މިއީ ޒުވާން ފިރިހެނަކު އޭނާގެ އަނބިމީހާއަކީ ނަފުސާނީ މައްސަލަ ޖެހިފައި އެވޭން އުފުލާ މީހެއްކަން އެނގުމުން އަނބިމީހާއާމެދު ކަންތައް ކުރި ގޮތް ހިއްސާކޮށްފައިވާ ލިޔުމެކެވެ.
"އަހަރެން ކައިވެނި ކުރީ މީގެ ދޮޅު އަހަރު ކުރިން އަހަރެން އެންމެ ލޯބިވި ކުއްޖާއާއެވެ. ކައިވެނީގެ ކުރީކޮޅު ހުރިހާ ކަމެއްވެސް ރަނގަޅެވެ. ދުވަސްކޮޅެއްގެ ފަހުން އަންހެނުންގެ ފަރާތުން ފެންނަންފެށީ ކުރިން ނުދެކޭ ކަންތައްތަކެކެވެ.
ފެންވަރާ ރީތިވެލައިގެން ހުންނަ ތަނެއް އަމުދުން ނުފެނެއެވެ. ވާހަކަ ދައްކައި ނޫޅޭ ތަނުގަ އަނގައިން ބުނެވެސް ނޫޅެއެވެ.
އަބަދު އޮންނަނީ ކޮޓަރީގައެވެ. އަހަރެން އެއްޗެއް ބުނުމުން ބައެއް ފަހަރު ރޯންފަށާނެއެވެ. އަނެއްބައިފަހަރަށް ރުޅި އައިސްގެން ހަޅޭއްލަވާނެއެވެ. އަހަރެންގެ ދިރިއުޅުން މުޅިން ބަރުބާދުވީ ކަހަލައެވެ. ވަރަށް ދެރަވިއެވެ. ހިތަށް އެރި އަންހެނުން މިހެން މި ހަދަނީ ކީއްވެހެއްޔެވެ؟ އަހަރެން ކީއްކޮށްގެން ހެއްޔެވެ! އަހަރެން ހުންނަނީ އަބަދު އިމޯޝަނަލް ބްލެކްމެއިލްއެއްގައެވެ.
އަހަރެން އެންމެ ހިދުކޮޅަކުވެސް މިކަމުގައި އުޅެން ބޭނުން ނުވިއެވެ. އަހަރެން ބޭނުންވީ ސަލާމަތްވާށެވެ. ގެޔަށް ވަންނަހިތް ނުވެއެވެ. ގެ ވެސް އޮންނަނީ އެހާ މުޑުދާރުކޮށެވެ. ވަރުބަލިވެފައި ހުރެ ގެއަށް އައިސް ގޭތެރެ ސާފު ކުރަނީވެސްއަހަންނެވެ. އަހަރެންގެ ދިރިއުޅުމުގެ މި ވާހަކަތަށް އެންމެ ގާތް މީހުންނާ ވަރަށް ލަދުން ހުރެވެސް ހިއްސާކުރީމެވެ. އަންހެނުންގެ މަންމަމެނަށްވެސް ކިޔައިދިނީމެވެ.
އަންހެނުންގެ މަންމަ އަހަންނަށް ދިނީ ވަރަށް ބޮޑު ހައިރާންވާކަހަލަ ހަބަރެކެވެ. ބުނީ ވަރަށް ކުރިއްސުރެ އަހަރެންގެ އަންހެނުން "ޑިޕްރެޝަން" އަށް ފަރުވާ ކުރާ ވާހަކައެވެ. ބޭސްވެސް ކާ ވާހަކައެވެ. އެކަމަކު އަހަންނާ ދިމާވީމަ އެ ބޭސް ހުއްޓާލިކަމަށެވެ. އެއީ ބޭސް ނުކައިވެސް އޭނަ ހަމަޖެހި އުފާވުމުން ކަމަށްވެއެވެ.
އަހަރެން ވަރަށް ދެރަވިއެވެ. ރައްޓެހިވެގެން އެހާ ދުވަސްވެ އިންނަން އެހުމުންވެސް އަންހެނުން އަހަރެން ގާތު އެވާހަކަ ނުދެއްކީމައެވެ. އަހަރެން ވަރަށް ރުޅިވެސް އައެވެ. ހިތަށް އެރި މިއީ އޮޅުވާލުމެކެވެ. އަހަންނަށް ދިން ލަނޑެކެވެ. އަހަރެން ވަރަށް ވިސްނީމެވެ. އަދި އަންހެނުން ވަރިކުރަން ނިންމީމެވެ. އަހަންނަށް މި ކަހަލަ ދިރިއުޅުމެއް ނޫޅެވޭނެއެވެ، އަހަރެން އަހަރެންގެ ދިރިއުޅުން އުފަލުގައި ހޭދަކުރަން ބޭނުމެވެ. މިވާހަކަ ގޮސް އަންހެނުންނާ ދެއްީމެވެ.. އެވަގުތު އޭނަ ރޮއެ ރޮއެފަ އަހަރެންގެ ދެފައިގަ ހިފާ އާދޭސް ކުރިއެވެ. "އަހަރެން ދޫކޮއްނުލާށޭ! އަހަރެން މަރުވެދާނޭ!" މިހެން ކިޔާ އިނދެ އެތައް އިރަކު ރުޔެވެ. ގިސްލަ ގިސްލާފައި ރުޔެވެ.. އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން އަންހެނުންދެކެ ވަރަށް ލޯބިވެއެބެ. ކޮންމެ ގޮތަކައް ކަންތައްވިޔަސް އަހަރެން އޭނާއަށް މަޢާފްކުރާނީއޭ ހިތައް އެރިއެވެ. އަދި އަހަރެން ބޭނުންވީ އަންހެނުންނަށް އެހީތެރިވާށެވެ.
