ފޮޅުމުގެ ކުރިން ގަދަބާރުން ނީލަމުގައި، ދަރަނިން މިންޖުވާ ބްލޭންކްޗެކަކަށްވެސް އަންހެންދަރިން!ހިތިހަގީގަތެއް
ޢާއިޝަތު ޝިރުހާނާ ، ހުވަދޫ މީޑިއާ 
މިއީ އިރެއްގައި އާންމު ކަމެކެވެ. އަދިވެސް މިހާރުވެސް ރާއްޖޭގެ ބައެއް ހިސާބުތަކުން ނުފިލާ އާދައެކެވެ.
އަންހެން ދަރިންނަކީ ގެއަށް ރޯދިބަރަކާތް ވައްދަދޭން ބޮޑު އަގުގައި ނީލަމަށް ލާން ޖެހޭ މުދާގަނޑަކަށް ހަދާލެވެއެވެ. މީހަަކު ބުނެފާނެެއެވެ. މިއީ ކޮންތާކު ހިނގި ކަމެެއް ހެއްޔެވެ. ރާއްޖެއަކީ މިފަދަ ކަންތައް ކުރާ ތަނެއް ނޫނެވެ. ޖަވާބުގައި ބުނަމެވެ. ދުރަށް ދަނީ ކީއްކުރަން ހެއްޔެވެ. އަދު 2023ގައި ތިބީމައި މީގެ 19 އަހަރު ކުރިން އައި ދުވަހަކީ ދުރު މާޒީއޭ ބުނަންވީ ހެއްޔެވެ. މި ވާހަކައަކީ އަހަރެންގެ އަމިއްލަ ވާހަކައެވެ. މީގެ 19 އަހަރު ކުރީގެ ވާހަކައެކެވެ. 2004 ވަނަ އަހަރަކީ މާ ދުރު މާޒީއެއް ނޫނެވެ. ހަމަޔަގީނުންވެސް އޭރު އަހަންނަށްވީ އެންމެ 13 އަހަރެއް ކަމަކު އެއީ ހަމަ ތަރައްގީގެ ކުލަވަރު އޮތް ދުވަސްވަަރެކެވެ. އެކަމަކު އަހަރެމެން އުޅެ ބޮޑުވި ރަށްފުށުގެ ހިސާބުތަކަށް އަދިވެސް މިއަހަރުވެސް މާ ބޮޑު ކުލަތަކެއް ނެތްއިރު އޭރު އޮންނާނީހީ ހަމަ ކަޅާއިހުދަށް ކިރިޔާ ކުލައަރަމުން އައި ގޮތަށް ނޫން ހެއްޔެވެ. މިއީ ޔަގީންކަމެކެވެ. އޭރު އަދި އަހަރެމެން އުޅުނު ހިސާބަށް ކުލަވަރުތަކެއް ނައި ކަމަށްވިޔަސް އަދު ސިޓީއަކަށް ވެފައި އޮތް މާލޭގައި އޭރުވެސް ކުލަތައް ވަރަށްވެސް އަލިގަދައެވެ.
އެއީ އަހަރެމެން ކުޅެން އުޅުނު ޅަފަތުގެ ދުވަސްވަރެވެ. އަހަރެންގެ އުމުރުން އެންމެ 13 އަހަރެވެ. އުމުރުފުރާގެ ގިނަ ކުދިންގެ ކައިވެނި ދަނީ ކުރެވެމުންނެވެ. މައިންބަފައިން ދެއްކި މީހަކާ ލޮލުން ބޮލުން ރުހިގެން ތިބެނީ އުއްފުވެސް ބުނެފިނަމަ އިލޮށިފަތިންނާއި ދަނޑިބުރިތަކުން ތަޅައި ރޯނާ ކޮށްލާނެ ކަން ޔަގީންވާތީ ގަންނާ ކުރައްވާ ބިރުންނެވެ.
“އޭތް ދަލޭކާ ކޮންތާކަށް؟” އަހަންނަށް ކިޔަނީ ޒުލޭހާ އެވެ. މީހުން މަގޭ ނަމަށް ދަލޭކާ ދަލިކާ ކިޔާތީ ކިތަންމެ ނުރުހުން ވިޔަސް އެއީ ހަމަ މަގޭ ނަންކަމަށް މަންމަ ބުނެއެވެ.
