ފެނަކީ ކޮންމެ ދިރޭއެއްޗެއް ދިރިހުރުމަށް އެންމެ މުހިއްމު އެއް މާއްދާ އެވެ. ކޮންމެ ދިރޭ އެއްޗެއްގެ އަސްލަކީ ފެންކަމުގައި މާތްﷲ ލައްވަވާފައި ވެއެވެ. އިންސާނާގެ ހަށިގަނޑުގައި ފެން ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން 50 ކިލޯގެ ބަރުދަން ހުންނަމީހެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 31 ލީޓަރުގެ ފެން ހުންނަކަމަށް ވެއެވެ. އަދި 10 ކިލޯގްރާމްގެ ބަރުދަން ހުންނަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 8 ލީޓަރުގެ ފެން ހުންނަކަމަށް ވެއެވެ.
އިންސާނާއަށް ފެން މުހިއްމުވާ ތަފާތު އެތައް ސަބަބުތަކެއް ވެއެވެ. އެގޮތުން އިންސާނާއަށް ފެންބޭނުންވާ ސަބަބުތަކުގެ ތެރޭގައި ނޫނީ އިންސާނާގެ ހަށިގަނޑުގައި ފެނުން ކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި ހަށިގަނޑުގައިވާ ދިޔަތަކާ، ސެލްތައް އުފެއްދުން، ކާތަކެތި ހަށިގަނޑުގެ ތެރޭގައި ފަސޭހައިން ހަޖަމުކުރެވޭނެގޮތް ހެދުން، އަނގަ، ގޮހޮރު، ފުއްޕާމޭ، ހަން ފަދަ ގުނަވަންތައް ކުރަކިވިޔަނުދީ ތެތްކަންމަތީ ބެހެއްޓުން، ކުޑަކަމުނަޖިހާއެކު ހަށިގަނޑުގައި އުފެދޭ ކުނިބުނި ހަށިގަނޑުން ބޭރުކުރުން، ހަން ސާފުކޮށް ބެހެއްޓުން، ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުން، ދާހިއްލުމަށް ފަހިކޮށްދިނުން، ހަށިގަނޑުގައި ހިމެނޭ ލޮނުގެ މާއްދާތަކުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުން، ހަށިގަނޑުގައި ހިންގާ އެކިއެކި މެޓަބޮލީކް ރިއެކްޝަންތަކަށް އެހީތެރިވުން، ހަށިގަނޑަށް ބޭނުންނުވާ، އަދި ވިހަ މާއްދާތައް، ފުރަމޭ، ގުރުދާ (ކިޑްނީ)، ފުއްޕާމޭ، އަދި ހަމުގެ ތެރެއިން ލާފައި ހަށިގަނޑުން ބޭރުކުރުން، އަދި ހަށިގަނޑުގެ ތެރޭގައި އެކުލެވިގެންވާ އެކިއެކި ކެމިކަލް މާއްދާތައް އެއްތަނުން އަނެއްތަނަށް އުފުލުން ފަދަ ކަންތައްތައް ހިމެނެއެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި، ހަށިގަނޑުގެ އެތެރޭގައި ހުންނަ ފެން ބޭރުވާ މިންވަރަށް ހަށިގަނޑަށް ފެން އެތެރެކުރަންޖެހެއެވެ. ނޫނީ އެތެރެވާން ޖެހެއެވެ. މީހާ ހަރަކާތްތެރިވެ، އުޅޭ މިންވަރަކުން، ބޭރުވާ ފެން އިތުރުވާނެކަން ހަދާންކުރާށެވެ. އެމީހަކު ދިރިއުޅޭ މާހައުލުގެ ނޫނީ ޖައްވުގެ ފިނިހޫނު މިނުން ވެސް، އެމީހެއްގެ ހަށިގަނޑުން ފެންބޭރުވާ މިންވަރު ތަފާތުވާނެ އެވެ. ހަމައެފަދައިން ފެން ބޮވޭ މިންވަރަކުން، ކުޑަކަމުދިއުމުން ހަށިގަނޑުން ފެންބޭރުވާ މިންވަރު ތަފާތުވާނެ އެވެ. ބޭހެއްކަމުން ގެންދަނީނަމަ، އާންމުގޮތެއްގައި ފެންބޯ މިންވަރަށްވުރެ އިތުރަށް ފެންބުއިމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
އެކަށޭނަ ވަރަށް ފެންބުއިމަކީ ޞިއްޙީ ގޮތުން ވެސް އެތައް ފައިދާތަކެއް ލިއްބައިދޭ ކަމެއްކަން ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން ފެންބުއިމުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުން ލޮނާއި، ފެން ހުސްވިޔަނުދީ ހިފެހެއްޓުން، ބަރުދަން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުން، ބޮލުގައި ރިހުމާ ހަށިގަނޑުގައި އުފެދޭ އެހެނިހެން ތަދުތައް ލުއިކޮށްދިނުން، ހަމަށް އޮމާންކަމާ ތާޒާކަން ގެނެސްދީ، ހަމުގެ ބަލިތަކާ ދުރުކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހަށިގަނޑަށް އެކަށޭނަ ވަރަށް ފެންބުއިމަކީ ހަޖަމުކުރުމުގެ މަސައްކަތް ހީވާގީކޮށް، ގޮހޮރުގެ މައްސަލަތައް ކުޑަކޮށްދޭނެ ކަމެކެވެ. އެއީ ބަނޑުހަރުވުން ކުޑަކޮށްދީ، ބަނޑު ފަސޭހަކޮށްދޭނެ ކަމެކެވެ. މަސްގުޅަކެއުން ފަދަ ކަންތައްތަކާ ދުރުހެލިކޮށްދިނުން، ވަރުބަލިކަމާ ވާޅުކަން ކުޑަކޮށޮދީ ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ. ހަށިގަނޑުގެ ބައެއް ހިސާބުތަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދިނުން، ހަށިގަނޑުން ވިހަތަކާ ގެއްލުންދެނިވި މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދިނުން، އަދި އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ދުރުކޮށްދިނުން ފަދަ ކަންތައްތަކަކީ ވެސް އެކަށޭނަ ވަރަށް ފެންބުއިމުން ލިބިދޭނެ ފައިދާ ތަކެވެ.

