އިންސާނާގެ ކޮންމެ ގުނަވަނަކީ ވެސް ތަފާތު ކަމަކަށް ލައްވާފައިވާ އެއްޗެކެވެ. ކިތަންމެ ކުޑަ ނަމަވެސް ގުނަވަނެއް ނުވަތަ ޙިއްސެއް އުނި ވެއްޖެ ނަމަ އެކަމުން ލިބޭ ވޭނާއި ތަކުލީފުގެ ހިތްދަތި ކަމަކީ އެފަދަ ކަމެއް މެދުވެރި ވުމުން ނޫނީ އިޙްސާސް ނުވާނެ ކަމެކެވެ. ނުވަތަ ދުނިޔޭގައިވާ ނުރައްކާތެރި ބޮޑެތި ބަލިތަކުގެ ޝިކާރަ އަކަށް އިންސާނާ ވެގެންދާ ޙާލަތުގައި އެ އުފުލާ ވޭންތައް ހުދު އެމީހާ އަމިއްލަ ދުލުން ވެސް ކިޔައި ނުދެވޭނެއެވެ.
އެހެނީ އެފަދަ ހާލާތްތަކުގައި އަނެކާއަށް އެއިން ވާހަކައެއް ކިޔައިދެވޭ ވަރަށްވުރެ ގަދަ ވޭނެއް އުފުލަން ޖެހޭތީ އެވެ. އެފަދަ ހިތްދަތި ޙާލުގައި ދިރިއުޅުން ހޭދަ ކުރަން ޖެހިފައިވާ އެތައް މިލިޔަން ބައެއް މި ދުނިޔޭގައިވާ އިރު، މި ކުޑަކުޑަ ރާއްޖޭގައި ވެސް ބައެއް މީހުން ދިރިއުޅޭއިރު މިދެންނެވި ޙާލުގައި ދިރިތެޅުމުގެ ތެރެއިން، ފުރާނަ ސަލާމަތް ވުމަށް ހަނގުރާމަކޮށް އެތައް ބަޔަކު މަރުވެގެން ހިނގައްޖެއެވެ. އަދި ވޭނާއި ތަކުލީފުގައި މަރާ ހަނގުރާމަ ކުރަމުންދާ އެތައް ބަޔަކު އެބަތިބި މެއެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންނެވެ. މުއްސަނދިންނާއި ފަޤީރުންނެވެ.
ގދ ތިނަދޫ އަށް އުފަން ރައްޓެއްސެއް ކަމުގައިވާ އުމުރުން 40 އަހަރުގެ ސިޔާމާ ޒަރީރު (ސްލިޕްގެ) އަކީ އިސްވެ ބުނެވުނު ފަދަ ތަކުލީފު އޭގެ އިންތިހާ އަށް އުފުލަން ޖެހި، މަރާ ހަނގުރާމަ ކުރަމުންދާ އަންހެނެކެވެ. މީގެ 5 އަހަރު ކުރިން ފަޔަށް ލިބުނު ކުޑަ ކުޑަ އަނިޔާއަށް ވެސް އެކަށީގެންވާ ފަރުވާ ލިބޭ ގޮތް ނެތި ހުއްޓާ ފައިގެ ޙާލަތު ގޯސްވިއެވެ. ނަމަވެސް އެއަނިޔާގައި އިންފެކްޓް ވެ ބަލިވުމުން އާސަންދައިގެ ދަށުން ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ސިޔާމާ ދިޔައީ ފަރުވާ ކުރަމުންނެވެ.

