަތެކެވެ. އެކަމަކު އެނިޢުމަތުގެ ބޭނުންކޮށް ރަނގަޅަށް އަޑުއެހުމަކީ ކޮންމެ މީހަކަށްވެސް ޤުދުރަތުން ދެއްވާފައިވާ އިޚްތިޔާރެކެވެ. ތިމާއާއިއެކު މަސައްކަތްކުރަން ތިބޭމީހުންނާއި، ޚިދުމަތް ލިބިގަންނަ މީހުންނާއި، ތިމާ ލީޑަރެއްގެ ގޮތުގައި ކުރިއަށްދިއުމަށް ކުޑަނަމަވެސް އެހީތެރިކަމެއްވާ މީހެއްނަމަ އެމީހެއްގެ ބަސް ރަނގަޅަށް އަޑުއެހުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ލީޑަރޝިޕްގެ ގިނަ ސިފަތައް ލިބިފައިވާ ޙަޤީޤީ ލީޑަރުން އިޚްތިޔާރު ކުރެއެވެ.
އަޑުއެހުމަކީ ކުރަންވީ ކަމެއްކަން (މިހާތަނަށް) އިޚްތިޔާރު ކުރެވިއްޖެ ހެއްޔެވެ؟ އަދި ނުކުރެވޭނަމަ އެއީ ވަރަށް ކުޑަކަމަކުން ކުރެވިދާނެ ކަމެކެވެ. ތިމާ އަމިއްލައަށް ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓިހުރެ، އެލޯގަނޑުން ތިބާއާއިދިމާލަށް ބަލަންހުރި ތިބާގެ ސޫރައަށްބުނާށެވެ. ތިބާ އަދި ދަސްކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުއްޓެވެ. އެއަށްފަހުގައި ވާހަކަދެއްކުން މަދުކޮށް އަޑުއެހުން ގިނަކުރަން ފަށާށެވެ. އަބަދުވެސް ވާހަދައްކާއިރު ހަނދާން ބަހައްޓަންވީ، ވާހަކަދެއްކުންގިނަ ކުރެވޭނަމަ އަޑުއެހުން މަދުކުރެވޭކަމެވެ. ނުވަތަ އަޑު ނޭހޭކަމެވެ.

