ތިބާ ހިނިތުންވާށެވެ. އެހެން މީހުންނަށް ހިނިތުންވާން ދަސްކޮށްދޭށެވެ.
ދީނަކީ ނަސޭހަތެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަަތު ކުރަން އެދޭނަމަ ދީނީ ގޮތުން ގިނަގިނައިން ކުދިންނަށް ނަސޭހަތްތެރިވާށެވެ. ދީނީ އިބުރަތްތެރި ވާހަކަތައް ކުދިންނަށް ކިޔާދޭށެވެ. އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި އުޅުމާއި ގުޅުން ބައްޓަން ކުރަންވީ ގޮތުގެ ނަމޫނާ މައިންބަފައިން ކުދިންނަށް ޢަމަލީ ގޮތުން ދައްކައިދޭށެވެ. ގިނަގިނައިން ރަނގަޅު އާދަ ކާދަތައް ހަނދާންކޮށް ދޭށެވެ. އަހަރުމެން އެންމެންގެ މަންޒިލަކީ އެން މަޒިލެކެވެ. އެބުރި ދިއުން ވަނީ އެކަލާނގެ ހަޟްރަތަށެވެ.
ހަޔާތުގެ ނިމުން މާމުޔަށްވުރެ ފޮނިވާން އެދޭނަމަ ތަޤްވާވެރިވާށެވެ.
އެއްވެސް މީހަކީ ތިމާ އަށްވުރެ ވަކި ދެރަ ނިކަމެތި މީހެކޭ ހީނުކުރާށެވެ. މީހާ ‘ ހުންނަ ގޮތަކުން ‘ އެއީ ކާކު ކަމެއް ނޭގިދާނެއެވެ. އެކި މީހުން މޮޅުވާނީ އެކި ކަންކަމަށެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ އިންސާނެއް ނޫނެވެ. އެކަކު އަނެކަކު "އަޅާ" ނުކިޔާށެވެ. ފަސް އިނގިލި ވެސް ފަސް ވަރެއް ނޫން ހެއްޔެވެ؟ ހާލަތުގެ ނިޔާ ކަނޑައަޅުއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަކު އަނެކަކު "ނަފްރަތު" ނުކުރާށެވެ. ވަގުތާއި ހާލަތު ހަމަ އެންމެ ސިކުންތެއްގެ ތެރޭގައި ވެސް ބަދަލުވެދާނެއެވެ. މާތް ﷲ އަށް ބިރުވެތި ވާށެވެ. މާދަމާ ތިމާގެ ހާލަކީ ކޮބާ ކަމެއް ހުދު ތިމާ އަކަށް ވެސްނޭގޭނެވެ.
ރުޅި އިސްކުރާ މީހަކީ ހުރިހާ ހެޔޮ ކަމަކުން ދުރު ވެގެންވާ މީހެކެވެ. އަހަރުމެންގެ މި ފުރާނަކީ ﷲ ގެ މިލްކެކެވެ. ބޮޑާވެ ކިބުރުވެރި ނުވާށެވެ. ހިތްތިރި ކުރާށެވެ. ތިބާގެ ފަހު ސިކުންތަކީ މިވަގުތު ނޫން ކަމެއްވެސް ނޭގެއެވެ. ބަދަލު ނުހިފާށެވެ. ﷲ ގެ ބަދަލު ހިތްޕެވުމަށް ބިރުވެތި ވާށެވެ. މާފަށް އެދެން އަވަސްވެ ގަންނާށެވެ. ހެޔޮ ހިތުން މާފުކޮށްދޭށެވެ. އެހީތެރިވެދޭށެވެ. އޯގާތްތެރިވާށެވެ.
ތިމާ ކޮށްފައިވާ ޢަމަލެއް ނޫނީ ތިމާ އެކުގައި މަހްޝަރު މައިދާނުގައި ނުވާނެއެވެ. އެދުވަހު މަންފާކުރާނީ ތިމާ ކުޅަ ހެޔޮ ޢަމަލު ތަކުން އެކަންޏެވެ. ޖަޒްބާތުތައް މައިތިރިކޮށް ބުއްދި އިސްކުރާށެވެ. ދޫ ރަތްކާތެރި ކުރާށެވެ. ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ތިބާ ހިނިތުންވާށެވެ. އެހެން މީހުންނަށް ހިނިތުންވާން ދަސްކޮށްދޭށެވެ. ހިނިތުންވުމާއެކު އުޅެން ދަރިންނަށް ދަސްކޮށްދޭށެވެ. އިސްލާމް ދީނަކީ ހެޔޮކަމަށް ގޮވާލާ ނަސޭހަތުގެ ދީނެވެ.

