މިދުވަސްވަރަކީ ހުވަދު އަތޮޅަށް މަސްވެރިކަން ހެސްކިޔާފަ ތިޔާގި ދުވަސްވަރެކެވެ. އަތޮޅުގެ މާ ކަނޑުތައް ކަނޑު މަހުން ފުރިފައިވާއިރު ރާއްޖޭގެ އުތުރާ ދެކުނު އަދި މެދު ރާއްޖެ އަށް ނިސްބަތްވާ މަސް ދޯނިތައް މިވަނީ ހުވަދު އަތޮޅަށް ޖަމާވެފައެވެ. ކޮންމެ ދުވަހަކުވެސް ރަނގަޅު އެންވެރިކަމަކާއެކު ނުކުމެ ވިހި ތިރީސް ޓަނުން މަސް ބާނާ އެވެ. ވެހޭތާ ފެން ނަގަން ލިބުނު ރަން ފުރުސަތު ކުރިޔަށް 3 މަހަށް ދެމިގެން ދާނެ ކަމަށް ކެޔޮޅުން ބުނެއެވެ. އެހެންކަމުން މަސްވެރިން މިދުވަސްކޮޅު ތިބީ މި ހަބޭސް ވަގުތުގެ ނަފާއިން ފިސާރި ރަނގަޅަށް ހިންދެމިލެވޭނެ ކަމުގެ އުންމީދުގައެވެ.
ހުވަދު އަތޮޅަށް މަސްވެރިކަން ތިޔާގި މި ވަޤުތުގެ ފޯރި ބެލުމަށް ގދ ތިނަދޫ އައިސް ޕްލާންޓް ބަނދަރަށް ކައިރި ކޮށްލީމެވެ. އަސްތާ! ކަމަކު ދާކަށް ނެތެވެ. މުޅި ބަނދަރު އޮތީ ބޮޑެތި މަސްދޯނި ތަކުން ފުރިފައެވެ. ގއ ކޫއްޑޫ ގައި މަސް ކިރަން އޮންނަ ކިޔުފައްޗަށް ވުރެ މިތަން ކުޑައެއް ނޫނެވެ. ދޯނިތައް ފެންނަނީ މަހުން ބަރު ކޮއްފައި އޮތްތަނެވެ. ކިޔޫ ހަދައިގެން ތިބީ އައިސް ކޮޅެއް ލިބޭތޯއެވެ.

އެ ސަރަހައްދަށް ރަނގަޅަށް މަޑުކޮށް ނުލެވެނީސް" ހުވަދޫ" ނޫސްވެރިން މިވާހަކަ ރަނގަޅަށް ލިޔެ ބަލާށޭ ކިޔާ ފެށީ އައިސް ލިބޭ ގޮތުގެ ވާހަކައެވެ. ކިޔޫ ހަދައިގެން ދޯންޏަކަށް އެންމެ 2 ޓަނު ލިބޭ ވާހަކަޔާއި އަތޮޅުގައި ހުރި އެންމެ ބޮޑު އައިސް ޕްލާންޓުން ފަހަރަކު އުފެއްދޭ 25 ޓަނުން، 2 ޓަނު ގެ ރޭޓުން ލިބޭ އައިސް ކޮޅު އަޅައިގެން އަނެއްކާ ކޫއްޑޫ އަށް ގޮސް އެތަނުގައި ކިޔޫ ޖެހިގެން މަސް ކިރައިގެން އަނެއްކާ އެނބުރި ތިނަދޫ އަށް އައިސް ކިޔޫ ގެ ތަރުތީބުން އެތައް އިރެއް ފަހުން 2 ޓަނު އައިސް އަށް އިންތިޒާރު ކުރަންޖެހޭ ވާހަކަ އެވެ.
ތިނަދޫ ގައި މިފްކޯ އިން ހިންގާ އައިސް ޕްލާންޓް ގެ މުވައްޒަފުން އަވަދިނެތި ދަނީ އެމީހުންގެ ހުރި ކެޕޭސިޓީ ގައި އައިސް އުފެއްދޭތޯއެވެ. މަސްވެރިން ގެ އެދުން ކިތަންމެ ވަރަކަށް ހުއްޓަސް އެ ޕްލާންޓުން އުފެއްދޭނީ އޭގައި ހުރި ފެން ވަރަކުން ތާއެވެ.

މަސްވެރިން ގޮވާތީ އިއެވެ. އަތޮޅުގައި ރަނގަޅަށް ހިނގާ އައިސް ޕްލާންޓެއް މި ތަން ނޫނީ ނެތެވެ. ރަށެއްގައި ތަނެއް ހުރިއްޔާ ހުންނާނީ ހަލާކު ވެފައެވެ. އެއިން ހެދެނީ 10 ވަރަކަށް ޓަނު އައިސް އެވެ. ފަންސާސް ތިރީސް ދޯނި ބަނޑަށް ޖެހިފައި ތިބޭހެން އައިސް އަށް ޖެހިފައި އަތޮޅުގައި އެބަ އުޅެއެވެ. އައިސް ނުލިބިގެން އައްޑޫ އަށް ދާން ޖެހޭ ހާލަތު ވެސް އެބަ އާދެއެވެ. މަސްވެރިކަމުގެ ޙާލަތު ރަނގަޅު ކުރަން ކިޔާތާ އެތަށް އަހަރެއް ވެއްޖެއެވެ. ބާނާ ހުރިހާ މަހެއް ކޫއްޑޫ އަށް ކިރެނީކީ ނޫނެވެ. ދޯނި ތައް ބޮޑެތި ބަދަލާއެކު ޒަމާނުގެ ޙާލަތަށް ތަރައްޤީ ވި އިރު އަދިވެސް މަސް ކިރުމާއި އައިސް އުފެއްދުން ހުރީ ހަމަ ހުރި ހާލަތުގައެވެ. މިއީ އެކި ދޯނި ފަހަރުން އެކި މީހުން ދެއްކި ވާހަކަ ތަކެވެ.
ކޮންމެއަކަސް މަސްވެރިން ތިބީ ހިތްހަމަނުޖެހިފައެވެ. އޭގެ ތެރެއިން ކޮންމެ ފަހަރަކު ކޫއްޑޫ އަށް ގޮސް މަސް ކިރަން ނަންބަރު ނެގުމާއި މަސް ކިރުވުމަށް ގިނަ ދުވަހު ކިޔުގައި ތިބެން ޖެހުމަކީ ވެސް އެވެރިން ފާހަގަ ކުރި ކަންތަކެވެ.
މަސްވެރިން ރޭ ދެއްކި ވާހަކަ ތަކާ ގުޅިގެން މިފްކޯ އަދި ކޫއްޑޫ ގެ ވެރިންގެ ބަހެއް ލިބޭތޯ ވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަން ކާމިޔާބު ނުވިއެވެ.

