ރަންތާޖު ޤުރުއާން މުބާރާތުގެ ޚާއްޞަ އެއް މެހެމާނަކަށް ޤާރީ، ޝައިޚް މިޝާރީ

ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތުގެ އޮޑިޝަންތައް މިހާރު ވަނީ ނިންމާލާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު، ރާއްޖެޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމަށް މަޢުލޫމާތު ދެއްވަމުން، ވިދާޅުވީ ރަމަޟާން މަހު މިމުބާރާތް ކުރިޔަށްދާއިރު، ދުނިޔޭގެ ނަން މަޝްހޫރު ޤާރީން މުބާރާތުގެ އެކި ހިސާބުތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ކުވައިތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޔޫތު މިނިސްޓަރު މަޚުލޫފް، ޤާރީ މިޝާރީއާ ބައްދަލުކުރައްވައި ކުރެއްވި ޓްވީޓެއްގައި ވަނީ، ރަންތާޖު ޤުރުއާން މުބާރާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ޤާރީ މިޝާރީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަޙައްދެއްގައި ވަނީ ބާއްވާފައެވެ. އޮޑިޝަންތަކުގައި 111 ބައިވެރިން ބައިވެރިވެފައިވާއިރު، މިފެށޭ ހަފުތާގައި މުބާރާތުގައި ވާދަކުރާ 20 ބައިވެރިންގެ ނަން އިޢުލާންކުރާނެއެވެ.

ކުރިއަށް އޮތް ހަފުތާގެ ތެރޭގައި “ރަންތާޖު” ޤުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނެ 3 ފަނޑިޔާރުންގެ ނަންވެސް އިޢުލާން ކުރާނެއެވެ.

16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް 3 ލައްކަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ޓެގް

ޚަބަރު