ކަޅު ސައިތައްޓަކާ ފާރޮށި ކިބައެއް ހިފައިގެން އަށިމައްޗަށް އަރައި އިން ބައްޕައަށް އަހަރެން ގެއިން ނުކުތްތަން ފެނުމާއެކު ގޮވާލިއެވެ. ބައްޕަ ކައިރީ ބައްޕަ އުމުރުގެ ސުލޭމާނު އިށީނދެލައިގެން އިންއިރު ކުޑަފުތު ކިހިލި ޖަހާލައިގެން މަންމަ ސީދާ އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. މަންމައަކީ ސިނގުރުޅިއެއް އަރާ މީހެކެވެ.
މިއޮތީ މިއަދު ކުޅެން ދެވިފައެވެ. އަހަރެން ކުސްތަޅާލީމެވެ.
“އައްޕާ އަންނާނަމޭ ލަސްނުވެ…”
“އެއްތާކަށްވެސް ދާނެ ކަމެއްނެތް. މީނދަ ހާޖީބެގެ ފައްތާހާ އިންނަން ތައްޔާރުވޭ. މިރޭ އަންނާނެ ހެކިވެރިން…”
ބައްޕަ އިއްވާލި ހަބަރުން އަހަރެންގެ އަނގަހުޅުވި ދެލޯ ބޮޑުވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން ވަރުގެ ދަރިން ތިބި މީހަކާ އަހަރެންގެ ކައިވެނި ހަމަޖެހިގެން ދިޔައިރު އަހަރެން މިހުރީ ދެނެހުރިތާނގައެވެ. އެޒަމާނުގެ ގޮތުން ކިރިޔާ ފޯރުންތެރިކަމެއް ހުރި މީހަކީވެސް ބަފައިންގެ އަތުގައި ޖެހޭ ޖަވާހިރު ގަނޑެކެވެ. އަމުދުން ފައްތާހު ކަހަލަ ބޯޓު ދަތުރު ކުރާ، އަމިއްލަ ބޯޓެއް އޮންނަ މީހަކީ ހަމަ ދެދުނިޔޭގެ ކުލަ ނަސީބެވެ.
ފައްތާހަކީ ބޮޑު ބޯޓެއް އޮންނަ، މާލެއާއި ކަރައާ ދެމެދު ވިޔަފާރި ދަތުރު ކުރާ މީހަކަށް ވުމުން އަހަރެންގެ މައިންބަފައިން އެތިބީ ހެވިދިލިފައެވެ. މާލެއިން އަންނަ ކޮންމެ ފަހަރަކު ރަށުގައި އެވަރުގެ ކަމެއް ނެތިގެން އެންމެންވެސް އޭނައަށް ބަލާނެއެވެ. ލައިގެން ހުންނަ ފައިކުރި ފުޅާ ފަޓުލޫނާއި ދަށަށް ޖަހައި ބެލްޓުން ބާރު ކޮށްފައި ހުންނަ ގިރުވާނު ފުޅާ ގަމީހުގެ ގޮޅިތަކުން ވެސް ކަރައިގެ މަންޒަރު ފެންނަކަމަށް އަންހެންވެރިން އެބުނާ ވާހަކަ ނޭނގުނަސް މިއަދު މަ ފަކީރުގެ ޒަމާން މިދިޔައީ ކަން ޔަގީން ވެއްޖެއެވެ. ވީ ދެރައިން ތުންފިއްތާލައިގެން ހުރެ ގޭތެރެއަށް ވަތްގޮތަށް މޭގައި އަތުން ތަޅައިގެންފައި އަޑުގެ ނެތްތަނަށް އަހަރެން ރޮއެގަތީމެވެ. އެ އަޑު އިވި ކަހާތަން ހިރުވާލުމެއްނެތި ދުފައި ރަތް އަރުވާލައިގެން ބައްޕަ ނުކުތީ ފައްތާހާއެކު ހެކިވެރިން ހޯދާށެވެ. ބައްޕަ ދިއުމާއެކު ރޯޅިއެއްހެން އެނބުރި ގަތީ މަންމައެވެ.