ސިޔާމާގެ ދެމަފިރިން
އެހެންކަމަށް ވިޔަސް އޭގެ ފަހުން ފައިގެ ގޯސްވަމުން، ވޭން ބޮޑުވަމުން ދިޔަ ހާލަތަށް ކެތް ކުރުން ނޫންގޮތެއް ސިޔާމާއަކަށް ނެތެވެ. އެހެންކަމުން އަމިއްލަ ތަނަވަސްކަން ހުރި މިންވަރުން، ހުވަދޫ ގެ ހަފޮޅުން ބޭރަށް ނުދެވޭތީ ލިބެން ހުރި ފަރުވާއެއް ހޯދައިގެން ރަށުގައި ހުރީ އެވެ.
ސިޔާމާގެ ފައިގެ ޙާލު އިތުރަށް ގޯސްވެ ހިނގާ އުޅެން އުނދަގޫވާ ހިސާބަށް ދިޔުމުން އާސަންދައިގެ އެހީގައި މާލެ ފޮނުވައިގެން ޑޮކްޓަރުންނަށް ދެއްކިއެވެ. ޑޮކްޓަރުން ދިނީ ބިރުވެރި، ހިތްދަތި ޖަވާބެކެވެ. ސިޔާމާގެ ފައިގެ ހާލަތަށް ފަރުވާ ނުކުރެވި ވަގުތު ފާއިތުވީއެވެ. ސިޔާމާ ގެ އެއް ފަޔަށް ވަނީ ކެންސަރު ޖެހިފައެވެ. ކޮންފަދަ ދެރަ ގޮތެއްތޯއެވެ.
ސިޔާމާ ގެ ފިރިމީހާ، އަބްދުއްސަމަދު ދެން ނުކުތީ މަގު މައްޗަށް ސަލާމް ޖަހާށެވެ. މާލެއާއި ތިނަދޫގައި ރޭފާނަށް މީހުން ކައިރީ އާދޭސް ކުރަމުން ދިޔައެވެ. އާސާންދަ އެހީ އާއި ދީލަތި އެތައް ބަޔެއްގެ އެހީގައި އަންހެނުން ސިޔާމާ ގޮވައިގެން އާސަންދައިގެ ކުރު އަތް ފޯރާ ހިސާބަށް ދިޔައެވެ. ރަޙުމަތްތެރި، ހެޔޮ އެދޭ އެކުވެރިޔަކާ އެކު އިންޑިއާ ގެ ޓްރިވެންޑްރަމަށް ގޮސް ފަރުވާ ދެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އެތަނަށް ދެވި، ގިނަގުނަ ފަރުވާ އަކަށް ފަހުވެސް އެ ދެމަފިރިންނަށް ލިބުނު ކުރިއެރުމެއް ނެތެވެ. ޙާލަތު އިތުރަށް ގޯސްވެފައި ވުމުގެ ސަބަބުން ފައި ޖެހުނީ ކަކުލުން މަތިން ބުރި ކޮށްލާށެވެ. އެހެން އެއްވެސް ގޮތެއް ނެތް ކަމަށް ހޮސްޕިޓަލުން ބުނުމުން އެކަން އެގޮތަށް ކުރަން މަޖުބޫރުވީ އެވެ. ކުރާނެ ކަމެއް ނެތެވެ. ތަޤްދީރުގައި ހުރި ގޮތެވެ.
މިހާރު ސިޔާމާ އާއި ފިރިމީހާ ސަމަދު އަދި އެ ދެމީހުންނަށް އެހީތެރިޔާ ތިބީ އިންޑިއާ ގައެވެ. އިތުރު ފަރުވާ ކުރުމާއި ޓެސްޓުތައް ހަދާށެވެ.
ޓެސްޓު ތައް ހެދަައި ލިބުނު އެއް ނަތީޖާ ވެގެން ދިޔައީ ހިތް ފަޅައިގެން ގޮސް ކުދިކުދި ވެގެން ދިޔަ ޚަބަރަކަށެވެ. ސިޔާމާ ގެ ފުއްޕާމޭގައިވެސް ވަނީ ކެންސަރު އުފެދި ފައެވެ. އޭގެ އަސަރު 90 ޕަސެންޓަށް ވުރެ ބޮޑަށް ފެތުރިފައެވެ.

ސިޔާމާގެ އާއިލާ ދިރިއުޅޭގޭގެ އެތެރެ މާހައުލު…..ހުވަދޫފޮޓޯ، އަހްތަރު
މިއީ އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫނެވެ. އެ ދެމަފިރިންގެ ހިތުގެ ވޭން އިހުސާސް ނުކުރެވޭނެ އެވެ. މަންމަ އެފަދަ ވޭންގައި ރާއްޖެއިން ބޭރުގައި އޮތް އިރު ދޮށީ އަންހެން ދަރިފުޅު ދަނީ ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި ތަޢުލީމު ޙާޞިލު ކުރަމުންނެވެ. ސިޔާމާ ގެ ހަގު ދަރިފުޅަކީ އަބޫބަކުރު ސްކޫލުގެ ޕްރައިމަރީގައި ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރެކެވެ.

