14 ފެބްރުއަރީ އަކީ ވަރަށް ހާއްސަ ދުވަހަކަށް ވެގެން އިރެއްގައި އަހަރެމެން އެންމެންވެސް ވަރަށް ފާހަގަކުރު ދުވަހެކެވެ. މީގެ ގާތްގަނޑަަކަށް ތޭވީހަކަށް އަހަރު ކުރިން އަހަންނަކަށްވެސް އަދި އަހަރެންގެ އެކުވެރިންނަކަށްވެސް ލޯބިވެރިންގެ ދުވަސް ނުވަތަ ވެލަންޓައިންސް ޑޭ ގެ އެއްވެސް ހަގީގަތެއް ނޭނގެއެވެ. އެހެންކަމުން އަހަރެމެން އެދުވަހަށްޓަކައި ކޭކުއަޅައި ޕާޓީ ބާއްވައި، ޑިސްކޯ ބާއްވަނީ އެއްފުރައިގެ ހުރިހާ ސްކޫލު ކުދިންނަށްވެސް ދައުވަތު ދީގެންނެވެ.
އަހަރަކީ 2000 ވަނަ އަހަރުކަމުން މިލީނިއަމް ލަވައަކަށް ޖެނިފާ ލޮޕޭޒް ކިޔާފައިވާ "ވެއިޓިންގ ފޯ ޓުނައިޓް"ގެ އަޑުން އަހަރެމެންގެ އެއަހަރުގެ ވެލަންޓައިންސް ޕާޓީ ގުގުމަމުން ދިޔައީ 14 ފެބްރުއަރީ 2000ގެ ރޭގަނޑު ނުވައެއް ޖެހިވަގުތުއެވެ. މިރޭގެ މުނާސަބާގައި އަހަރެންގެ ވެލަންޓައިން ފައިރޫޒު ޕާޓީގެ ދޮރުން ވަން މަންޒަރާއެކު ހަޅޭކުގެ އަޑު ގުގުމައިގެން ދިޔައެވެ. އެއީ މިޔުޒިކްގެ އަޑު ކުޑަކޮށް މަޑުވުމާއެެކު މައިކުން އަހަރެންގެ އެކުވެރި އަސްނާތު ގޮވާލި އަޑާއެކު އެންމެންގެ ޔާހޫ އަޑެވެ. "ވެލްކަމް ޓު ދިސް ވެލަންޓައިންސް މިސް އެންޑް މިސްޓަރ ވެލަންޓައިންސް، އޯހް، ދަ މިލީނިއަމް، ދަ 2000 ވެލަންޓައިން ކަޕްލް ފާރޫޒު އެންޑް ރައިދާ"
މިއަދުވެސް އެހަނދާންވުމުން އަހަންނަށް ރޮވެއެވެ. އުފަލަކުން ނޫނެވެ. ހިތާމައާއި ލަދުންނެވެ. ކޮންމެ އަހަރެއްގެ މިދުވަހު އަހަރެންގެ ހިތާމަތައް ގުނަގުނައަށް ބޮޑުވެއެވެ. އަހަންނާއި ފާރޫޒަށް ލިބުނު މަގޭ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފްއަމީން މައްކާއިން ތައުލީމު ހާސިލުކޮށްގެން އޭނާގެ އަނބިމީހާ ގޮވައިގެން މިގެއަށް އައިސް އެއުޅެނީ ހަފުތާއެއްގެ ޗުއްޓީއެއް ހޭދަކޮށްލަން ރާއްޖެއައިސް އުޅޭތީއެވެ. ޔޫސުފު ލިބުމާއެކުހެން އަހަރެންގެ ހެޔޮ ނަސީބު އަތުގަ ހިފީއޭ ކަމެއް ނޫނީ ނުވަމަސްވަންދެން މެދުނުކެނޑި ހިމޭން މެންދަންތަކުގައި އަހަރެން ކުރި ދުއާގެ އަސަރު ކަމެއް ނޭނގެއެވެ. ދަރިފުޅަށް ހަމައެންމެ ހަތް ދުވަހުގައި އަހަރެންގެ ބައްޕަގެ ފަރާތު ބޮޑުދައިތައަކަށް ސައުދީއިން އެމްބެސެޑާރ އޮފީހުގެ މަތީ ވަޒީފާއެއް ލިބުނީއެވެ. ބޮޑުދައިތަ ފުރައިގެން ދިޔައީ އަހަރެމެން ދެމައިން ގޮވައިގެންނެވެ. އެތަނުގައި އަހަރެންގެ ތައުބާ އިތުރަށް ހަރުދަނާވިއެވެ. ހަޔާތަށް އިންގިލާބު އައި، އަހަރެން ރަށްމެދުކޮށް، ބަދުނާމާއި