ފެންބުއިން މަދުވުމުގެ ސަބަބުން ނޫނީ އެކަށޭނަ ވަރަށް ފެން ނުބުއިމުން ދިމާވެދާނެ ޞިއްހީ މައްސަލަތަކުގެ ތެރޭގައި ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އެޅުން، ކިޑްނީގައި ހިލައުފެދުން، މަސާނާ ދުޅަވުން، އަދި ކިޑްނީ ފޭލްވުން ފަދަ ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ބަނޑުހިކުން، ހަޖަމުގެ މައްސަލަތައް، ގޮހޮރުގެ މައްސަލަތައް، އަދި ބޮލުގައި ރިހުން ފަދަ ކަންތައްތަކަކީ ވެސް އެކަށޭނަ ވަރަށް ފެން ނުބުއިމުން ދިމާވެދާނެ ޞިއްހީ މައްސަލަތަކެވެ.
ދިވެހިރާއްޖޭގައި މިފަހަކަށް އައިސް ކިޑްނީގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ކިޑްނީގެ މައްސަލަތައް ދިމާވުމަށް މެދުވެރިވާ މައިގަނޑު ސަބަބަތަކުގެ ތެރޭގައި ފެންބޮވޭ މިންވަރު މަދުވުމާއި، އެކި ފާޑުފާޑުގެ ބޭސް ބޭނުންކުރާ މިންވަރު އިތުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހޮނޑުލައި، ބޭރަށްހިންގުން ކުރިމަތިވެ އަވަސް ފަރުވާ ނުލިބިއްޖެނަމަ ހަށިގަނޑުން ފެނާއި، ލޮނުގެ މިންވަރު މަދުވުމަކީ ވަރަށް ގާތް ކަމެކެވެ. ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުން ބޮޑެތި މީހުންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަރުހިއްކުން، ކުޑަކަމުދެވޭ މިންވަރު މަދުވެ، ކުޑަކަމުދާ ތަކެތީގެ ކުލަގަދަވުން، ހަމާއި، އަނގަޔާއި، ދޫ ހިކިފައިހުރުން، ލޯވަޅުވަނުން، ބޯއެނބުރުމާއެކު، ވަރުބަލިކަން އިހުސާސްވުން، ފަދަ ކަންތައްތައް ހިމެނެއެވެ.
މީގެ އިތުރުން އަވަސްއަވަހަށް ފުންކޮށް ނޭވާލެވި، ވިންދު ދަށްވެ، ލޭގެ ޕްރެޝަރު ދަށްވެ، ވާނުވާ ނޭނގުމަކީ ވެސް ފެންމަދުވުމުން ދިމާވެދާނެ ކަންކަމެވެ.
ހަމަ މިގޮތަށް ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުން ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަނގަޔާއި، ދޫ، ހިކިފައިހުރުން، ހަމުގެ ވާންކަން ގެއްލި، ހިކި، ދޫވެފައި ހުރުން، ރޯވަގުތު ކަރުނަ ނުހުރުން، ނެޕީ ބަދަލުކުރުމަށްފަހު 4-3 ގަޑިއިރު ވާއިރުވެސް ނެޕީ ތެމިފައިނެތުން، ބަނޑު، ލޯ، ކޯ، ހިނދި ވަޅުވަދެފައިވުން، ފެންކަފަވަޅު ހިނދި އަޑިއަށްދިއުން، ބަރުދަން ލުއިވުން، އަދި އުނދަގޫތަކެއްވާތީ އުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބޭރަށް ހިންގުމާއި، ރޯގާޖެހިގެން އުޅޭ ދުވަސްވަރު ވަކިން ޚާއްޞަކޮށް ގިނައިން ދިޔާތަކެތި ދިނުމަށް ޞިއްޙީ މާހިރުން ލަފާދެނީ ހަށިގަނޑުން ފެނާއި، ލޮނު މަދުވިޔަނުދީ އެކަށޭނަ ވަރެއްގައި ހިފެހެއްޓުމަށްޓަކައެވެ. ބޭރަށްހިންގައި ރޯގާ ޖެހިފައިވާ ދުވަސްވަރެއްގައި ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ބަލިވެއްޖެނަމަ ވީހާވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ސަމާލުވެ ލައްވަންޖެހޭނެ އެވެ.
ޑރ ޢަބުދުލް ޢަޒީޒު ޙަމީދުގެ ލިޔުމެއް / ޞިއްޙަތު ބްލޮގް