ސިޔާމާގެ މަންމަ ބަދޫރާ.—–ފޮޓޯ، އަހުތަރު، ހުވަދޫނިއުސް
އެ ދެކުދިންގެ ބަލަން ބަލަދުވެރިކަމާއި ބެލެނިވެރިޔަކަށް ހުރި ހަމަ އެކަނި މީހަކީ އެކުދިނަގެ މާމަ، ސިޔާމާގެ މަންމަ، ބަދޫރާއެވެ. ބަދޫރާ އަކީވެސް ނަފްސާނީ ބަލި ކަމެއް ހުންނަ ދޮށީ އުމުރުގެ މީހެކެވެ.
ބަދޫރާގެ މި އާއިލާ އަކީ މި ވަގުތު ތިނަދޫގައި ދިރިއުޅޭ އެންމެ ފަޤީރު އަދި ނިކަމެތި އާއިލާއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އަސާސީ އެކި ކަންކަމުން މަޙުރޫމް ވެފައިވާ ފަޤީރު ދިރިއުޅުމެއް އުޅޭ ބައެކެވެ.

ސިޔާމާގެ އާއިލާ ދިރިއުޅޭގޭގެ އެތެރެ މާހައުލު…..ހުވަދޫފޮޓޯ، އަހްތަރު
ސިޔާމާގެ 2 ކުދިންނާއި ދެމަފިރިން އަދި އެކަނިވެރި މަންމަ އަކު ދިރިއުޅޭނެ ރަނގަޅު ބޯ ހިޔާވަހި ކަމެއް ނެތެވެ. ސިޔާމާ ގެ ދެމަފިރިން ނިދީ އެ ގޭގައި ހެޔޮ އެދޭ ފަރާތަކުން ފާޚާނާ އަކަށް ހަދައިދޭން ތައްޔާރުކުރި ތަންކޮޅެއްގައެވެ. ގޯތީގައި ހެދިފައި ހުރި ތަންކޮޅެއް ނަމަ، އެތަންކޮޅެއް ހެދިފައި ވަނީ ހެޔޮ އެދޭ މީހުންގެ މަދަދުގައެވެ.

ސިޔާމާގެ އާއިލާ ދިރިއުޅޭގޭގެ ބަދިގެ…..ހުވަދޫފޮޓޯ، އަހްތަރު
ސިޔާމާގެ ފިރިމީހާ އަކީ އާދައިގެ މަސްވެރިއެކެވެ. 3 އިރަށް ބަނޑުހައި ހޫނުކަން ފިލުވޭނެ ގޮތެއް ނުވެއެވެ. އާއިލާ އަކީ ފަޤީރު ނިކަމެތި އާއިލާ އެކެވެ.
ސިޔާމާ ގެ ފަރުވާ މިވަގުތު ހުރި ގޮތުން ރާއްޖެ އާދެވޭނެ ދުވަހެއް ސީދާ ނޭނގެއެވެ. 3 މީހުން މިވަގުތު ތިބީ އިންޑިޔާގެ ވަކި ގެއެއްގައި ކުލި ދީގެންނެވެ. ކޮންމެ ދުވަހަކީ ވެސް އެތައް ޚަރަދެއް ދާނެ ދުވަހެކެވެ. ލިބުނު އެހީ ހުސްވެ މާދަމާ ވެސް ހަދާނެ ގޮތް ހުސްވެފައިވާ އިރު ރަށުގައި ތިބި މަންމަ އާއި ދެކުދިން އެސް ތިބީ އެހާ ޙާލުގައެވެ. ކެންސަރު ބަލީގައި ފައި ބުރިކޮށްލުން، ފަޤީރު ދިރިއުޅުން އިތުރަށް ބަނަވެ މުޅި ޢާއިލާ މިވަނީ އެހީއަށް ބޭނުން ވެފައެވެ. އިހު އެމީހުން އުޅުނު ހާލަށް ވުރެ މާބޮޑަށް ވެސް ނިކަމެތިވީ އެވެ.
މިފަދަ ފަރާތަކަށް އެހީއެއް ދިނުމަކީ ވަރަށް ހެޔޮ ކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. މާތް ﷲ އަށްޓަކައި ދެވޭ ދީލަތި ޞަދަޤާތަކަށް ނޫނީ ނުވާނެ އެވެ.
އެހީ ވެދެއްވުމަށް ބޭނުންވާ މައުލޫމާތު ހޯއްދެމަށް ގުޅުއްވާނެ ވައިބަރ ނަންބަރަކީ
8891162362 ސަމަދު
ވައިބާ ( +9607764186 )
9995289390 ސިޔާމާ ވައިބާ ( +918089005261 )
ފައިސާ ޖަމާކުރައްވާނެ އެކައުންޓަކީ:
7710414886101
Abdul samad Abdul Rahmaan (ސިޔާމާ ގެ ފިރިމީހާ)