ގޭތެރޭ ހުއްޓުނުއިރު ވަޅުގިފިލި ދޮރުގައި ލައްގާ ދަނޑިބުރި އޮތީ މަންމަގެ އަތަށް ހެޔޮވަރު ކޮށްލާފައެވެ. ގަތްބިރާއެކު އަހަރެން ގޮސް ޖެހުނީ ބޮޑުއަށި ބިއްދޮށު ކަނުތެރެއަށެވެ.
މަންމަ ފައްޗަކަށް އަމުނާލީ ބައްޕަގެ ދަރަނިން މިންޖުވާން ހަގަށް ތިބި ފަަސް ފިރިހެން ދަރިންނަށް މުސްތަގުބަލު ހޯދަދޭން އަހަންނަށް ވާޖިބު ވާނެ ވާހަކައެވެ. ފައްތާހު ހުރީ ބައްޕަގެ ދަރަނިން ސަލާމަތް ކޮށްދޭން ތައްޔާރަށެވެ. ހަގަށް ހުރި ހަސަނުގެ ބޮޑު ބައްޔަށް ފަރުވާ ހޯދަދޭން އޭނަ ކަރައަށް ގެންދަންވެސް ތައްޔާރަށެވެ. މިހުރިހާ ވާހަކައެއް ކިޔައިފަ މަންމަ ދެލޯ އަޅަމުން ނުކުމެގެން ހިނގައްޖެއެވެ. އިތުރަށް އެންމެ އަޑެއްވެސް އަހަރެންގެ އަރުބުޑުން ބޭރުކޮށްލާކަށް ނުކެރުނެވެ. ހިތާމައިގައި ހަތަރު އުދަރެސް ފެނުޖެހިފައި އޮއްވައި އެކުވެރި ފާތޭ އަހަރެން ހޯދަން އައިސް ވަދެއްޖެއެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު މަންމަ ގެއަކު ނެތެވެ.
ކަންބޮޑުވެފައި ފާތޭ އަހަރެން ކައިރީ އިށީނެވެ. އެކުވެރިޔާ ފެނި އަހަރެންގެ ހިތުގެ ގިލަންވެރިކަން ބޮޑުވެގެން ހިނގައްޖެއެވެ.
“މަށެއްވާ ނެތް. އައްޕަ މަދީފި ފައްތާހަށް….”
އަހަރެން ލޮލުން ކަރުނަ އަޅަމުން ބުނީމެވެ.
“ޔާރައްބީ އެއުޅޭ ހާޖީގެ އައްޕައަށް….”
ފާތޭ މޭގައި އަތްއަޅާލީ ދެލޯ ބޮޑު ކޮށްލަމުންނެވެ. ފާތޭ އަށް މާބޮޑަށްވެސް ރަށު ހަބަރުތައް އެނގޭނެއެވެ. އަހަންނަށްވުރެ ހައެއްކަ އަހަރު ދޮށިވެފައި ހުންނަ ފިރިހެން ވައްތަރަކުން ތޯއްޗެކެވެ. މީހަކަށް ފާތޭއަކާ ގާތެއް ނުވެވޭނެއެވެ. ކުރިން ފާތޭގެ މަންމަ ނިޔާވެ ބައްޕަ އޭޭނައާ އަޅާނުލާތީ އެކަމާ ހިތުގަ ޖެހުނު އަހަރެން މިއަދު ފާތޭގެ ނަސީބު ރަނގަޅު ކަމާމެދު އަމިއްލައަށް އުފާކުރެވުނު ވަރަށް އަހަރެންވެސް މައި މަރުވެ ބަފާ ހުރި ޔަތީމަކަށް ވި ނަމައޭ ހިތަށް އެރިއެވެ.
“އެއީ ހާދަހާވާ އަނިޔާވެސް ކުރާ މީހެކޭ. ދެން މަ ހަދާނީ ކިހިނެއް؟”.
