ނަޝީދުގެ ބޭނުމަކީ ބަލި ގަބޫލު ކުރުމެެއް ނެތި އެމްޑީޕީ ފުނޑާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގދ ތިނަދޫ ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ. އެމްޕީ ސަނީފު މިހެން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލަކަށް ގެނައުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ޕައްޔާޒު އިސްމާއީލް ވިދާޅުވި ބަސްފުޅަކަށް "އެމްޑީޕީ އާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް" ވިދާޅުވެ ދެއްވި ރައްދުބަސްފުޅަކާ ވިދިގެން މިއަދު މެންދުރެއްހާ އިރު ކުރެއްވި ޓުވީޓެއްގައެވެ.
ސަނީފުގެ ޓުވީޓުގައިhttps://twitter.com/Saneef// ބުނެފައި ވަނީ ޑިމޮކްރަސީ ހިފައިގެން ދުވި މީހުންގެ ކިބައިގަ ބަލި ގަބޫލު ކުރުމުގެ ހިތްވަރެއް ނެތް ކަމަށެވެ. "އެމްޑީޕީ އާއި ކުރާނެ މަޝްވަރާއެއް ނެތޭ ބުނީމަ އަހާލަން ބޭނުމީ ތީ ކޮން ކަހަލަ ޑިމޮކްރަސީއެއް ތޯ ތި ގެންގުޅެނީ!" ޓުވީޓުގައި ބުނެފައިވެއެވެ. ސަނީފުގެ ޓުވީޓުގައި އެމްޑީޕީގެ ރައީސުކަމުގައި ހުރެ ނަޝީދު ހުދުމުހުތާރުވެ މުޅިޕާޓީ ފުޑާލަން ގަސްތުކޮށް، އެމްޑީޕީއާ ކުރާނެ ޝަކުވާއެއް ނެތޭ ބުނެފައިވަނީ ޑިމޮކްރަސީގެ ކޮން ވައްތަރެއް ގެންގުޅުއްވާތީ ތޯ ރައީސް ނަޝީދު ކުރެން އޮޅުން ފިލުވަން ބޭނުން ވެލައްވާ ކަމަށެވެ.
ކުރިއަށް ރިޔާސީ އިންތިހާބަށް ނިކުންނަވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވިއެވެ. ބޮޑު ތަފާތަކުން ރައީސް އިބްރާހީމް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމުން ނަޝީދު ވަނީ ރައީސް އިބްރާހީމް ސޯލިހަށް ތާއިދު ކުރަން ދެކޮޅު ހައްދަވާފައެވެ. އަދި އޭގެ ފަހުން ނަޝީދާއި ރައީސް އިބްރާހީމް ސޯލިހާ ދެމެދުގައި ވަނީ ހިޔާލުތަފާތުވުންތައް ބޮޑުވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރުއްވުމަށް ނަޝީދު ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ އެއްވެސް މިފަދަ ވާހަކައެއް ގާސިމްގެ ފަރާތުން ނުވަތަ ނަޝީދުގެ ފަރާތުންވެސް ސީދާ އިވިފައެއް ނުވެއެވެ.

