ރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުރެވޭ ކައިވެންޏަށްވުރެ ވަރިވާ ކައިވެނި މާގިނައެވެ. މީގެ ސަބަބެއް ދިރާސާކުރެވިފައި ނެތްނަމަވެސް ކޮންމެވެސް ސަބަބުތަކާއިހުރެ މިކަންތަށް ދިމާވުމަކީ ވަރަށްވެސް ދެރަކަމެކެވެ. ވަކިން ހާއްސަކޮށް ދަރީންލިބި ދެމަފިރިން ވަކިވުމަކީ އޭގެ އަސަރު ދަރީންނަށް ކުރާނެކަމެކެވެ.
ގިނަފަހަރަށް ކައިވެނި ރޫޅުމުން ބައްޕައާއި ދަރީންނާއި އޮންނަ ގުޅުން ކަނޑުވާލަން މަންމަ މަސައްކަތްކުރާ ކަމަކީ ވަރަށްވެސް ހިތާމަވެރިކަމެކެވެ. ދަރީންނަށް ގަވައިދުން ޚަރަދު ދީގެން ކިތަންމެ ލޯބިން ބައްޕަ އުޅެން ބޭނުންވިއަސް ދަރީންގެ ހިތުގައި ބައްޕައަށް އޮންނަ ލޯއްބާއި ޤަދަރު ކަނޑުވާލަން ބައެއް މަންމައިން މަސައްކަތްކުރެއެވެ. ސަބަބަކީ މަންމަގެ ހިތުގައި ކައިވެނި ރޫޅުމަށްފަހު އުފެދޭ ބަދަލުހިފުމުގެ ރޫޚެކެވެ. އެކަމުގެ ސަބަބުން ނޭގިނަމަވެސް އެ ހަލާކު ކޮށްލެވެނީ ދަރީންގެ ހަޔާތެވެ. ބައެއްފަހަރު މައިދައިތަގެ ރޯލްވެސް މިކަމުގައި ބޮޑެވެ.
ބައެއް މައިންގެ ޝަކުވާއަކީ ދެމަފިރިން ވަކިވުމަށްފަހު ދަރީންގެ ޚަރަދާއި، ބަލިވީމާ އަޅާނުލާ ކަމުގެ ޝަކުވާއެވެ. ނަމަވެސް ބައެއްފަހަރަށް މިކަންތަކަށް ބައެއް ބަފައިންނަށް އަޅާ ނުލެވެނީ ކޮންސަބަބަކާހުރެ ކަމެއް މައިން ވިސްނާކަށް ބޭނުމެއްނޫނެވެ. ބައެއް މައިންނަށް ކަންތައްކުރެވެނީ އެންނެ ރަނގަޅަށް ނޫންކަން އިނގޭއިރުވެސް އެ ޝަކުވާތަށް ކުރެއެވެ.
އަޅުގަނޑުގެ މި ލިޔުމުގައި މައިގަނޑު ގޮތެއްގައި މި އަލިއަޅުވާލަނީ ބައްޕައިންނާއި ދަރީންނާއި ގުޅުން ކަނޑުވާލަން މަސައްކަތްކުރާ މައިންގެ ވާހަކައެވެ. ބައެއްފަހަރު މަދުން ނަމަވެސް މިގޮތަށް އަމަލު ނުކުރާ މައިންގެ ދަރީންނާއި މެދުވެސް ބައެއް ބަފައިން އަމަލުކުރަނީ ވަރަށް ގޯސްކޮށެވެ. ސަބަބަކީ ބައްޕަގެ ހިތުގައި ކައިވެނި ރޫޅުމަށްފަހު މަންމަ އަށް އޮންނަ ނަފްރަތު ކަމަށް ވިއަސް އެއީ ތިމާގެ ދަރީންކަން ހަދާން ނައްތައިލައިގެން ނުވާނެއެވެ.
އެއީ މަތިވެރި ﷲ ތިމާއާއި ހަވާލުކުރި އަމާނާތެއްކަން ހަދާން ނައްތައިލައިގެން ނުވާނެއެވެ. ގިޔާމަތް ދުވަހުން ދަރީންނާއި މެދު ކަންކުރި ގޮތައިމެދު މައިން ބަފައިންނާއި ސުވާލުކުރެވޭނެއެވެ.
ދެމަފިރިން ވަކިވުމުން ދަރީންނަށް އޭގެ ނޭދެވޭ އަސަރު ފޯރުވިޔަ ނުދޭށެވެ. ވިސްނަންވީ ތިޔަ ދެމަފރިންނަށް އެކުގައި ކޮންމެވެސް ސަބަބަކާއިހުރެ ނޫޅެވުންކަމެވެ. އޭގެ ހިތްދަތިކަން ދަރިންގެ ހިތުގައި ނަފުރަތުގެ އަލިފާނުން ރޯ ނުކުރާށެވެ.