ގޮތްހުސްވެފައި ހުރެ ފާތޭ އަތުގައި އަހަރެން ހިފީމެވެ. ވިސްނާލާފައި ފާތޭ ދިނީ ރަނގަޅު ހިޔާލެކެވެ. ޖެހިގެން އޮތް ރަށުގައި އުޅޭ ފާތޭގެ ބޮޑުދައިތަ ކައިރިއަށް އަހަރެން ފިލައިގެން ދާންވީއެވެ. ފައްތާހާ ކައިވެނި ކުރުމަށް ވުރެން އެގޮތް ރަނގަޅުކަމުން އަތުގައި އޮތް ދެ އަންނައުނު އޮޅާލައިގެން ފާތޭއާ އެކު ފިލައިގެން ނުކުތީމެވެ. ވަލުތެރެއިން އަހަރެމެން ނުކުތީ ފުއްޓަރު ފަރާތަށެވެ. އެއަށްފަހު ފާތޭއަށް ވަދާއީ ސަލާންކޮށް ފުއްޓަރުމަތިން ގިނިކަންޏާ އަހަރެން ދަތުރު ފެށީމެވެ. އިރު އޮއްސެމުން ދިޔަ ވަގުތާ ދިމާކޮށް އެކަނި ދާން ޖެހުމުން ޖެހިލުންވިޔަސް މިވަގުތު ފައްތާހަށްވުރެ ބޮޑު ބިރެއް އަހަރެންގެ ހަޔާތުގައި ނެތެވެ.
އަހަރެންގެ ނަސީބު ހީކުރި ވަރަށްވުރެ ރަނގަޅެވެ. އެރަށަށް އަރައި ބޮޑުދައިތަ ހޯދައި އަހަރެންގެ ހާލު ކިޔައިދިނުމުން އަހަންނަށް ހަމްދަރުދީވެ އެގެއިން ބޯހިޔާވަހިކަން ދީފިއެވެ. ފައްތާހުގެ އަތްދަށު ނުވެ ސަލާމަތް ވެވުނީތީ އެރޭ އަހަރެން އުފަލުން އޮވެ ނިދީމެވެ. އޭރު އަހަރެން ގެއްލިގެން ބިގަރު ދިއްލައި ރަށުގެ ރައްޔިތުން އެއްކޮށްގެން ބައްޕަ ދިޔައީ މުޅި ރަށުތެރެ އަތްފުނާ އަޅަމުންނެވެ. ބޮޑުދައިތައާއި ބޮޑުދައިތަގެ ދަރިން އަހަންނަށް ހީކުރި ވަރަށް ވުރެންވެސް ހެވެވެ. އެ ގޭތެރޭގައި ދެދުވަސް ވެގެން ދިޔައިރު އަހަރެން މައިންބަފައިން މަތިން ހަނދާންވެސް ނެތިއްޖެއެވެ.
އައު ދުވަހަކަށް އެރި އިރާއެކު އަހަރެންނާ ބޮޑުދައިތަގެ އައިމިނައާ ތިބީ ދެކުނު ފަޅީ އަތިރިމަތީގައި ތެލިތައް ދޮންނަން ގޮހެވެ. “އައިމިނާ” އޭ ކިޔާފަ މާ ގާތްގޮތަކަށް ގޮވާލި އަޑަށް އަހަރެމެން ދެމީހުން އެކުގައި ބަލައިލީމެވެ. އޭރު މުންޑެއް އަނދެލައިގެން ހުރި ހަށިހެޔޮ ފިރިހެން ވަންތަ ފިރިހެނަކު ހުއްޓިލައިގެން ހުރެ އަހަރެންނަން ބަލަމުން ދިޔައެވެ.
“އަންހެނަކު ތަނަކު ހުރިއްޔާ އަޅެ ބަޝީރަށް ވަސް އަރަނީތަ؟”.
އައިމިނަގެ ވާހަކަ ދިޔަގޮތުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
“ދެން އަހަރެމެން ހުސްކޮށްތިބޭ މީހުންނަށް ވާނީވެސް އެކަހަލަ ގޮތެއްތާ ދޯ! ތިމާގެ ކުއްޖެއްތަމީ؟”.
“ނޫނޭ. އޭނަ އައްޕަ އޭނަ މުސްކުޅިއަކާ ދެވަން އުޅެގަތީމަ ފިލައިގެން އައިސް އުޅޭ ކުއްޖެއް މީ”.