ހިތިހިތްދަތިކަން ލިބި ބޭވަފާތެރި ފިރިހެނެއްގެ ރީތިސިފައިގެ އަވައިގައި ޖެއްސި ލޯބިވެރިންގެ ދުވަސް ނޫނީ ވެލަންޓައިންސް ޑޭގެ އަސްލު ހަގީގަތްވެސް އެނގުނެވެ. އެދުވަހުގެ ހަގީގީ ވާހަކަ އެނގުމުން އަމިއްލަ ނަފުސުދެކެ ރުޅި އައި ވަރުން ވަޅެއް ކޮނެ ވަޅުލެވެންވީ އޭ ވެސް ހިތަށް އެރިއެވެ. އަސްތަޣްފިރުﷲ ތައުބާ ތައުބާއެވެ. އެހާ ހުތުރު ކަމެއް ދިރުވާ އާލާ ކުރަން މިއަދުވެސް ދިވެހި ޅަޒުވާނުން ތެޅޭ ތަން ފެނުމުން ހިތަށް ކުރާ އަސަރު ބުނެދޭކަށް ނޭނގެއެވެ.
އަހަރެންގެ ދަރިފުޅު ތައްޔާރު ވަމުން އެދަނީ މާލެއިން ފުރުމުގެ ކުރިން ރަނގަޅު ދަރުސްއެއް ދިނުމަށެވެ. މިރޭގައި އިޝާނަމާދަށްފަހު ދަރިފުޅުގެ ދަރުސްގައި ފެބްރުއަރީ 14އިގެ އަސްލު ހަގީގީ ވާހަކަ އޭނާ ކިޔައިދޭނެއެެވެ. ދަރުސް ޑްރާފްޓް ކުރަން ލެޕްޓޮޮޕް ދޮށުގައި ތިބި ދެމަފިރިންނަށް އަހަރެން ފެނުމުން ޅީދަރިފުޅު އައިސް އަހަރެންގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން މިރޭގެ ދަރުސްއާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށިއެވެ.
"އަސްލު މަންމާ ބުނެބަލަ. ރާއްޖެ މީހުންނަށް މި މައުލޫމާތު އެނގުން މުހިންމު ނޫންތޯ. މީހުން އެއްޗެހި ކިޔާނެ. ފާޑު ކިޔާނެެ. ބުނާނެ ދުވަސް ޕްރޮމޯޓު ކުރަނީއޭވެސް. އެކަމަކު އަޅުގަނޑު ޔޫސުފު ގާތު މިބުނަނީ ހަމަ ނޭނގޭތީއޭ މި ދުވަސް މީހުން ފާހަގަ ކުރަނީ. އެނގޭނަމަ އެހާ ހުތުރު ކަމެއް ރަމްޒު ކޮށްދޭ ކަމެއް ނުކުރާނެކަން ޔަގީން." އަހަންނަށްވުރެ ރަނގަޅަށް ދަރިފުޅު އެބުނި ވާހަކައަކީ ތެދެއްކަން އެނގޭނެ އެހެންމީހަކު ހުންނާނެބާވައެވެ.
އަހަންނާއި ފައިރޫޒުގެ ގުޅުން އުއްބައްތިއެއްގެ ހުޅުކޮޅު ނިވާލެވުނުހެން ނިމުނުއިރު އަހަރެން އިނީ ތިންމަހުގެ ބަނޑަކާއެކު ސުކޫލުންވެސް ވަކިކޮށްލާފައެވެ. މިއަދު ފައިރޫޒު ވެސް އެހެން ހަޔާތެއްގައި ދުނިޔޭގެ ކޮންމެވެސް ހިސާބަކު އުޅޭނެކަންނޭނގެއެވެ. އެދުވަހު އަހަންނާ ނީންނާނެކަމަށާއި މަށަކީ ހުތުރު ވިޔާނުދާ ކަންކުރާ ނަޖިސް މީހެކޭ ބުނެފައު އޭނާ ދިޔަފަހުން ދުވަހަކުވެސް އެނބުރި އޭނަ ކޮބައިތޯ ނުބަލަމެވެ. ތައުބާގެ ދޮރުން ވަދެވުމުން އާއިލާއާއެކު ސައުދީގެ ރިޔާދުގައި އަހަރެން މާތްވެެގެންވާ އިސްލާމްދީނާ ބެހޭ ގޮތުން އެނގި ހޯދައި ދަސް ކުރީ މުސްލިމު ގައުމަކަށް އުފަންވެފައި އިނަސް އެއްވެސް ވަރަކަށް އިސްލާމްދީނުގެ ކަންތައްތައް ނޭނގޭކަން ހިތުގެ އަޑިން ގަބޫލު ކުރާތީއެވެ.

