ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރިއަށް ގެންދަވާ “ފިކުރެއްގެ ދިރުން” ސިޔާސީ ހަރަކާތަށް ސޮއި ކުރުމަށް ހުޅުވާލިތާ މާބޮޑު ދިގުލުމެއް ނެތި، ދެހަފުތާ ތެރޭގައި 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގަތުމުންނެ ނަޝީދު ފެއްޓެވި މި ސިޔާސީ ހަރަކާތަށް ތާއީދު އޮތްވަރު ހާމަވާކަން ދޭހަވާ ކަމެކެވެ. ރިޔާސީ ޕްރައިމަރީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތު ކުރައްވައި ރައީސް އިބްރާހީމް ސޯލިހަށް އިންތިހާބުގައި ތާއީދު ނުކުރައްވަން ނަޝީދު ވަނީ ނިންމަވައިފަ އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި އެ ހަރަކާތުގެ އަމާޒަކީ 95،000 މީހުން ހަމަކުރުމެވެ. ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެ އަމާޒު ހާސިލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ އާއި މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ފިކުރެއްގެ ދިރުން ގޮތްޕަށް ސޮއިކުރަމުން ކަމަށާއި މި ހަރަކާތުގައި ވޮލަންޓިއަރުންގެ ގޮތުގައި ވެސް 4،000 އަށް ވުރެ ގިނަ މީހުން އުޅޭ ކަމަށެވެ. އަދި ސޯޝަލް މީޑިއާ ގްރޫޕްތަކުގައި ވެސް ހާހުން މީހުން އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
“ފިކުރެއްގެ ދިރުން” މިއަށް ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި ކުރިން އެ ޕާޓީގައި ތިއްބާ ވަކިކުރި 39،000 މެމްބަރުންގެ ތެރެއިން ބައެއް މީހުންނާއި ނަޝީދުގެ ފިކުރަށް ތާއިދުކުރާ ނަމަވެސް، އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނުވާ ވަރަށް ގިނަ ބަޔަކު ވެސް ހިމެނެ އެވެ.
އަދިވެސް ގިނަ ބަޔަކު ފޯމު ފުރަން ބޭނުންވެފައި ތިބި ކަމަށާއި އެހެންވެ، އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް މިހާރު ހަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“އެމްޑީޕީގެ އަސާސްތަކާއި އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ މިހާރުގެ ސެކްރެޓޭރިއޭޓް އާއި މިހާރު ތިއްބެވި ބޭފުޅުން އެ ފިކުރު މަރާލައިފި. އެއީ މަރުވެފައި އޮތް ފިކުރެއް މިހާރު، މި ފިކުރު ދުރަށް މިދަނީ،” ބޮންޑޭ ވިދާޅުވި އެވެ.
“ރައްޔިތުން އެމްޑީޕީ އުފެއްދީ ގައުމު އިސްލާހުކުރަން. ސަރުކާރު ޖަވާބުދާރީ ކުރުވަން. މި ހަރަކާތުގެ މަގުސަދަކީ އެ ފިކުރު އަލުން ގެނައުން.”
މިހާތަނަށް ހަމަވި މެންބަރުންގެ އަދަދު ވިދާޅުވި ނަމަވެސް މާލެ އާއި އެހެން ސަރަހައްދުތަކުން ސޮއިކޮށްފައިވާ ތަފްސީލުތަކެއް ބޮންޑޭ ހާމައެއް ނުކުރައްވަ އެވެ. އަދި އެހާ ގިނަ އަދަދެއްގެ ބަޔަކާ އެކު އެ ހަރަކާތް ހިންގަން ރާވާފައި އޮތް ގޮތެއް ވެސް އަދި ސާފުކޮށް ވިދާޅެއް ނުވެ އެވެ.
ހުވަދު އަތޮޅާއި އައްޑޫސިޓީގައި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަބަޔަކު ތިބިއިރު މިއިން ކޮންމެ ބަޔަކުވެސް އިންތިޒާރު ކުރަމުން މިހާރު ދަނީ “ފިކުރެއްގެ ދިރުން” ގައި ސޮއިކޮށް އެ ސިޔާސީ ހަރަކާތުގައި ނަޝީދާއެެކުގައިވާކަން ސާބިތުކޮށް ނަޝީދަށް ހިތްވަރު ދިނުން ކަމަށް އެމްޑީޕީގެ ރައީސްނަޝީދުގެ ސަޕޯޓަރުންގެ ތެރެއިން ބައެއް ފަރާތްތަކުން “ހުވަދޫ”ނޫހަށް މައުލޫމާތު ދެމުން ހާމަކޮށްފައި ވެއެވެ.