އައިމިނަ އެހައި ތަފްސީލަށް ދިއުމުން އަހަރެން ވަރަށް ލަދުގަތެވެ.
“ނާހަމަ ތެދެއްތަ؟ އެކަނިތަ އައީ. ދަރިއަކުވެސް ނެތްތަ އަދި؟”
ބަޝީރު ވަރަށް ބޮޑަށް ޝައުގުވެރިވެފައި އަހާލިއެވެ. އޭރު އަހަރެން ލަދުން މަރުވުމާ ގާތްވެއްޖެއެވެ.
“ހޫމް އެކަނިވެރިން އެކަނިތާ އަންނާނީ. މިހާރުވެސް އެހެރަ ކިޔަނީ ވިއްޔާ. ޒުވާން ދިވެހި ކަޅު ފިރިހެނަކާ ނޫނީ މަށެއްވާ ނީންނާނަމޭ.”
އައިމިނަގެ ވާހަކައިން ބަޝީރު މޭފުއްޕާލި އިރު ހީވީ ދުނިޔޭގެ ރަސްކަން ހިތަކަށް ލިބުނުހެނެވެ. ތެލިތައް ދޮވެ ނިމުމާއެކު ހެމުން ހެމުން އައިމިނައާ އަހަރެން ދުވެ ފިލައިފީމެވެ. އޭގެ ފަހުން ބަޝީރު ނުފެންނަ މަގަކަށް، ވަލަކަށް، އަތިރިއަކަށް، ފަސްގަނޑަކަށްވެސް އަހަރެންނަކަށް ނުދެވެއެވެ.
ދެރޭ ދެދުވާ ދިޔައީ މިހާލެއްގައެވެ. އިރުކޮޅަކަށް ބަޝީރު ނުފެނި ގެއްލުނަސް، ކެއުމެއް ނިދުމެއްނެތި އަހަރެންގެ ދެލޯވެސް އޭރު ބަޝީރު ހޯދަން ފަށައެވެ. އަހަރެމެން ކަހަލަ ރަށްފުށުގެ އަންހެންކުދިންނަށް ލޯބިވާން އެނގެނީ މިކަހަލަ ގޮތަކަށެވެ. ބަޝީރަކީ މަށަށްވުރެ ހައެއްކަ އަހަރު ދޮށްޓަކަސް ރަށާއި އަތޮޅުން ފެންނަ ފިރިހެނުންނާ ބަލާއިރު ރިވެތި މީހެކެވެ. އެންމެ ފަހުން ބޮޑުދައިތައަށްވެސް މިކަމުގެ ހަބަރު ލިބިއްޖެއެވެ.
“ދެން ތިހެން ކަމަށް ވަންޏާ ބޭބެ ކައިރީ އަހަރެން ބުނަންވީތަ ބަޝީރާ ވާހަކަ ދައްކަން….”
ބޮޑުދައިތަ ސަމާސަ ރާގެއްގައި ބުނެލިއެވެ. ބޭރުން ދަލިކާއޭ ގޮވާ ހަޅޭލަވަމުން އަހަރެންގެ ބައްޕަ އައިސް އެގެއަށް ވަނީ ހަމަ އެވަގުތުއެވެ. ބައްޕަ ފެނުމުން އަހަރެންގެ ހޭބުއްދި ފިލާ ނުދިޔައީ ކިރިޔާއެވެ. އެގޭގައި އަހަރެން ހުރި ހަބަރު ބައްޕައަށް ލިބުނު ގޮތެއްވެސް ނޭނގެއެވެ. ހެއްދެވި ނެހެއްދެވިއަށް ގޮވަމުން އިސްތަށިގަނޑުގައި ހިފައި ދަމަމުން ބައްޕަ އަހަރެން އެގެއިން ގަދަކަމުން ނެރެގެން ގެންދަން ފަށައިފިއެވެ. އަހަރެންނަށް ބަޝީރު ފެނުނީ އަތިރިއަށް ކުޅިބަލަން އެއްވެފައި އޮތްހައި މީހުންގެ ތެރެއިންނެވެ. ރުޅި އައިސްގެން އެނބުރެމުން ދިޔަ ކުޅަނދުރެއްހެން ހުރި ބައްޕައާއި ކައިރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ބަޝީރަކަށް ނުކެރުނެވެ. ތަޅައި އަނިޔާކުރަމުން ބައްތެއްޔަށް އަރުވައި ރަށަށް ގެންދިޔައިރު މަންމަ ހުރީ އެއްވެފައި އޮތްހާ ބައެއްގެ އެންމެ ކުރީގައެވެ. މަންމަ އަތުގައި ޖެހުމުން ދެން ހީވީ ރޮލާ ނޮޅައި އަހަރެން ކާޅަށް ކާން ދީފާނެހެންނެވެ. ގެއާ ހަމައަށް ގެންދިޔައިރު އަހަރެން ލައިގެން ހުރި އަންނައުނު ވީދި ގައިން ބޮޑުބައެއް އޮތީ ހާމައަށެވެ. އަހަރެންގެ ރުއިމުގެ އަޑުން މުޅި އެހިސާބުގަނޑު އޭރު ދިޔައީ ގުގުމަމުންނެވެ.
