"ދިރިއުޅުމަކީ ވަރަށް ބޮޑު އިމްތިޙާނެކެވެ. މި ކިޔައިދެނީ އަހަރެންގެ ދިރިއުޅުމުގުގައި ކުރިމަތި ކުރެއްވި އެންމެ ބޮޑު އިމްތިޙާނުން ފާސްވުމަށް އަހަރެން ކުރި ހިތްވަރުގެ ވާހަކައެވެ. މިކަމުން ހުރިހާ އަންހެނުންނަށް ބުނެދޭން ބޭނުންވާ ވަރަށް ބޮޑު ވާހަކައެއް އެބައޮތެވެ. "ތިމީހާގެ އަމިއްލަ އުފަލަށްޓަކައި ދެން ތިބި މީހުންގެ އުފާ ޤުރުބާން ނުކުރުމަށް އަހަރެން ނަސޭހަތްތެރިވަމެވެ. އަނެކަކު ބުނާ އެއްޗެއް އަޑުނާހާށެވެ. އަމިއްލަ ދިރިއުޅުމުގައި އެހެން މީހަކަށްޓަކައި ދޭ ގުރުބާނީގެ ބަދަލު ލިބޭނެ ދުވަހެއް އަންނާނެއެވެ. މިއީ ޔަގީންކަމެކެވެ. އަހަރެން މިވާހަކަ މިދައްކަނީ ތަޖުރިބާގެ އަލީގައެވެ. ލިބިފައިވާ ތަޖުރިބާ އަނެކުންނަށް ހިއްސާ ކުރުމުން އެތަޖުރިބާގެ އަލީގައި އަނެކުންނަށް އިބްރަތެއް ލިބިއްޖެނަމަ އަހަރެންގެ މަގްސަދު ހާސިލު ވީއެވެ. އަދި އެހެން ބަޔަކަށް އެއްޗެއް ފަހުމުވެ ދަސްވެއްޖެނަމަވެސް ބޭނުން ހާސިލުވީއެވެ. ހަމައެހެންމެ އަމިއްލަ ހިތާއި ސިކުނޑިން ބަރެއް ނަގާ އެއްލާވެސް ލެވުނީއެވެ.
އަހަރުތަކެއް ކުރިން އަހަރެން ކައިވެންނެއް ކުރީ ސުކޫލް ދައުރު ފެށުނީއްސުރެ އެކުގައި ކިޔަވަމުން އައި ގާތް ރަހުމަތްތެރިއަކާއެވެ. ރަށުގައި އެއް އުމުރުފުރައިގެ އެހެން ކުދިންނެކޭ އެއްގޮތަށް އަހަރުމެންވެސް ބައްދަލުވެލައި ސަޔަށް ގޮސް، ސަކަ އުފާވެރި އެކުވެރިކަން ބަދަހިކުރަމުން ދިޔަ ދިޔުމުގެ ތެރެއިން އަހަރެމެން ދެމީހުންގެ ދެމެދުގައި އެކުވެރިކަމުގެ ލޯތްބާއި ކުލުނު އެހެންސިފައަކާއި ކުލައެއް ހިޔާރު ކުރީ ކޮންއިރަކު ކިހިނެއްކަމެއް ނޭނގެއެވެ. އިހުސާސްވެ ވާނުވާ އެނގުނު އިރު ތިބީ ކައިވެންޏަކާ ހަމައަށް ދެވިފައެވެ.