ފެނާއި ނުލައި ދެތިން ދުވަސް ވަންދެން ވެސް ދިރި ހުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އާންމުކޮށް ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ފަދަ ކާނާގެ ބާވަތްތަކުގައި ގިނަ މިންވަރަކަށް ފެން އެކުލެވޭކަން ފާހަގަކޮށްލެވެއެވެ. ހަމަ މިހެން މައިމީހާގެ ކިރުގައި ވެސް ގިނައަދަދަކަށް ފެން އެކުލެވިގެންވެއެވެ. މިހެން ވުމުން ގާތުން ކިރުދޭ ކުދިންނަށް 6 މަސް ވުމުގެ ކުރިން ފެން ނުވަތަ އެހެންވެސް ދިޔާއެއްޗެއް ބޭނުމެއް ނުވާނެ އެވެ. އެއީ މައިމީހާގެ ކިރުން ކުޑަ ދަރިފުޅަށް އެމުއްދަތުގައި ބޭނުންވާނެ ފެނުގެ މިންވަރު ފޯރުކޮށްދޭތީ އެވެ.
ބަލިތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ފުދޭވަރަކަށް ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ފެންބުއިމަކީ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދީ، ބައެއް ބަލިތަކަށް އަވަސް ޝިފާއެއް ލިބުމަށް ބޭނުންތެރިކަމެއް ވެސް މެއެވެ. އެހެންކަމުން ގިނައިން ފެންބުއިމަކީ އާދައަކަށް ކޮންމެ ބޭފުޅަކު ވެސް ހެއްދެވުމަކީ މުހިއްމު ކަމެކެވެ.
ފެނުގެ ބަދަލުގައި އެހެން ދިޔާތަކެތި ބުއިމަކުން ނުފުދޭނެ އެވެ. ސައި، ކޮފީ، ކޯލާ، ފިޒީޑްރިންކްސް، އަދި އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކަކީ ހަށިގަނޑަށް ބޭނުންނުވާ، އަދި ގިނައިން ބޭނުންކުރުމުން، ގެއްލުންލިބޭ މާއްދާތައް (މިސާލަކަށް ކެފެއިން ފަދަ މާއްދާތަކާ ގިނަ އަދަދަކަށް ހަކުރު) އެކުލެވޭ ބުއިންތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން، ޕެކެޓް، ދަޅު، ފުޅި، ފަދަ ބަންދުކޮށްފައި ހުންނަ ޖޫސް ފަދަ އެއްޗެހީގައި، އެތަކެތި ނުބައިނުވެ ބެހެއްޓުމަށްޓަކައި، ހަށިގަނޑަށް ކޮންމެހެން ބޭނުންނުވާ (ހަށިގަނޑުން ބޭރުކުރަންޖެހޭ) އެތައް ކެމިކަލް އެއް އެއްކުރެވިފައި ހުންނަކަން ފާހަގަ ކޮށްލަންޖެހެއެވެ.
ފެނަކީ އަހަރެމެންގެ ހަށިގަނޑަށް ބޭނުން އެއްޗެއް ކަމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ފެން ބޭނުންވަނީ ކިހާވަރަކަށްކަން، އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމުން ޞިއްޙީ ގޮތުން މައްސަލަތައް ދިމާވެދާނެކަން އެންމެންނަށް ވެސް އެނގެއެވެ. މިކަން އެނގޭއިރު ވެސް ބައެއް މީހުންނަކީ އެކަށޭނަ ވަރަށް ފެންބުއިމުގެ އާދަ ހިފިފައި ނެތްމީހުންކަން ފާހަގަކުރެވެއެވެ. ނުވަތަ ފަރުވާކުޑަކަމުގެ ސަބަބުން ފުދޭވަރަށް ފެންނުބޮއި ތިބޭމީހުންނެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ގަވާއިދުން ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ، އެލިބޭ މަދު މިންވަރު ބޭނުންކޮށްގެން، ހަށިގަނޑު ދާއިމީ ގޮތަކަށް މަސައްކަތް ކުރަން ފަށާނެކަމެވެ. އަދި މިގޮތުގައި ގިނަ ދުވަސްވާވަރަކަށް ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވަމުންދާނެ ކަމެވެ.
ޑރ ޢަބުދުލް ޢަޒީޒު ޙަމީދުގެ ލިޔުމެއް / ޞިއްޙަތު ބްލޮގް