ހަމަ އެރޭ އަހަރެން ފައްތާހާ އިންނަން ރަން ކިޔުއްވައިފިއެވެ. ޖެހިގެން އައި ދުވަހު، އަހަރެންގެ ނުރުހުމުގައި ނަމަވެސް، އަހަރެންނާ ފައްތާހުގެ ކައިވެނި ކުރެވިގެން ހިނގައްޖެއެވެ. ބައްޕަގެ ދަރަނިން ސަލާމަތްވިއެވެ. ހަސަނު ކޮއްކޮގެ އޮޕަރޭޝަނާއި އިބްރާހީމް ކޮއްކޮގެ ދަތުގެ ފަރުވާ އެންމެ ރަނގަޅަށް ކުރެވުނެވެ. ގޭގެ ހާލަތު ރަނގަޅުވެ ހަގުކޮއްކޮމެނަށް ރިސޯޓުތަކުން ވަޒީފާވެސް ލިބުނެވެ.
ނަގާލައި ނީލަން ކިޔުނު އަހަރެންގެ ޅަޒުވާން ކަމުގެ ހަބަރަކީ ހެއްޔެވެ. ގަދަބާރުން ކުރުވި ކައިވެންޏަށް މިއަދު ނަވާރަ އަހަރު ފުރި ފަސް ދަރިން ލިބި ބޮޑެތި ވެފައިވީ ކަމަކު އެ ދުވަހު އަހަރެންގެ މޭގައި ގަދަބާރުން ލެއްވި ޒަހަމުތަކުގެ ރިހުން އަދިވެސް ނުފިލައެވެ. ހަގު ތިން ކުދިން ފިޔަވައި ދޮށީ ދެ ދަރިން ރާއްޖެއިން ބޭރަށް ފޮނުވާލީވެސް އަހަރެންގެ ޒީލައިގައެވެ. މަށަށް ވިހެން މަގޭ ދަރިއަކަށް ވާކަށް ފުރުސަތެއް ނުދޭނަމެވެ.
އަދު ދަރިންނަށް ރަނގަޅު ދިރިއުޅުމަކާާއި އެދެވޭ ތައުލީމެއް ހޯދަދޭން އަހަރެން މީނީ ދެއަނތްބަށް އިންނަން ޖެހުނު މީހާ އާ ރުހިގެން މާލެ އައިހެވެ. މަގޭ ދަރިން ޒުވާން ވާން ފެށުމުން، އެކުދިން މަންމައަށް ނަލަ ހެދުން ގެނެސް އެކުދިންގެ މަންމައަކީ އަދި ހަމަ އެންމެ ބައްތިރީހަކަށް އަހަރުގެ ޗާލު އަންހެނެއްކަން އަންގަން މަސައްކަތް ކުރެއެވެ. ދަރިިންގެ ކަންތަކާ ބައެއްކަހަލަ ތަންތަނަށް ނުކުމެ އުޅޭއުޅުމުގައި އަހަރެންގެ ގެއްލިފައިވާ ޒުވާންކަމުގެ ވާހަކަ ނޭނގޭ ހިތްގައިމު ފިރިހެނުން މަށަށް ގޮވައި މަގޭ ހަބަރު ހޯދަން އުޅެއެވެ. ނަދީމަކީ އޭގެ ތެރެއިން އަހަންނަށް ފާރަލި އެކަކެވެ. މިއަދު ފިރިއަކާ ނުލައި އަހަރެން ހަގު ތިން ކުދިންނާއެކު މާލޭގައި ދިރިމިއުޅެނީ ފިރިމީހާ ނަގުދަށް ދިން މުދަލާއި ފައިސާއިން އެކުދިންނަށް ހައްގުވާ ބައިންނެވެ. އަހަރެންގެ ދަރިއަކަށް މަށަށްވި ގޮތް ވާން ނޭދޭތީއެވެ.