އެހެންވެ އަވަހަށް އަހަރެން ދިޔައީ އަންހެނުން ގޮވައިގެން ޑޮކްޓަރ އަށެވެ. ބޭސް ބޭނުން ކުރަން ފެށުމުން ރަނގަޅަށް ނިދަން ފެށުނެވެ. ދެން ވަރަށް ރަނގަޅު ތެރަޕިސްޓްއެއް ކައިރިއަށްވެސް ގޮވައިގެން ގޮސް އެކަން ކޮންމެ ހަފްތާއަކު 1 ފަހަރު ނަމަވެސް ކުރުވަމެވެ. އަންހެނުން ގޮވައިގެން ގިނައިން ބޭރަށް ގޮސް، ކާން ގޮސް، ފިލްމްއަށް ގޮސް ދަތުރު ގޮސް ހަމަ އެންމެ އޭނަ އުފާވާނެ ކަހަލަ ކަންތަކުގައި އުޅުނިމެވެ. އަހަރެންގެ ރައްޓެހިންގެ ކައިރީ އަބަދުވެސް އަންހެނުންނަށް އޭނަ ކުރމަތީގަ ތަޢުރީފުކުރަމެވެ. އަހަންނަށް އަހަރެންގެ ލޯބިވާ އަނބިމީހާ އަލުން އަނބުރާ ލިބުނީ ވަރަށް ދުވަހު އަހަރެން ކެއްތެރިކަމާއިއެކު ކުރި މަސައްކަތުންނެވެ. އޮފީހުގަ ހުއްޓަސް ގުޅައި. ހާލު ބަލަމެވެ. ވަރަށް ލޯބިން ދެމީހުން އެކު އުޅެން ފެށީމެވެ.
މިއަދު އަންހެނުންނަކީ ވަރަށް މަސައްކަތްތެރި އަމިއްލަ ކުޑަ ކުޑަ ވިޔަފާރިއެއްވެސް ގޭގައި ކުރަމުން އަންނަ މީހެކެވެ. އެއީ މުޅިން އެހެން މީހެއްފަދައެވެ. އަހަރެން ވަރަށް އުފާވެއެވެ. ނަމާދު ކުރެއެވެ. އަހަރެންވެސް އަޅުކަމުގައި އަހުލުވެރިކުރުވަން އަބަދުވެސް މަސައްކަތް ކުރެއެވެ. ގޭތެރެ ވަރަށް ހިތްގައިމެވެ. ގެޔަށް އަނަން އިރު މީރު މީރުކޮށް ކާން ހުރެއެވެ ރީތިވެ ނަލަވެލައިގެން އަހަރެންެގެ އިންތިޒާރުގަ ހުރެެވެ.
އަދިވެސް އޭނާއަށް އެފަދަ ދެރަވާ މާޔޫސްވާ ދުވަސްތައް މަދުންނަމަވެސް ދިމާވެއެވެ އެކަމަކު އަހަރެންގެ ލޮބުވެތި އަނބިމީހާއަށް އަހަރެންގެ ލޯތްބާ އަޅާލުން އަދި އެހީތެރިކަން އަބަދުވެސް އަހަރެން ދެމެވެ. މިހެން މިފަދަ މީހުން ބާކީކޮއްލުމުން އެމީހުން ގޮތް ހުސްވެގެންދެއެވެ. އެހެން ނުހަދާށެވެ. އެމީހުންނައްވެސް ޗާންސް އެއް ދީޭށެވެ. މިއީ ފަސޭހަ ކަމެއް ނޫނެވެ، ކެއްތެރިވާނެ ޖެހޭ ކަމެކެވެ.!
(މިއީ www.facebook "ވިދާ" ޕޭޖުގައި ޔުމްނާ ހިއްސާކުރައްވާފައިވާ ލިޔުމެކެވެ. އެޕޭޖަކި ޔުމްނާ ހަގީގީ ހާދިސާތަކާއި ޔުމްނާގެ އެކި ލިޔުއްވުންތައް ގެނެސްދޭ ޕޭޖެކެވެ.)