ޔޫސުފަށް އަހަރެން ބަލިވެ އިނދެ ވިހެއުމާ ހަމައަށްވެސް އެންމެ ހިތާމަ ކުރީ އަހަރެންގެ އަލަތު ލޯތްބާއި އަލަތު ދަރިފުޅުގެ ފެށުން ފެބްރުއަރީ 14 ކަހަލަ ހަޑިހުތުރު އަމަލުތައް ކުރާ ދުވަހެއްގެ މުނާސަބާ ފާހަގަ ކުރުމުގެ ތެރެއިން އައީތީއެވެ. މިއަދު އަހަންނަށް ވެގެންވަންޏާ އެންމެން ކައިރީ، މުޅި ދުނިޔޭގައި ތިބިއްޔާ ތިބިހައި "14ފެބްރުއަރީ" ފާހަގަ ކުރާ މީހުން ކައިރީ އަދި ހާއްސަކޮށް މުސްލިމުން ގާތު ބާރު އަޑުން ގޮވާ ބުނާނަމެވެ.
"މީހުންނޭވެ. 14 ފެބްރުއަކީ ވެލަންޓައިންސް ޑޭ އޭ ކިޔާ ފާހިޝް ފާފަވެރި އަމަލުތައް އާންމުކުރާ ލާދީނީ ދުވަހެއް ފާހަގަ ކުރަނީ ހެއްޔެވެ.
ވެލަންޓައިންސް، ނޫނީ ލޯބިވެރިންގެ ދުވަހެއް ނޫނެވެ. 14 ފެބްރުއަކީ އަކީ ލުޕރކާލިއާގެ އީދު ފާހަގަ ކުރުމެވެ. އަވަހަށް ތައުބާ ވާށެވެ. އަވަހަށް މިންޖުވާށެވެ. އަބަދުގެ އަބަދަށް މިދުވަސް ފާހަގަ ކުރުން ހުއްޓާލާށެވެ."
ވެލަންޓައިންސް ޑޭ ނުވަތަ 14 ފެބްރުއަރީ، ދުވަހަށް ވީ ކީއްވެގެންތޯ ބެލުމުގެ ކުރިން ނަމުގައި "ލޯބިވެރިން" މިއީ މުސްލިމު އެއްވެސް ގައުމެއްގައި ފާޅުގައި ވެސް އަދި ސިއްރުންވެސް ފާހަގަ ކުރަން ވާވަރުގެ މުނާސަބާއެއް ނޫން ކަން ހަމައެކަނި ބަހުންވެސް އެނގޭކަން ގައިމެވެ. އެހެންނަމަވެސް އަދުގެ ޒުވާން ޖީލު މިފަދަ ކަންތައްތަކަށް ލޯހުޅުވިފައި ނެތޭ ބުނަން ޖެހެނީ ހިތާމައާއެކުގައެވެ.
ދުނިޔޭގެ އެތައް މުސްލިމު ގައުމުތަކެއްގައި މިދުވަސް ފާހަގަ ކުރުން ކަނޑައެޅިގެން މަނާވެފައިވާ ސަބަބަކީ ޔަގީނުންވެސް ކުޑަ ކަމަކާހެދި މަނާވާ ސަބަބެއް ނޫނެވެ. ދުނިޔޭގެ މުސްލިމު ނޫން އެހެެން ދީންތައްވެސް "ވެލަންޓައިންސް ޑޭ" ފާހަގަ ކުރުމާ ދެކޮޅުވެރިވެއެވެ. ހަގީގަތަކީ ކޮބައިތޯ ބަލާލުން މުހިންމު ނޫންބާވައެެވެ.