ނަދީމަށް އަހަރެންގެ ފިރިމީހާ އަދު ދުނިޔޭގައި ނެތި ހުވަފަތް ވެފައި އިނުމުން އަހަންނަކީ އެންމެ 13 އަހަރުގައި މައިންބަފައިން ގަދަކަމުން އުމުރަށްވުރެ އެތައް އަހަރެއް ދޮށީ މީހަކަށް އަގު ޖައްސައި ވިއްކާލެވުނު އަންހެނެއްކަން ނޭނގިދާނެ އެވެ. މިއަދު އަހަންނަށް 32 އަހަރު ވިޔަސް އެންމެ 13 އަހަރުގައި އަހަރެން ބައްތިރީސް އަހަރުގެ މީހަކަށް ވާން ޖެހުނުކަން ބުނެދިނަސް ގަބޫލެއް ނުކުރެވޭނެކަން ނޭނގެއެވެ. އުމުރުން ހަނގުވެފައި ބޭރުފުށަށް ބަލާލަން ކިތަންމެ ރީއްޗަސް، އުމުރުގެ ނުހަނު ޅަފުރާގައި މައުސޫމިއްޔަތުކަން ނަގާލައި ބޭނުން ގޮތަކަށް، އެއްވެސް ލޯތްބެއް ނެތި ފިރިހެނަކު ހިތުހުރި ގޮތަކަށް ހަދާލި މީހެއްކަން ކިޔައިދޭނީ ވަކި ކިހިނެއް ހެއްޔެވެ.
ވާނެ ގޮތެއް ނޭނގެއެވެ. އަހަރެންގެ ދަރިންގެ އެދުމުގެ މަތިން ތައްޔާރުވަމުން މިދަނީ ނަދީމާ ބައްދަލުވުމަށެވެ. ހުރިހާ ދަރިންވެސް އެކުދިންގެ މަންމައަށް އުފާވެރި ހަޔާތެއް ހޯދައިދޭން ބޭނުމެވެ. އެކުދިންގެ ބައްޕަ ދުނިޔޭގައި ހުރިއިރު ބައްޕައަކާނުލައި މަންމަ އެކުދިން ގެންގުޅުނު ގޮތާއި ބައްޕަ މަންމައަށް ކަންތައް ކުރަމުން އައި ގޮތް އެކުދިންނަށް އޮޅުވަން ބޭނުންވިޔަސް އޮޅުވާލެވޭ ވަރަށްވުރެ އެކުދިންގެ ބައްޕަ ކަންތައް ކޮށްފައި ވަނީ ކުދިންގެ ހާޒިރުގައި ފާޅުގައެެވެ. ހިތްވަރާއެެކު އަހަރެން ކުދިންނަށްޓަކައި ގަދަފަދަ ވެ މުޅިން އާ މާހައުލަކަށް ކުދިން ގޮވައިގެން އައިސް ދިރިއުޅެން ފެށީ އެކުދިންނަށް ދެދުނިޔެ ހޯދައިދިނުމަށް އަމިއްލަ ނަފުސުގެ އުފާތަކުން މަހުރޫމުވެގެންނެވެ.