ސްކޫލް ނިންމައި އަވަހަށް ކައިވެނިކުރީ ދެފަރާތުގެވެސް ޢާއިލާގެ ރުހުމާއި ލޮލުން ބޮލުން ގަބޫލުވުމާއި އެމީހުންގެވެސް އެދުމާއެކުގައެެވެ. އަހަރެމެން ދެމީހުންގެ ހަޔާތަށް ބަހާރު މޫސުމް އައީ ކަހަލައެވެ. އުފަލުގެ އެކި ރާގުތައް ކުޅެވެމުން ދިޔައީ ރޭދުވާ ވަކި ތަފާތެއް ނެތިއެވެ. ދުނިޔެމަތީގައި ތިބި އެންމެ އުފާވެރި ދެމަފިރިންނަކީ އަހަރެމެން ކަހަލައެވެ. ފިރިމީހާ ވެގެން ދިޔައީ އަބަދުވެސް ހުވަފެނުން ދެކެމުން އައިކަހަލަ ލޯބި، ޚުލްގު ހެޔޮ، އޯގާތެރި ރަނގަޅު ފިރިއަކަށެވެ.

ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއެއްގެވެސް އެންމެ ބޮޑު އެދުމަކަށް ވާ ލޯބި ލޯބި ދަރިންކޮޅެއް ލިބުމަކީ އަހަރެމެންގެވެސް އުންމީދެވެ. ފިރިމީހާވެސް ހުންނަނީ އަބަދު އުފާވެރި ޚަބަރެއްގެ އިނތިޒާރުގައެވެ. އަހަރުމެން ދަރިއަކަށް އިންތިޒާރު ކުރި ވަރުން އަހަރެންނަށް އަބަދު ހީވަމުން ދިޔައީ، ކޮންމެ މަހަކުވެސް، މަހުގެ ދެކޮޅުންވެސް ބަލިވެ އިނީހެން ހީވަމުން ދިޔައީ އެކަމަށް ހިތް އެދެމުން ދިޔަވަރު ބޮޑުކަމުންނެވެ. ތާއަބަދު އިންޓަރނެޓުން މަޢުލޫމާތު ހޯދާ ބަލަމުން އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލެއް ވިއްޔާ އަޅާ ކިޔެމުން ދިޔައެވެ.
ކިރިޔާވެސް ބަލިއިންކަމުގެ ނިޝާންއެއް ފެނުނަސް އަވަހަށް ޓެސްޓުކުރީމެބެ. ބައެއް ފަހަރު މައްސަރުކަންތައް ދުވަހެއް ދެދުވަހެއް ވަރު ލަސްވިޔަސް އުފަލުން ދެމީހުން ދުއާއަށް އަތް ނަގަމެވެ. އެކަމަކު ދެ ތިން ދުވަސް ފަހުން މާޔޫސްވެ ކަރުއެލެނީ ސެނިޓޭރިއަން ނެޕްކިންސް ގަންނަން ޖެހުމުންނެވެ.ޑޮކްޓަރުންގެ ލަފައާ ހަމައަށް ދާން ވިސްނައިގެން އެހިސާބަށް އެންމެ ފަހުން ދިޔައީ އެއްކަމެއް ތަކުރާރު ވަމުން ދާތީއެވެ. ސްކޭންތަކަކުން މައްސަލައެއް ނުފެނެއެވެ. އުންމީދުތައް އިތުރުވަމުންދިޔައެެވެ، ދުއާތައް ގިނަވަމުން ދިޔައެވެ. އަވަހަށް ދުއާ އިޖާބަކޮށްދެއްވިން އެދި އަޅުކަން އިތުރުކޮށް ހެޔޮއަމަލުތަކާ ބޮޑަށް ގާތްވީމެވެ. ޔަގީނުންވެސް ކޮންމެވެސް އެއްގޮތަކަށް އެކަލާނގެ އަޅަމެންގެ ދުއާ އިޖާބަކުރައްވާނެއެވެ. ކޮންމެވެސް އެއް ނަތީޖާއެއް ދައްކަވާނެއެވެ. ނުލިބި ލަސްވާ ސަބަބު އެނގުން ކަމުގައި ވިޔަސް މެއެވެ.
ކައިވެންޏަށް 2 އަހަރު ވީ އިރުވެސް އަހަރުމެންނަށް އެ އުފާވެރި މަންޒަރެއް ނުފެނުނެވެ. އަހަރެންގެ އުނގު އޮތީ އަދިވެސް ފަޅުވެފައެވެ. އެހެން އުޅުމުގެ ތެރޭގައި ކުއްލިއަކަށް އަހަރެން ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބަނޑެއްގައި ރިއްސާފައި، އަނބުރައިގަނެގެން ވެއްޓުނީއެވެ. ލޯހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައެވެ. ބިރުވެރި ޒާތެއްގެ އެ ހަބަރުގެ މަލަމަތި ފެންނަން ފެށީ އެދުވަހު ޑޮކްޓަރ ދިން ހަބަރާއެކުގައެވެ.
"އޯވަރީގަ ވަރަށް ބައިވަރު "ފައިބްރޮއިޑްސް" އެބަހުރި. ނުނަގައިފިނަމަ ފުރާނައަށް ގެއްލުންވެދާނެ." މިހަބަރު ލިބުމުން އޮޕަރޭޝަން ކޮށް، ރަހިމު ނެގުން ނޫން އެހެން ގޮތެއް އޮތްތޯ ކުރި ސުވާލަށް ލިބުނު ޖަވާބަކީ "މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ އޯވަރީ ނެގުން." އެއް އޯވަރީ ނެގުމަކީ ކަންބޮޑު ވާން ޖެހޭ ކަމެއް ނޫންކަމަށާއި އަނެއް އޯވަރީ މަސައްކަތް ކުރާނެ ކަމަށް ބުނެ ޑޮކްޓަރުން ވިސްނައިދިނެވެ.
ހިތްހަލާކުވި އެހަބަރާއެކު އަދިވެސް ދަރިއަކު ލިބުމުގެ ފުރުސަތު އޮތް ކަމުގެ ޔަގީންކަން ލިބުމުން އަހަރެމެން އުފާކުރީ އިންތިހާއަށެވެ. ފުރުސަތު ކުޑަވާނެކަން އެނގުމުން ހިތަށް ކުރި އަސަރު ކިޔައިދޭކަށް ފަސޭހައެއް ނޫނެވެ. އެހެންވިޔަސއ މިއީ ކުރަން ޖެހޭ ކަމެކެވެ. ފުރާނައަށްޓަކައެވެ. ހިތްވަރު ކޮށްފައި ހަގީގަތާ ކުރިމަތިލީ ތަގުދީރުގެ ނިޔާއަށް އެއްބަސްވެ މިންވަރަށް އީމާންވަމުންނެވެ. ސާރޖަރީ ނިންމައި އަހަރެން ހޭވެރިކަންވެ ހުޅުވި ލޮލުގެ ނަޒަރު ފުރަތަމަވެސް ސީދާ ވީ ފެންކަޅިވެފަ އިން ފިރިމީހާގެ މޫނަށެވެ. އަދިވެސް އެކުލުނަކަށް އެލޯތްބަކަށް އެއިހުތިރާމާއި ގަދަރާއި އޯގާތެރިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ބިރާއި ސިހުމާއި ހިތާމައާއި ހިތްދަތިކަމުގެ މަސްހުނިވެފައިވާ އެއިހުސާސް ކުރުވި، އެހާލަތާ ކުރިމަތިލާން ދިމާވި ވަގުތު އޮވެވުނީ އެހީތެރިޔަކު ނެތި އެކަންޏެވެ. އަހަރެންގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނީ އޭގެ ފަހުން އައި ދުވަހެއްގައެވެ. ޑޮކްޓަރުން ނަރުހުންނާ ސުވާލު ކުރި އަޑު އިވުމާއެކު ގަބު އެރީއެވެ. ހިއްސުތައް ހުއްޓުނީ ކަހަލައެވެ.
"ޕޭޝަންޓް އަށް އެނގޭތަ އޯވަރީއާއި އެކު "ޔުޓްރަސް" ވެސް ނަގަން ޖެހުނުކަން؟" ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. އަހަރެން "އަހަންނަށް ވީ ކިހިނެއްހޭ!’ ސުވާލު ކުރީމެވެ. ޖަވާބު ސާފެވެ. "ސާރޖަރީ ތެރޭގައި ފެނުނު ނުރައްކަލުން ސަލާމަތްވުމަށް ޔުޓްރސްވެސް ނަގަން ޖެހުނީ."ކަމަށެވެ. ސިއްހަތު ދެރަވެފައި އޮތް އަހަންނަށް ރޮއިގަނެވުނީވެސް އެތައް އިރެއްވަންދެން ހުއްޓުން އަރާފައި އިނުމަށްފަހުއެވެ. ޑޮކްޓަރ އަހަރެން ގައިގަ ފިރުމާލާ ސޮރީއޭ ބުންޏެވެ. ފިރިމީހާ ވަނުމުން އޭނާގެ ގައިގަ ބައްދާލައިގެން ރޯން ފެށި ގޮތަށް ހުއްޓާނުލާ ގިސްލުމަކަށް ބަދަލުވެ ހިނދެމުން ދިޔައީއެވެ. އަހަރުމެންގެ މުޅި ދުނިޔެ ބަނަވި ކަހަލައެވެ. ދެން އުފާކުރާނެ އޮތީ ކޮންކަމެއް ހެއްޔެވެ. ދުވަހަކުވެސް ދެން އަހަންނަކަށް ދަރިޔަކު ނުލިބޭނެއެވެ. އަހަރެންގެ ހިތް ކުދިކުދިވިއެވެ. އަހަންނަށް އިހުސާސްވި އަހަރެންގެ ފިރިމީހާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. އެތެރެއަށް ހިންދާލި ނަމަވެސް ރޮވޭ ގޮތްވެ، އޭނަގެ މޭގަނޑު ނެގިނެގިފައި ޖެހޭކަން އަހަންނަށް އެވަގުތު އިހުސާސްވިއެވެ. މިއަދު އަހަރެންނާ އެއްވަރަށް އޭނަވެސް މި ހިތާމަކުރާނެކަން އަހަރެން ގަބޫލުކުރިީމެވެ. އެކަމަކު ހިތްވަރު ގަދަކޮށް އަހަރެން ހިފެހެއްޓޭތޯ އެވަގުތުވެސް އޭނަ މަސައްކަތްކުރިއެވެ.

ހަޔާތުގެ އެބާބުވެސް ނިމުނީއެވެ. އެދުވަސް ފާއިތުވެ ގޮސް ހަޔާތުގެ އެހެން ދުވަހެއް އައިސް އެހެން ދިރިއުޅުމެއްގައި އަހަރެން މިދަނީ އުޅެމުންނެވެ. ތަފާތު ހަޔާތެކެވެ. ގޮތް ނިންމީ އަހަރެން އަމިއްލައަށެވެ. ނަފުސާއި ހިތާއި ސިކުނޑީގެ ހަނގުރާމައަށް ވަގުތާއި އަނެއްމީހާގެ އުންމީދުތަކާއި އެދުންތަކާއި ހުވަފެންތަކަށް ކުރި އިހުތިރާމާއި ގަދަރު އިސްކުރީ އަހަރެން އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިއުތިރާފުގައި އެއްވެސް އިއުތިރާޒެއް ނެތިއެވެ.
މިއަދު އަހަރެންގެ ފިރިމީހާއަކީ އެހެން މީހެއްގެވެސް ފިރިއެކެވެ. މިއަދު އަހަރެންގެ ފިރިމީހާގެ ލޯބި ލޯބި ކުއްޖަކު އެބަހުއްޓެވެ. އެހެން މީހަކާ އިންނަން ފިރިމީހާ ގާތު އެދުނީ އަހަރެންގެ އުފަލަށްޓަކާ އޭނަގެ މުޅި ދިރިއުޅުން ނަގާލަން އަހަރެން ބޭނުން ނުވީތީއެވެ. އަހަރެންނާއި ވަކިވެގެން ދިއުމަށްވެސް އަހަރެން ބުނީމެވެ. އިސްވެ އަނތްބަކު ފިިރިމީހާ ކުރެން ވަރިއަށް އެދުމަކީ ކިހާވަރެއްގެ ކޮންކަހަލަ ކަމެއްކަން އެނގިހުރެމެ އަހަރެން ވަރިއަށް އެދުނީ، ހިތަށް ފަސޭހަ ކަމަކަށް ނުވާތީއެވެ. އެކަމަކު ފިރިމީހާ އަހަރެން ދޫކޮއްނުލިއެވެ. އަބަދުވެސް އަހަންނަށް އެހާ ހެޔޮ އަދި ލޯބިވެސްވެއެވެ.
އަހަރެންގެ ފިރިމީހާ އެހެން މީހަކާ ދެވަން އަހަރެން ކުރި މަސައްކަތް ޢާއިލާތެރޭގައި ވީ ބޮޑު ހައިޖާނުގަނޑަކަށެވެ. އަހަންނާ އަހަރެންގެ މީހުން ގުޅުން ކަނޑާލައި އެކަނިވެ ބާކީކޮށްލީ އަހަރެންގެ ހަގީގީ މަގުސަދަށް އިހުތިރާމް ކުރުމެއް ނެތިއެވެ. އެވަގުތު އަހަރެންގެ އަތުގައި އެންމެ ބާރަށް ހިފީ ކުރިއެކޭ އެެއްގޮތަށް ދެންވެސް އަހަރެންގެ ލޮބުވެތި ފިރިމީހާއެވެ. އަދި ދުވަހަކުވެސް އަހަރެން އެކަނިވިޔަ ނުދޭ ފިރިމީހާއެވެ.
އެހެން މީހެއްގެ ގާތަށް ލޯބިވާ ފިރިމީހާ ހެޔޮ ހިތުން އަހަރެން ފޮނުވި ކަމުގައިވިޔަސް އަހަރެން ކޮންމެ ރެއަކު ކުރާ ހިތާމަ، އަހަރެން ރޯ ރުއިން އެނގޭނީ އަހަރެންގެ އަމިއްލަ ނަފުސަށާއި ސިއްރާއިފައުޅު މޮޅަށް ދެނެވޮޑިގަންނަވާ ﷲއަށެވެ. ނުނިދާ ހޭލާ އިންނަނީ ނިދި އަހަންނާ މާދުރަށް ގޮސް ގެއްލިފައިވާތީއެވެ. ބޮލަށް އަންނަ ޚިޔާލުތަކުން މޮޔަވާވަރުވެއެވެ. އަހަރެން މުޅި ރޭ އިންނަނީ އަޅުކަމަށް ހުސްވެ އިންނަން ޖެހުނީ އަހަރެންގެ އެކަނިވެރިކަން އެނގޭ ފަރާތުން އަހަރެން އެކަނިކޮށްނުލާނެތީއެވެ.
ވާހަކަ ދައްކާލާނެ މީހަކު ނުހުރެއެވެ. އެކަމަކުވެސް ފިރިމީހާއަށް މި މަންޒަރު އަހަރެން ނުދައްކަމެވެ. ރުޅި އަންނަ ފަހަރުވެސް އަދި ހަސަދަވެރިވެ ފޫހިވާ ފަހަރުވެސް މަދެއްނޫނެވެ. އެކަމަކުވެސް އުފަލަކީ މިއަދު އަހަރެންގެ ބަނޑުއަޅައި ވިހޭކަމުގައި ނޫންވިޔަސް އަހަރުމެންގެ ޢާއިލާގަ ލޯބި ދަރިޔަކު ހުރި ހަގީގަތެވެ. ނަސީބުގައި ހުރި ހެޔޮކަމުންފިރިމީހާ އިނީ ވަރަށް ރަނގަޅު ކުއްޖަކާއެވެ. އަހަންނަށް ގަދަރުކޮށް އަޅާލާ އޯގާތެރި ރީތި ހިތެއްގެ ވެރި ކުއްޖެކެވެ. އެއްވެސް ކުނި މޫނެއްވެސް ނުދައްކައެވެ. އެ ލޯބި ދަރިފުޅު އެއީ އަހަރެންގެ ދަރިއެއްހެން ގެންގުޅެލަން އަހަންނަށް ދޭތީ އެކަމާ އަހަރެން އުފާކުރަމެވެ. އެކުއްޖާއަށް ބޭނުންވާ ކަންތައްތައް ކޮއްލަން ފުރުސަތު ދެއެވެ.
މިއަދު އެއީ އަހަރުމެން އެންމެންގެވެސް ދަރިފުޅެވެ. މީހުން އަހަންނަށް މަލާމާތް ކުރެއެވެ. އަހަރެން ދެރަވިޔަސް އެކަން ހިތުގައި ނުބާއްވަމެވެ. ބާއްވަން ވެއްޖެނަމަ އަހަރެންގެ ދިރިއުޅުމާއިމެދު ޝުކުރުވެރިވުމުގެ ބަދަލުގަ އަހަރެން އަމިއްލައަށް އަހަރެން ވެއްޓިގެންދާނީ ބަރުބާދީގެ ތެރެއަށްކަން އަހަންނަށް އެނގެއެވެ.
ފިރިމީހާގެ ލޯބި ދެބަޔަށް ބެހުނުކަމުގައިވީނަމަވެސް އަހަރެންނަކީ މިއަދު ނަސީބުވެރިއެއް ކަމަށް ހިތާއި ނަފުސުން ގަބޫލު ކުރަމެވެ. ޝުކުރުުއްޓެވެ. އަހަރެންގެ ފިރިމީހާ ފަދަ ފިރިން ދުނިޔެމަތީގައި ވަރަށް މަދުވާނެއެވެ. ހިތާމައާއި އެކަނިވެރިކަމަކީ ބައެއް ފަހަރު އަމިއްލައަށް ހިޔާރު ކުރަން ބޭނުން ވެގެން އޭގެއިން ފަހުން ލިބިދާނެ ކަމަކަށް ވިސްނާފައި ކުރާ ގަސްދެކެވެ. އެދުވަހު އަމިއްލައަށް ހިތާމައާއި ދެރަވުމާއި އަސަރު ކުރުން އަދި އަމިއްލަ ހިތުގެ ލޯބި ހަދިޔާކޮށްފައި އެހެންމީހަކަށް ދިއްކޮށްލުމަށް ކުރި ހިތްވަރުގެ ނަތީޖާއަކީ މިއަދު އަހަންނަކީ ވަރަށްވެސް އުފާވެރި މަންމައަކަށް ވެފައިވާ ކަމެވެ. ގޭގައި އަހަރެންގެ ބަސް އަގުބޮޑުވެފައި އިސްކަމެއް ދެއެވެ. ގޭގެ ހަގީގީ ވެރިއަކީ އެހެން އަންހެނަކު އުޅުނަސް އަސްލު އަދިވެސް އަބަދުވެސް އަހަންނެވެ.
އަހަންނަށް މިއުފުލަން ޖެހުނު ފަދަ ވޭނެއް އެހެން މީހަކަށް ނުޖެއްސެވުން އެދި އަބަދުވެސް ދުއާ ކުރާނަމެވެ. އެކަމަކު ދިމާވެ މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނަސް ހިތްވަރާއެކު އެކަމާކުރިމަތިލާށެވެ. ފަހަތަށްޖެހި ހިތްވަރު އެލުވާ ނުލާށެވެ. ދުއާއިން އެހީ ހޯދާށެވެ. މާތްﷲ އަށް ގިނަގިނައިން ދަންނަވާށެވެ. އެކަލާނގެ ކޮންމެވެސް ޙެޔޮ ރަޙުމަތެއް މިންވަރުކުރައްވާނެކަން ޔަގީނެވެ. އާމީން."

