ކަރުދާހު ނޫޓަކީ ބިރުވެރި ނުރައްކާތެރި އެއްޗެކޭ ދަންނަވައިފިނަމަ، އެއީ މޮޔަ ގޮވުމެކޭ ވިދާޅުވާނެ ބޭފުޅުން ތިއްބަވާނެކަން ކަށަވަރެވެ. ފައިސާއަކީ އަގުހުރި އެއްޗަކަށް ވާއިރު، އަދި މި ކަރުދާސްކޮޅު ހޯދަން އެންމެން މަސައްކަތް ކުރާ އިރު އެއީ ބިރުވެރި އެއްޗެކޭ ބުނަން ހެޔޮވާނެ ހެއްޔެވެ؟ އެއީ ނުރައްކާތެރި އެއްޗެކޭ ބުނަން ކެރޭނެ ހެއްޔެވެ؟
ކަރުދާހުފައިސާގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙަތަށް ބޮޑެތިނުރައްކާތަކެއް ކުރިމަތިވަމުންދާކަމަށް ދިރާސާތައް ބުނެ އެވެ. އެހެންކަމުން މިކަމާމެދު ވިސްނާލަން އެބަޖެހެ އެވެ. ބޭސްވެރިކަމާބެހޭ ދިރާސާތައް ކަށަވަރުކޮށްދޭގޮތުގައި ކަރުދާހުފައިސާ އަކީ (ނުވަތަ ނޫޓަކީ) ޖަރާސީމާއި މައިކްރޯބްތައް އުފުލާދޭ ވަރަށް ވަރުގަދަވަސީލަތެކެވެ. އަޅުގަނޑުމެންގެ އަތަށް އަރާ މި ކަރުދާސްކޮޅުތައް އަޅުގަނޑުމެންގެ އަތަށް މި އަރަނީ ކިތައް އަތުގައި އުނގުޅިފައިތޯ ސުވާލުކޮށްލެއްވިންތޯ އެވެ؟ މި ހުރިހާ އަތްތަކުން އޭގައި ޖެހުނު ކުނިމިލަތަކާއި ދައުތައް އަޅުގަނޑުމެންގެ އަތުގައި ނެހޭކޭނެތޯ އެވެ؟ މި އަތްތަކުން އެއަށްއަރާ ޖަރާސީމުތަކާއި ފަނިފަކުސާތައް އަޅުގަނޑުމެންގެ އަތްތަކުގައި ތަތްނުލަވާނެތޯ އެވެ؟ މިކަމުގެ ސަބަބުން އެއިން ކޮންމެ ކަރުދާސްކޮޅަކުން ދުވާވަސް ތަފާތުވެއެވެ. އެކަމަކު ވެސް މި ކަރުދާސް ކޮޅުތައް ދެކެ ފަކުރުގަންނަމީހަކު އުޅޭކަމަކަށް ނުވެ އެވެ. އޭގައި އަތްނުލަންވެގެން އުޅޭމީހަކު ވެސް ނުފެނެ އެވެ. ވީމާ، ސުވާލަކީ މިއީ ނިޢުމަތެއްބާވަ އެވެ؟ ނުވަތަ މިއީ ޢަޛާބެއް ބާވަ އެވެ؟
އިންސާނުން މި ކަރުދާސްކޮޅުތައް ކައި ނުހެދިޔަސް، މި ކަރުދާސްކޮޅުތަކުގެ ސަބަބުން ނުރައްކާތެރި ވަރަށް ގިނަގުނަ ބަލިތަކެއް އިންސާނާއަށް ނަޤްލު ވެގެންދެ އެވެ. ދިރާސާތައް ބުނާގޮތުގައި މި ކަރުދާސްކޮޅުތަކުގެ 94 % ގައި ހުންނަ ނުރައްކާތެރި ވައިރަސް ތަކަކީ ނޭވާލުމުގެ ނިޒާމަށް ވަރަށް ނުރައްކާތެރި ބަލިތަކެއް ޖައްސާ ވައިރަސްތަކެކެވެ. މިކަމުގެ އެއް ސަބަބަކީ، އެއީ ފައިސާ ކަމަށް ވާތީ އެ ފޮރުވަން ވެގެން ވަތްގަނޑަށް ލައިފާ ބަހައްޓާ ކަމެވެ. މި ވަތްގަނޑުތައް އެހާ ސާފުތާހިރެއްނޫނެވެ. ބައެއްފަހަރަށް މިފައިސާ ބަހައްޓަނީ ކީސާ ކީސާ ތަކުގަ އެވެ. މި ކީސާ ތަކުގައި ވަރަށް ގިނައިން ހިރަފުހާއި ވެލިފުށްފުށް ހުރެ އެވެ. ތަރުކާރީއާއި މޭވާ އާއި މަސް ވިއްކާ މީހުން ގެންގުޅޭ ފައިސާގައި ލެޔާއި ކިސަޑާއި މަށި ވެސް ހުރެ އެވެ. އަދި އެ ކަރުދާސްކޮޅުތައް މައްޗަށް ވަރަށްގިނައިން ފަނިފަކުސާތައް އަރާ އުޅެ އެވެ. ތެޔޮ ވިއްކާ ތަންތަނުގައި އުޅޭމީހުން ގެންގުޅޭ ކަރުދާހު ފައިސާގައި ބާވަތް ބާވަތުގެ ތެޔޮ އުނގުޅިފައި ހުރެ އެވެ. މިއީ ނޭވާ ހިއްލާ މީހުންނަށް ވަރަށް ނުރައްކާތެރި އެއްޗެކެވެ.