13 އަހަރުގައި ކުރެވުނު ކައިވެންޏަށް ހަ އަހަރުވީއިރު އަހަރު ދެކޮޅު ވިހަން ޖެހުނު ކަމާއި ހަ އަހަރުވީއިރު މަގޭ އުމުރުން އެންމެ 19 އަހަރުގައި މަށަށް މަންމަ ކިޔާ ފަސް ދަރިން ތިބިކަން ގަބޫލު ކުރާނެ މީހަކަށް ނަދީމު ވެދާނެ ތޯއްޗެކެވެ. ހިތަށް އަރައެެވެ. މަށަކީ ފޮޅުމުގެ ކުރިން ނީލަމުގައި އަގު ޖެއްސިގެން ދިޔަ މަލެއްކަަން ބުނެދިނީމަ ޔަގީނުންވެސް އޭނަ ހަމްދަރުދީ ވެދާނެއެވެ. އެކަމަކު ވަގުތުގެ ކުރިން ގަދަބާރުން ފޮޅުވާލައި މޭވާ އެޅުމަށް ރޯކުރި މަލަކުން ނަދީމު ކަހަލަ ޒުވާން، ހިތްގައިމު، އަދި ހަމަ އަލަތުފިރިއަކަށް ވާން އުޅޭ މީހަކު ވަކި ކުރާނީވެސް ކީއްހެއްޔެވެ. ނަދީމަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު އޭނަ އަހަރެން ބަލައިގަތަސް އަހަރެން އެނބުރި އަންނާނީ އޭނައަށް، އަހަންނަކީ އޭނައަށް ބޭނުން ހިފޭނެ މީހެއް ނޫންކަމާއި ހަމައެކަނި “ހުސް ތޮށިގަނޑެއްކަން” ވިސްނައިދީފައި ކަމަށްވެސް ވެދާނެއެވެ.
އުމުރުގެ ކުރިން އުޅެން ޖެހުނު ހާލުން، ނުހަނު ޅައުމުރުގައި ގިނަދަރިން ވިހައި ބުރަ ދިރިއުޅުމެއްގައި ދިރިތެޅުމުން ބޭރަށް ނުފެނުނަސް އަހަރެންގެ އެތެރެހަށި ވަނީ ފުޑުފުޑުވެފައި ކަން ބުނެދިނުމުން ނަދީމު އަހަންނާ އިންނާކަށް ބޭނުމެއް ނުވާނެކަން ޔަގީނެވެ. އޭނަވެސް ބޭނުން ވާނީ ދަރިންނާއި އުފާވެރިކަން ދޭނެ އަނތްބެއްތާއެވެ. ހަމައެކަނި ހީނސަމާސާ ކުރާނެ އެކުވެރިއެއްގެ މަގާމު ފުރައިދޭން އެކަށީގެންވާ އަހަރެން ކަހަލަ ނުކުޅެދޭ މީހަކުން އޭނަ ވަކި ކުރާނީ ކީއްހެއްޔެވެ.
ހިތަށް ކުރާ އަސަަރުން ލޮލަށް ޖަމާވި ކަރުނަ އަހަރެން ފޮހެލީ އަތުގެ ނުފުށުން ހިންދިރުވަމުން ގަދަ ބާރުން ހިނިތުންވަމުންނެވެ. އަހަރެންގެ މި ހިތްދަތި ހަޔާތުގައި ދިމާވި ހާލަތަށް ތަބާވުމުގެ މަޖުބޫރީގައި ކުށްވެރިކުރަންވީ ކާކުބާވައެވެ. ނީލަމުގައި އަގުޖައްސާލެވޭ އަހަރެން ކަހަލަ އަންހެންދަރިންނާމެދު އެގޮތަށް ކަންތައް ކުރުމުގައި މަޖުބޫރީ ހާލަތޭ ކިޔާ މައިންބަފައިންނާއި ބެލެނިވެރިންނަށް އަދަބު ދެވޭނެ ގާާނޫނެއް ނުވަތަ ޝަރީއަތެއް ނެތެވެ. އަދި ހަަމައެހެންމެ ދަރިއެއްގެ ވާޖިބު އަދާާ ކުރުމަށްޓަކައި މުސްކުޅި މައިންބަފައިންނަށް މާފުކޮށްފައި ހިތުގައި ހިލައެއް ބޭއްވުން ނޫން ގޮތެއްވެސް އަހަރެމެން ކަހަލަ އަންހެނުންނަަކަށް ނޯވެއެވެ.