މޯލްޑިވިއަން ގެ އޭޓީއާރް ފްލައިޓް ދަތުރާއި އެކު ކާޑެއްދޫ ފުރި ބާރު ވެއްޖެއެވެ. އެއަރޕޯޓް އަދިވެސް އޮތީ ފެށި ޙާލަތުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަން ގެ އާ ފްލައިޓް އޭޓީއާރް 72 ކާޑެއްދޫ އެއަރޕޯޓް ޖައްސާ މީހުންތައް ފޭބި މަންޒަރު ބަލަން އަޅުގަނޑު ވެސް ހުރީ އެވެ. ބޮޑު ފްލައިޓް ގެ އަޑު މަޑު ކަމާއި ލޭންޑް ކުރި ގޮތުގެ ހިތްގައިމު ވާހަކަ އެ މަންޒަރު ބަލަން ތިބި ދެތިން މީހަކު ވެސް ބުނި އަޑު އެހީމެވެ. އަޅުގަނޑުގެ ހިތަށް އެރި އެވެ. މޯލްޑިވިއަން ހާދަ ގަދަ ކޮއްފިއެވެ. ޑީލޭ ވުމާއި އެތެރޭގެ އުދުހުން ތަކުން ރަނގަޅު ކާ އެތިކޮޅެއް ލިބޭނެ ނަމަ އެއީ ހަމަ ދިވެހިންގެ ފަޚުރެވެ.
ފްލައިޓުން ފޭބި މީހުންގެ އަދަދު ގިނަކަމުން އެމީހުން ޓާމިނަލް ތެރޭގައި އުޅޭނެ ގޮތާއި މަޑުކޮށްލައިގެން ތިބޭނެ ގޮތާއި އެހެނިހެން ހާލަތު އަޅުގަނޑު ވަރަށް ބަލާލާ ހިތް ވެއްޖެއެވެ. އެ އީ އެ އެއަރޕޯޓް ގެ ޙާލަތު އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭތީ އެވެ. ވަރަށް ގިނަ ރިޕޯޓު ތަކެއް ކާޑެއްދޫ އެއަރޕޯޓް ގެ ޙާލަތު ބަޔާންކޮށް ލިޔެފަިވާ މީހަކަށް އަޅުގަނޑު ވީމައެވެ.

ފޮޓޯ: މުހައްމަދު އަހުތަރު(ހުވަދޫ ނިއުސް)
ފްލައިޓުން އައި 62 މީހުންގެ ތެރޭގައި ހައެއްކަ ދިވެހިން ތިއްބެވެ. ދެން ތިބީ ރިސޯޓް ތަކަށް އެކި ގައުމުތަކުން އައި ފަތުރުވެރިންނެވެ. އޭގެ އިތުރުން އެ ގެސްޓުން ބަލައި ދިޔަ ރިސޯޓް ކުދިންގެ އިތުރުން ފުރަން ދިޔަ ބައެއް މީހުން އެކި ދިމާލުގައި އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާ ހެން ތޮއް ޖެހިފައި ތިބި ތަން ފެނުމުން އަޅުގަނޑަށް ސިފަވީ މީގެ ވިއްސަކަން އަހަރު ކުރިން އެތަން އޮތް ހާލަތުވެ. މިއަދު ވެސް ތަން އޮތީ އެ ޙާލަތު ގައެވެ. ޖާގަ ކުރިޔަށް ވުރެ ވެސް ކުޑަހެން ހީވިއެވެ. އިށީދެލާނެ ތަނެއް ނެތިގެން ކޮއްޅަށް މަޑުކޮށްގެން ތިބި މީހުން ގިނަ އިރު ފާޚާނާ ވެސް ހުރީ އަންނަ މީހުންނަށާއއި ފުރާ މީހުން ކިޔު ދަމާފައެވެ. ބައެއް މީހުން ވަދެފައި ސިކުންތެށް ނުވަނީސް ނުކުމެއެވެ. ތަންކޮޅެއް ހަޑި ވީމާ ކަމަށް ވެސް ވެދާނެއެވެ. ރިސޯޓް ތަކުން އައިސް ތިބި ކުދިން އަވަދިނެތި އުޅުނީ ލަގެޖްތައް ނެގުމާއި އެ ރިސޯޓަކަށް އައި ބަޔަކު ގޮވައިގެން އަވަހަށް ފުރޭ ތޯއެވެ. މުޅި މާހައުލުންވެސް ޖުމްލަ ކޮށް ފެންނަނީ ރިސޯޓް ބޯއިސް ގެ ހީވާގި ކަމާއި ކުޅަދާނަ ކަމެވެ. އެ ވަގުތު ދެތިން ގެސްޓުން ވީއައިޕީ އަށް ވަންނަނިކޮށް ފެނުނެވެ އެތަނުން ވެސް އެ ފަތުރުވެރިންނަށް ރީތި މެހެމާނުންދާރީ އެއް ކުރުނީސް ކުރި ތަން ފެނުނެވެ. އެހެން ކަމުން އެތަނަށް ވެސް ބޯދީ ބަލައި ފީމެވެ. ޖާގަ ވަރަށް ކުޑައެވެ. ނަމަވެސް އޯކޭ އެވެ.
