ޖެނުއަރީ 5 އިން ފެށިގެން 10 އަށް ފުވައްމުލަކު ސިޓީ ގައި ކުރިޔަށް ދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ބެސްޓު އެތުލީޓުގެ މަގާމާއެކު ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ނިޒާރުގެ ކުރިމަގު ފުޅާކޮށްފި އެވެ.
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓަށް ވުމާއެކު ނާހިލަށް އިތުރު ފުރުސަތުތަކާ ގާތަށް ދެވުނީއެެވެ.
ނާހިލް ނިޒާރު ވަނީ ދުވި 3 އިވެންޓް އިން ވެސް އެއްވަނަ ހޯދައި 100 މީޓަރު ގެ ދުމުވުން މުބާރާތުގެ ރެކޯޑް ވެސް އާކޮށްފަ އެވެ. ނާހިލް ބައިވެރި ވެފައި ވަނީ 100 މީޓަރު، 200 މީޓަރު އަދި ލޯންގް ޖަމްޕް ގަ އެވެ. ނާހިލް އަކީ ދިވެހިރާއްޖޭގެ ލޯންގް ޖަމްޕް ގައުމީ ރެކޯޑް ހޯލްޑަރވެސް މެއެވެ.

ނާހިލަށް މި މުބާރާތުގެ ޕާފޯމަންސް އަށް ބަލައި އޭޕްރީލް މަހު އުޒްބެކިސްތާން ގައި އޮންނަ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕަށް ރާއްޖެ އިން ހޮވާ ޓީމަށް ޝޯޓްލިސްޓް ވާނޭ ކަމަށް ބެލެވެ އެވެ.
19 އަހަރުން ދަށުގެ އަންހެން ކުދިންގެ އެންމެ މޮޅު އެތުލީޓަކީ، އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒެވެ.
ނާހިލް ޓްރެއިނިންގ ހަދަމުން ދަނީ ކޯޗް ރައުހަތު ގެ ބެލުމުގެ ދަށުން އެތުލެޓިކްސް އެސޯސިއޭޝަން ގެ ތިނަދޫ ޕޫލުގަ އެވެ.
މިރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަ ހާސިލު ކުރި ސްކޫލް ތަކަށާއި ދަރިވަރުންނަށް މެޑެލް އާއި ތަށި ހަވާލު ކުރެވުނެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އިން ބާއްވާ މި މުބާރާތުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށްވެސް ފުރިހަމަ ކޮށެވެ. އެގޮތުން ނިންމުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވައި މުބާރާތުގެ ނިންމުން ފާހަގަ ކޮށްފައި ވަނީ ހަމައެހާމެ ކުލަގަދަކޮށެވެ.