އަހަރެމެންގެ ފުރާވަރުގައި 14 ފެބްރުއަރީއަކީ ކިހިނެއްވާ ކަމެއްތޯ ބަލަން އުޅުމުން އޭރު އެނގުނު މިންވަރަކީ މިދުވަހަކީ ލޯތްބަށްޓަކައި ގުރުބާންވި ފާދިރީންގެ ވާހަކައަކުން އުފަންވި ދުވަހެކެވެ. އެފާދިރީ ކައިވެންޏަށް ސަޕޯޓުކޮށް ލޯތްބަށްޓަކައި ކައިވެނި ކޮށްދިނުމުގެ ނަތީޖާއަކަށް އޭނާ ޖަލަށްލާފައި ހުއްޓާ އެތަނުންވެސް އޭނާ ލޯބީގެ ކަންތައްގަޑެއް ހިންގައިގެން އެންމެ ފަހުން އޭނާއާއި އޭނާގެ ލޯބިވެރިޔާ ސަލީބަށް އަރުވާ މަރާލެވުނީއެވެ.

ހަގީގަތަކީ އަދި މިއެއްވެސް ނޫނެވެ. ވެލަންޓައިންސް ޑޭ ނުވަތަ މިއަދު 14 ފެބްރުއަރީ ކުލަގަދަކޮށް ފާހަގަ ކުރުމަށް މިބާރު އަޅަނީ ކޮންބައެއްކަން އެނގޭބާވައެވެ. މިއީ "ލުޕަރކާލިއާ" އީދުގެ ނަމުގައި އެދުވަސް ފާހަގަ ކުރުމަށް ޖަހާފައިވާ ހަމަ ވަރަށްވެސް ރީތި "މަޅި" އެކެވެ. ޒަމާންތަކެއް ކުރިން ރޯމަނުންގެ ތެރޭގައި ފާހަގަ ކުރަމުން އައި ހުތުރުކަން ބޮޑުވެގެންވާ އަމަލުތަކެއްގެ އީދެކެވެ.
ކޮންމެ ލުޕަރކާލިއާއެއް ފެށިގެން އަންނަނީ ލުޕަރސީން ބަކަރިއާއި ކުއްތާއެއް ޤުރުބާންކުރުމުން، އޭގެ ފަހުން ލުޕަރސީގެ ތެރެއިން ދެމީހަކު ޤުރުބާންކުރާ ތަނަށް ގެންގޮސް، ލޭއޮހޮރުވާލާ ވަޅިއަކުން ނިތްކުރިމަތީގައި އަތްލައި، ސާފު ކިރު(މިލްކުއެއްޗެއް)ގައި ފޮރުވާފައިވާ ވޫލުން(ހުދު ރުމާލަކުން) ލޭ ފޮހެލާނެއެވެ. އެ "ރިޗުއަލްގައި" އެ މީހުން މޮޔައިންތަކެއް ހެން ހޭނެއެވެ. މިއީ "ދަރިމައިކުރުން، ޕޭގަން ފެސްޓިވަލް އޮފް ފަރޓިލިޓީ ލޫޕަރކަލިއާ". ބަހުގެ މާނައިން މިއީ ކީއްކުރާ ކޮން ދުވަހެއްކަން އެނގޭނެއެވެ. 13 އިން ފެށިގެން 15އަށް ކުރިއަށް ގެންދާ މިއީދުގައި އޮންނަނީ ޖަނަވާރު އުސޫލެވެ.
ވެލެންޓައިންސް ޑޭ ބިނާވެފައިވަނީ ލުޕަރކަލިއާ ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޤަދީމީ ރޯމްގައި ލުޕަރކަލިއާ ކިޔާ މި "ޕޭގަން ފެސްޓިވަލް" ކުރިއަށް ދިޔުން ހުއްޓާލަން ޖެހުމުންނެވެ. މިދެމެދަށް އަންނަ 14 ރީތި ނަމެއްގައި މިއޮތީ އާންމުކޮށްފައެވެ. އަދި މިދުވަހުގެ ދެކުލަ ރަތާއި ހުދަކީ އެއްކަލަ ލޭ ރަމްޒު ކޮށްދޭ ރަތް އަދި އެސާފު ކިރު ރަމްޒު ކޮށްދޭ ހުދު ކުލައެވެ. ގިނަ ތާރީޚް ލިޔުންތެރިން ގަބޫލުކުރާ ގޮތުގައި މި ދުވަސް އުފެދުނީ ޖަނަވާރު ޤުރުބާންކުރުމާއި ރެންޑަމް ކަޕްލިންގ އަދި އަންހެނުން ވިޕް ކުރުމުން ފުރިފައިވާ ރޯމަނުންގެ "ޕޭގަން ފެސްޓިވަލް އޮފް ފަރޓިލިޓީ ލޫޕަރކަލިއާ" އިންނެވެ.