ވީ އައިޕީ ނުކުމެ ދެން އަޅުގަނޑު މިސްރާބު އަނެއްކާވެސް ބޭރަށެވެ. އެތަނުން ދިމާވީ ފުރަން ގޮސް ތިބި ބަޔަކާއެވެ. އަދިވެސް ނުވައްނަންހޭ އަހާލީމަ ބުނީ އެތެރެ ފުލް ވެގެން ބޭރުގައި މަޑުކޮށްލާށޭ ބުނުމުން ތިބާ ކަމަށެވެ. މާނައަކީ އެތަނުގައި 70 މީހުން ނެތީއެވެ.

ކާށިދޫގެ މަންޒަރެއް، ފޮޓޯ: މުހައްމަދު އަހުތަރު(ހުވަދޫ ނިއުސް)
އަޅުގަނޑު ވެސް ދިޔައީ ދައްތައަކު ބަލާ މީހަކާ އެކު ކަމަށް ވާތީ އެ ދައްތަ ގޮވައިގެން ފުރަން ދާން އަވަސް ވެގަތީމެވެ. ދައްތަ އައީ އޮޕަރޭޝަނެއް ކޮށްގެން ކަމުން ހިނގާފައި ގެންދަން އެހާ ހިތްހަމަޖެހި އެކަމަށް ޙައްލެއް ހޯދުމަށް އުޅުނު ތަނާހެން ކާޑެއްދޫ އެއަރޕޯޓް ގެ މެނޭޖަރ އާއި ދިމާވެގެން އެވާހަކަ ވެސް ފާހަގަ ކޮއްލީމެވެ. އެއީ ވަރަށް އޯގާވެރި އަދި އެހާމެ މީހުންނާ ގުޅޭ މިޒާޖުގެ ވެރިއެއް ކަމުން ތިމަންނާގެ ވެހިކަލް ގަ ޖެޓީއަށް ގެންގޮސް ދީފާނަމޭ ވިދާޅުވެފައި އެގޮތަށް އަމަލު ކުރެއްވިއެވެ. އެ ވަގުތު ތަންކޮޅެއް ދުރުގައި ހުރި ބޯޑެއް ދެއްކަވާ އެ ނަންބަރު ތަކުން އެހީ އަށް އެދުން ނަމަވެސް ވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ބޯޑު ހުރީ އެތަނުގައި ތިބީ ރިސޯޓް ބަގީ ތަކާ ނިވާ ވެފައި ކަމުން އަޅައި ނުގަތީއެވެ
އެ ދުވަހު އިއްތިފާގުން އެހެން ކަމެއް ވެސް ފާހަގަވިއެވެ. ފުރަން ދިޔަ މީހުންގެ ތެރޭގައި އެ އެއަރޕޯޓް ހިންގުމަށް މިހާރު ހަވާލު ވެފައުވާ ވިލާގެ ޓީމެއް ފުރަން ދިޔަ ތަން ފެނުނުނެވެ. ހުވާ ގޮތުން އެ މީހުން މަސައްކަތް ކުރަމުން ދަނީ ކާޑެއްދޫ އެއަރޕޯޓް ގެ ފެންވަރު ރަނގަޅު ކުރުމަށެވެ. އަދި ކުޑަ ބަދަލެއް ފާގަތި ނުވިއަސް ކުރިމަގުގައި ރަނގަޅު ވާނެ ކަމުގެ ސިގްނަލް އެބަ ލިބެއެވެ. އެކަމަކު އަދި އޮތީ ހަމަ ސުމެއް ގައެވެ. ގިނަ ފަސިންޖަރުން ގޮވައިގެން ATR 8Q-iAY ޖެއްސުމާއި އެކު ތަން އެ އޮތީ ތޮއްޖެހިފައެވެ.
ކާޑެއްދޫ އެއަރޕޯޓްގެ ގަދީމީ ހާލަތު ބަދަލުވާން އެބަ ޖެހެއެވެ. މާ ލަސް ވެއްޖެއެވެ. މާ ބޮޑަށް ވެސް ލަސް ވެއްޖެއެވެ.
މިއަދު އެތަނުގައި ތަރައްޤީވެ ޒަމާނާ އެއްގޮތަށް ބަދަލުވެފައި ހުރީ ދެތިން ކަމެކެވެ. އެއީ ވެސް މަޖުބޫރީ ބަދަލެކެވެ.