ދިރާސާކުރައްވާބޭފުޅުން ވިދާޅުވާގޮތުގައި ފައިސާ ގެ ގޮތުގައި ބޭނުންކުރާ ކަރުދާހަކީ އޭގައި ފަނިފަކުސާތަކަށް ވަރަށް ފަސޭހައިން ތަތްކޮށްލެވޭ ކަހަލަ ކަރުދާހެކެވެ. މި ފައިސާ ވަރަށްގިނަ އަތްތަކެއްގެ މަތީގައި ދައުރުކުރާތީ ތަފާތުބަލިތައް ނަޤްލުކުރުމުގެ ވަސީލަތަކަށް މި ކަރުދާސްކޮޅުތައްވެ އެވެ.
ފައިސާގެ ސަބަބުން އަރާބަލިތަކުގެ ތެރޭގައި : ހަމުގެ ބަލިތައް ހިމެނެ އެވެ. ކަސްއެޅުމަކީ މި ކަރުދާސްކޮޅުގެ ސަބަބުން ޖެހޭ ވަރަށް އާންމު ބައްޔެކެވެ. މީގެ އިތުރަށް ޓައިފޮއިޑާއި މޭގަނޑަށް ޖެހޭބަލިތަކަކީވެސް ޢިލްމުވެރިން ފާހަގަކުރައްވާ ބަލިތަކެކެވެ
ނޫޓުކަރުދާސް ދެތުންފަތް ދެމެދަށް ލުމުގެ ސަބަބުން ތަފާތު ބާވަތްތަކުގެ ބެކްޓީރިއާތައް އަނގަތެރެ އަށް ވަދެ އެވެ. މިކަމުގެ ސަބަބުން އަނގައަށް ޖެހޭ ބައެއް ބަލިބައްޔާއި ކަރުތެރެއަށް ޖެހޭ ބައެއް ބަލިތައް ޖެހޭ ތަން އާދެ އެވެ. މިގޮތުން ޖެހޭ ބަލި ތަކުގެ ތެރޭގައި ބޭރަށް ހިންގުމުގެ ތަފާތު ބާވަތްތައް ހިމެނެ އެވެ. އަދި މިކަމުގެ ސަބަބުން ތަފާތު ބާވަތް ބާވަތުގެ ފަނިތައް ބަނޑު ތެރެއަށް ވަނުމަށް ދޮރު ހުޅުވެ އެވެ.
މީގެ އިތުރަށް، ބައެއް މީހުން އެމީހުން ބޭނުންވާ ބައެއް އެއްޗެހި ނޯޓްކުރާ ކަރުދާސްކޮޅެއްގެ ގޮތުގައިވެސް ފައިސާ ބޭނުންކުރެއެވެ. އަދި ބައެއް ޤައުމުތަކުގައި ބައެއްމީހުން ކުދިކުދި މެސެޖްތައް ބަދަލު ކުރުމަށްޓަކައި ވެސް ނޫޓްގެ ބޭނުން ކުރެ އެވެ. ބައެއް ދިރާސާތައް ބުނާ ގޮތުގައި ލޯބިވެރިން އެމީހުންގެ ލޯބި ދެއްކުމަށްޓަކައި އިނގިލި ކުރިން ލޭ ނެރެގެން ފައިސާގައި ލޭ ހާކައިފާ ލޯބިވެރިޔާ އަށް ފޮނުވަ އެވެ.
ކަރުދާހު ފައިސާގެ ސަބަބުން ބަލިތައް އެންމެ ގިނައިން ޖެހޭ ބަޔަކީ ފައިސާގެ މަސައްކަތުގައި އުޅޭ މީހުންނެވެ. ކޭޝިއަރުންނާއި ސޭޓުންނާއި ބޭންކްތަކުގައި ފައިސާ ގުނާ މީހުންނެވެ. އެމީހުންނަށް އަބަދު މި ފައިސާގައި އަތްލާން ޖެހޭތީ އެވ
ދިރާސާތައް ބުނާގޮތުގައި މަޢުދަނީ ފައިސާގެ ނުވަތަ ވަކި ލާރީގެ ގެއްލުން ނިސްބަތުން މާކުޑަ އެވެ. މި ދިރާސާތައް ކުރެއްވި ބޭފުޅުން ދެއްވާ ނަސޭހަތަކީ ފައިސާގައި އަތްލުމަށްފަހު ރަނގަޅަށް އަތްދޮންނާށެވެ. ފައިސާދެކެ ލޯބިވިޔަސް އޭގައި ކޮންމެހެން މަޖްބޫރުވެގެން ނޫނީ އަތްލައި ނަހަދާށެވެ. ލޯބިވާ ކޮންމެ އެއްޗަކީ ފައިދާ ހުރި އެއްޗެއް ނޫނެވެ.
( ނޯޓް:- މައުލޫމާތު: އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލިޔުއްވުމަކުން)

