ގޭގެ އެންމެ އިސްވެރިޔާ، ޔަޢުނީ ބައްޕައިން ފެށިގެން އެންމެ ކުޑަކުއްޖާއާ ހަމައަށް ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރުމުގެ ނަސީބު ލިބިފައިވުމަކީ މީގެ ކުރިން ތާރީޚުގައި ފެނިފައިވާ ކަމެއް ނޫނެވެ. ފަލަސްޠީނުގެ ޣައްޒާގައި ނޫނީ އެފަދަ ކަމެއް ހިނގާފައިވަނީ ކޮންތާކު ހެއްޔެވެ؟ މިއީ ޣައްޒާގެ އިންޖިނިއަރެއް ކަމަށްވާ ޠާރިޤު އަސްލަމްގެ އާއިލާއެވެ. އެ ޢާއިލާގެ ހުރިހާ މެންބަރުން ވަނީ ﷲ ގެ ކަލާމްފުޅު ހިތުދަސްކޮށް، ދަސްވެނިވި ކަމުގެ ސެޓްފިކެޓް ހޯދާފައެވެ.
އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ޠާރިގު އަސްލަމް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ގޭގައި އެންމެ ޝައުގުވެރިވާ މައުޟޫއަކީ ޤުރުއާން ހިތުދަސްކުރުން. އެންމެން އެކަކު އަނެކަކާ ދައްކަނީ އެއް ވާހަކައެއް. އަޅުގަނޑުމެން، މައިންބަފައިންވެސް ހިމެނޭ ގޮތަށް ހުރިހާ ފިރިހެން ދަރިންނާއި އަންހެން ދަރިންނަށް މި ޝަރަފު ލިބިއްޖެ. އަޅުގަނޑުމެން ހަމައެކަނި ދަސްކުރީ ކީރިތި ޤުރުއާނުގެ ދެލިގަނޑެއް ނޫން. ކީރިތި ޤުރުއާނުގެ މާނައާއެކު މާތްރަސްކަލާނގެ ކަލާމްފުޅު އަޅުގަނޑުމެން ހިތުދަސްކޮށްފިން.”
އަލްޖަޒީރާގެ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވިއެވެ. “ބައެއް އާއިލާތަކުން ހިތުދަސްކުރުން ފުރިހަމަ ކުރުމަށް ގިނަ ވަގުތު ނަގާ ކަމަށާއި އަދި ބައެއް އާއިލާތަކަށް މަދު ވަގުތުކޮޅެއް ނަގާ. އެކަމަކު، އަޅުގަނޑުމެން މި ރެކޯޑް ހާސިލްކުރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި.”
އިންޖިނިއަރ ޠާރިޤް އަސްލަމް އޭނާގެ ދަރިންނާމެދު ފަޚުރުވެރިވުން ޙައްޤެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދޮށީ އަންހެން ދަރިފުޅު ސަލްމާ ވަނީ ކޮމްޕިއުޓަރ ސައިންސްއިން ޑިގްރީއެއް ނަގާފައެވެ. އަދި ޔުނިވަރސިޓީގައި ޑިގްރީއަށް ކިޔަވަމުން، ސަލްމާ ޤުރުއާން ހިތުދަސް ކުރިއެވެ. ދޮށީ ފިރިހެން ދަރިފުޅު މުހައްމަދަކީވެސް ކޮމްޕިއުޓަރ ސައިންސްއިން ޑިގްރީ ހާސިލް ކޮށްފައިވާ ކުއްޖެކެވެ. އޭނާ މިހާރު ދަނީ އެމެރިކާގައި މާސްޓަރސް ޑިގްރީއަށް ކިޔަވަމުންނެވެ. ދެވަނަ އަންހެން ދަރިފުޅު ހިންދު ފާހީއަކީ އިންޖިނިއަރިން ކިޔަވަމުން އަންނަ ކުއްޖެކެވެ. ހިންދު ޤުރުއާން ހިތުދަސްކޮށް ނިންމީ ޔުނިވާސިޓީގެ ފުރަތަމަ އަހަރުގައެވެ. ތިންވަނަ އަންހެން ދަރިފުޅު ސާރާ އަކީ 8 ވަނަ ގްރޭޑްގައި ކިޔަވަމުންދާ ދަރިވަރެކެވެ. ސްކޫލުގައި ކިޔަވަމުން ސާރާވެސް ކީރިތި ޤުރުއާން ހިތުދަސްކޮށް ނިންމާލިއެވެ. ހަތަރުވަނަ އަންހެން ދަރިފުޅު ޖަންނައަކީ 7 ވަނަ ގްރޭޑްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އޭނާވެސް ސްކޫލުގައި ކިޔަވަމުން ޤުރުއާން ހިތުދަސްކޮށް ނިންމާލިއެވެ. އެންމެ ހަނގު ދަރިފުޅު އަހުމަދު މިހާރު ކިޔަވަނީ ފަސްވަނަ ގްރޭޑްގައެވެ. މިހާރު، އަހުމަދުވެސް ޤުރުއާން ހިތުދަސްކޮށް ނިމިއްޖެއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ސަމާލުކަން ދިނުމުން، އެ ކުދިންގެ ކިޔެވުމަށް ބުރޫއަރާފައި ނުވޭތޯ ސުވާލު ކުރުމުން، ޖަވާބު ދެއްވަމުން އެ ކުދިންގެ މަންމަ ވިދާޅުވިއެވެ. “ނޫން. އެއްވެސް ބުރުލެއް ނާރާ. އޭގެ ބަދަލުގައި ކަން އޮތީ އޭގެ ދިމާ އިދިކޮޅަށް. އަހަރެމެންގެ ދަރިން ތިބީ ކީރިތި ޤުރުއާނުގެ ނިޢުމަތާއެކު ކްލާސްތަކުގެ އެންމެ މަތީގައި. ގޭގައި ފިލާވަޅު ދަސްކުރަމުން ޤުރުއާން ކިޔެވުމަށް ވަގުތު ކޮޅެއް ހުސްކުރަނީ. ކޮންމެ ކަމެއްގައިވެސް އަމިއްލަ ޓައިމްޓޭބަލްއެއް އޮވޭ. މައިންބަފައިންނަށް ހަމައެކަނި ޖެހޭނީ ކުޑަކޮށް މެނޭޖް ކޮށްލަން. މިސާލަކަށް މޯބައިލްފޯނާއި، ސޯޝަލް މީޑިއާ އަދި ގޭމުކުޅޭ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު ކީރިތި ޤުރުއާނަށް ދީފިނަމަ، ކުދިންނަށް ގޭގައި ހަމަޖެހިލައިގެން ހިތުދަސްކުރެވޭނެ.”
އަލްޖަޒީރާއާ ވާހަކަ ދައްކަމުން ކުޑަކުޑަ ހާފިޒް އަހުމަދު ބުންޏެވެ. “ފުރަތަމަ ހިތުދަސްކުރަން ފެށިއިރު ހީވީ ވަރަށް އުނދަގޫ ކަމެއް ކަމަށް. ޤުރުއާނުގެ ޞަފްޙާތައް ގުނާލުމުން ހިތަށްއެރީ ޤުރުއާން މާ ދިގުވެފައި، ފުރިހަމަ ނުކުރެވިދާނެ ކަމަށް. އެހެންނަމަވެސް ދަސްކުރަން ފެށުމުން، މަޑުމަޑުން ދަތިކަން ފަސޭހަވެއްޖެ. الحمد لله، އަހަރެން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހިތުދަސްކޮށް ނިންމާލިން.”

