ކާޑެއްދޫ އެއަރޕޯޓްގައި ބޮޑު ހާދިސާއެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތުގެ ތަމްރީނެއް މާދަމާ އޮންނާނެ އެވެ.
ކާޑެއްދޫ އެއަރޕޯޓްް ގެ ފަރާތުން ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މާދަމާ ހެނދުނު 9ން މެންދުރު 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނަކީ އެއަރޕޯރޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް "މާގޮޑެރެހާ 23" ނަމުގައި ކުރިއަށްދާ ޙަރަކާތްތަކެއް ކަމަށެވެ. ނަމަވެސް އެހެން ހުރިހާ ފަހަރު ތަކަށް ވުރެ މި ތަމްރީނު ބޮޑުވެފައި ރަނގަޅު ވާނެ ކަމަށް ވެސް އެފަރާތުން ފާހަގަ ކުރިއެވެ.
މި ތަމްރީނުގެ ވަގުތު ގައި އެއަރޕޯޓް ގެ ޕްލައިޓް އޮޕަރޭޝަން 3 ގަޑި އިރަށް ހުއްޓާލާނެއެވެ.
250 ވަރަކަށް މީހުން ބައިވެރިވާ މި ތަމްރީނު އެކްސަސައިޒް ގައި ކާޑެއްދޫ އެއަރޕޯޓް ގެ އެކި ޑިޕާޓްމަންޓުގެ މުވައްޒަފުންގެ އިތުރުން ތިނަދޫ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލ، އެމްއެންޑީއެފް، ޕޮލިސް، ގދ ތިނަދޫ ކައުންސިލް، ގދ އަތޮޅު ކައުންސިލް ގެ މުވައްޒަފުންނާއި ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 17 ކެޑޭޓަކު ބައިވެރި ވާނެ އެވެ.
މި ތަމްރީނު އާއި ގުޅިގެން ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބައެއް ޙިދުމަތްތަކަށް ބަދަލު ގެނެވޭނެ ކަމަށާއި އަދި މިއެކްސަސައިޒް ކުރިއަށްދާ ވަގުތު ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކަން ފާހަގަ ކޮށް އެ ހޮސްޕިޓަލުން މިއަދު އާންމު ކުރި ނޯޓިސް އެއްގައި ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.