މިއަދު ދުނިޔޭގައި ބަޔަކު ނޭނގި ތިބެ ފާހަގަކުރާ "ރޮމޭންޓިކް ޗޮކްލެޓާއި ރޯޒްސް ޑޭ" އެއް ނޫނެވެ.އެކަމަކު މިއީ ޒުވާން ސިހުރުވެރިން ރަތް ކުލައިގެ ހެދުން އަޅައިގެން ވަލުތެރެއިން ވަލުތެރެއިން ވަލު ހެދުމުގައި ތިބެ އެމީހަކަށް ޖެހުނު ވައްތަރެއްގެ "ނެށުމެއް" ދުނިޔެއަށް އުފަންކުރެއްވި ގޮތަށް ތިބެގެން ކުރިއަށް ގެންދާ ޖަނަވާރު އުސޫލު އަމަލުތަކަކަށް ދިރުން ދިނުމަށް ހުއްޖަތާއެކު ފާހަގަ ކުރުވާ ދުވަހެކެވެ.
ވިސްނާލަމާތޯއެވެ. ވެލަންޓައިންސް ޑޭ، ލޯބިވެރިންގެ ދުވަސް ރީތި ނަމެއްގައި ނަލަ ކުލަތަކެއް ޖައްސައިގެން ފާހަގަ ކުރަން 14 ފެބްރުއަރީގައި ކުރެވޭ މިފަދަ ކަންތައްތަކަކީ ޒިނޭ އާންމުވުމާއި ފާފަތަކަށް މަގު ހުޅުވުން ނޫން އެހެން ކޮންކަމެއް ހެއްޔެވެ. ބަޔަކު ފަތުރާފައި އޮތް ކުޅިގަނޑެއްގައި ޖެހި އެއްބަޔަކު ހަލާކުވަމުން މިދަނީ ހަމަ ނޭނގޭތީ އެވެ. އަހަންނަކީ އޭގެ ރަނގަޅު މިސާލެކެވެ.
އެހެންކަމުން އަހަރެން އަޑުން އަޑުނަގާ ބުނަމެވެ. 14 ފެބްރުއަރީއަކީ ފޯލްއިން ލަވް ވެލަންޓައިންސް ޑޭ އެއް ނޫނެވެ. ކިޔުޕިޑުން ރުވާލެވޭ ދުނިންނޭ ކިޔާއިރު "ކިޔުޕިޑް"އަކީ އެމީހުންގެ އަޅުކަމުގެ ރަމްޒުކަން ނޭނގޭނަމަ މިއަދު ދެން ދެނެގަނެ ހުއްޓާލާށެވެ. ކުފުރު ނުވާށެވެ. ޝިރުކު ނުކުރާށެވެ، އަވަހަށް ތައުބާ ވަމާ ހިނގާށެެވެ.
މިއީ ކަނޑައެޅިގެން އައިރު މުސްލިމުން ރާވާފައިވާ ރޭވުމެކެވެ. މުސްލިމުންގެ ސިކުނޑިއާ ކުޅުމަށް ތައްޔާރުކޮށްފައިވާ ފިކުރީ ހަނގުރާމައެކެވެ؛ވެލަންޓައިންސް އެއް ނޫނެވެ. ލުޕަރކާލިއާ އީދެވެ. ބޮޑުވެގެންވާ ޝިރުކެކެވެ. ހައްދަވައިބޮޑު ކުރެއްވި ގިނަގިނައިން ފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވާ އޯގާވަންތަ ރަސްކަލާކޯއެވެ. މިއަޅާއާއި އަޅާގެ އާއިލާ އަދި އަޅާގެ ލޮބުވެތި ގައުމުގެ ކުދި ބޮޑު އެންމެން މި ފާފައިން މިންޖުކޮށްދެއްވައި ތައުބާ ގަބޫލުކުރައްވައި ފާފަ ފުއްސަވާދޭނވެ. އާމީން!

