ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު މިއަދު އަވަހާރަ ވެއްޖެ އެވެ.
ހިތުގެ މައްސަލަތަކަށް، އަދި އެމިލޮއިޑޯސިސް އަށް ފަރުވާ ހޯދަމުން ދަނިކޮށް އަވަހާރަވި އިރު މުޝައްރަފުގެ އުމުރުފުޅަކީ 79 އަހަރެވެ.
މުޝައްރަފަކީ އޭނާ ރައިސްކަން ކުރެއްވި އިރު، ޕާކިސްތާނުގެ ސިފައިންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. މުޝައްރަފަކީ ކުރީގެ ޖެނެރަލެކެވެ. މުޝައްރަފު އަވަހާރަވުމުން ސިފައިންގެ ޖެނެރަލުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ހަތަރު ތަރީގެ ޖެނެރަލެއް ކަމަށްވާ އަދި ސްޕެޝަލް ފޯސަސްގެ ކުރީގެ ކޮމާންޑޯއެއް ކަމަށްވާ މުޝައްރަފް ރައީސް ކަމަށް ވެވަޑައިގަތީ 1947 ވަނަ އަހަރު އިންޑިއާ ބައިބައިވުމުގެ ލޭއޮހޮރުވުންތަކުގެ ތެރޭގައި ޕާކިސްތާން އުފެދުނު ފަހުން ޕާކިސްތާން ހަލަބޮލިކޮށްލި އަސްކަރީ ބަޣާވާތްތަކުގެ ތެރެއިން އެންމެ ފަހު ބަޣާވާތެވެ.
މި ބައާވަތެއްގެ ތެރެއިން މުޝައްރަފު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2001 ވަނަ އަހަރެވެ. މުޝައްރަފު ވަނީ 2008 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވައިފައެވެ. އެއަށްފަހު ވެރިކަން ބަދަލުވެ އޭނާގެ މައްސަލަތައް ބަލަން ފެށުމުން މުޝައްރަފު ވަނީ ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ. 2013 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި އިންތިހާބުގައި ވާދަކުރެއްވުމަށް މުޝައްރަފު ވަނީ އަނބުރާ ޕާކިސްތާނަށް ވަޑައިގެންފައެވެ.
ކުރީގެ ޖެނެރަލް އަށް ޖެހުނީ އެމިލޮއިޑޯސިސް – ގުނަވަންތަކަށް ގެއްލުން ލިބޭ މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އޭނާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެނދުގައި އޮވެ ފުރޮޅުލީ ގޮނޑިއެއްގައި އުޅެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މުޝައްރަފްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔެ ދޫކޮށް ދިޔަ ފުރާނައަށް އަމާންކަމާއެކު ފާފަފުއްސަވައި ސުވަރުގެ ލެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.
ކުރީގެ ޖެނެރަލްގެ އާއިލާގެ މެމްބަރުން ދަނީ މުޝައްރަފުގެ ހަށިގަނޑު އަނބުރާ ޕާކިސްތާނަށް ގެނައުމާ މެދު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.
މުޝައްރަފްގެ ހަށިގަނޑު އަނބުރާ ޕާކިސްތާނަށް ފްލައިޓުން ގެންދާނީ އަންނަ ހޯމަ ދުވަހު ކަމަށްވެ އެވެ.
މުޝައްރަފް އަވަހާރަ ވީއިރު، އަނބިކަނބަލުން ސެހްބާ އާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

