ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހުޅުމާލެ ހިޔާފުލެޓް ލިފްޓް ކިޔޫ ގައި އެތައް ވާންދެން ހުންނަން ޖެހިއްޖެއެވެ.
ހިޔާ ފުލެޓް ތަކުގައި މީހުން ދިރިއުޅެން ފެށިތާ 2 އަހަރުވާން ކައިރިވަނީއެވެ. މަޑު މަޑުން މީހުން އާބާދު ވަމުން އައިސް ގާތްގަޑަކަށް ހުރިހާ އެޕާރޓްމެންޓް ތަކުގައި މީހުން ދިރިއުޅެން ފަށައިފިއެވެ. މިހާރު 47000 ވަރަކަށް މީހުންގެ އާބާދީ ދިރިއުޅެމުންދާ ހިޔާ ސަހަރައަކީ ރާއްޖޭގެ އެއްސަރަހައްދެއްގައި އެންމެގިނަ މީހުން ދިރިއުޅޭތަނެވެ.
ހިޔާ ފުލެޓް ތަކުގައި މީހުން ދިރިއުޅެން ފެށުމާއިއެކު ފުލެޓް ތަކާއި ބެހޭގޮތުން އެކިއެކި ވާހަކަތަށް ނޫސްވެރިންނާއި އާކިޓެކްޗަރުން ގެންދިޔައީ ދައްކަމުންނެވެ. އެއްބަޔަކަށް ކޮތަރު ކޮށި ތަކެކެވެ. އަނެއް ބަޔަކަށް އެންމެ ރަނގަޅު ތަނަވަސް އެޕާރޓްމެންޓްތަކެވެ. ކޮތަރު ކޮށި ތަކޭ ކިޔައި ފާޑު ކިޔަމުންދިޔަ އެތައް ބަޔަކު މިހާރު ދިރިއުޅެމުންދަނީ އެތާގައެވެ. ސަރުކާރުގެ ހައުސިންގް މިނިސްޓަރ ރައްޔިތުންގެ މަޖްލީސް ޖަލްސާއެއްގައި ވިދާޅުވީ “އަޅުގަނޑު ވިސްނިން ތަޅާލަން، އަޅުގަނޑަށް އެކަނި ނިންމޭ ވަރު ކަމެއް ވަނީ ނަމަ ތާޅާ ވެސް ލީމުސް، އަޅުގަނޑުމެން ފުރަތަމަ ވެސް ބުނިން އެއީ ކޮތަރުކޮށިތަކެކޭ، އޭރު އަޅުގަނޑު އެ ވާހަކަ ދެއްކީމަ ހެއްދެވި ނުހެއްދެވިއަށް ގޮވީ، ކޮތަރުކޮށްޓަކަށް ވިޔަސް ތިޔަ ހަވާލު ކުރާށޭ، ހަވާލު ކުރަން ބުނީމަ ކޮށްފަ އެ އޮތީ، ހަވާލު ކުރީމަ ވާނެ ކަންކަން އެ ވަނީ،” އަސްލަމް ވިދާޅުވިއެވެ.. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ހިޔާ ސަރަހައްދުގައި މަސްތުވާތެކެތި ވިއްކުމާއި ބޭނުންކުރާކަމުގެ ޝަކުވާ މެންބަރަކު މަޖްލީހުގާއި ކުރެއްވުމުންނެވެ.
ކޮންމެއަކަސް ރާއްޖޭގެ އެކި ކަންމޮޅުތަކުން 47000 ވަރަކަށް މީހުން މިތިބީ އެއްތަނަކަށް ޖަމާމޮށްލާފައެވެ. ކޮތަރު ކޮށި ތަކެއް ވިއްޔާ ކޮތަރު ކޮށްޓެވެ. ބޯހިޔާވަހި ކަމަށް ބޭނުންޖެހިފައިތިބި އެތަކެއް އާއިލާތަކަށް ބޯހިޔާވަހި ކަމެއް ލިބިއްޖެއެވެ. ދެންވީ ރިވެތި ގޮތުގައި ތަހުޒީބީ ދިރިއުޅުމެއް އުޅެން ނޫންތޯއެވެ. ތަހުޒީބީ ދިރިއުޅުމޭ މިބުނަނީ މިތަނުން މިފެންނަ މަންޒަރު ތަކަކީ އަހަރެންނަކަށް އެއްވެސް ގޮތަކަށް ކަމުދާ މަންޒަރު ތަކެއް ނޫނެވެ. އެޕާރްޓްމަންޓް ތަކުން ތަކެތި އުކަނީއެވެ. ނުއުކާކަ އެއްޗެއްނެތެވެ. ދާދިފަހުން ސަންއޮންލައިންގެ ލިޔެފައިވާ ރިޕޯޓެއްގައިވަނީ މީހަކު ހެނދުނު އޮފީހަށްދާން އަންހެނުންނާއިއެކު ސައިކަލުގައި ދަނިކޮށް އެޕާރޓްމަންޓަކުން ވައްޓާލި އެއްޗަކުން ޖެހި އޭނާގެ އައިނި ދުނިގަނޑު ބިންދައިގެންގޮސް އައިނު ތަޅައިގެން ދިޔައީއެވެ. އެހެން މީހަކު ބުނިކަމް އެ ރިޕޯރޓްގައިވާގޮތުން ހެނދުނު އޮފީހަށްދާން ސައިކަލުގައި ނުކުމެގެން ދަނިކޮށް މަތިން ވެއްޓުނު އެއްޗެއް އައިސް އޭނާގެ ގައިގައި ޖެހުމުން ބަލާލިއިރު މުޅި ގައިގައި އޮތީ ނަޖިހެވެ. ކުޑަކުއްޖެއްގެ ނެޕީއެކެވެ. އަހަންނަށް ދިމާވި ކަމެއްގެ ވާހަކަވެސް ފާހަގަ ކޮށްލާނަމެވެ. ހިޔާ ޓަަވަރު ހަތަކުން ނުކުމެގެން ސައިކަލަށް އަރަނިކޮށް ގަޔަށް އޮށްސާލީ ރިހަ އެއްޗެކެވެ. އެވަގުތު އެތަނުގައި ތިބި އެހެން މީހުންގެ ގަޔަށްވެސް ރިހަ ބުރައިގެން ދިޔައެވެ. ތަންކޮޅަކަށްވުރެވެސް މާ ބޮޑުވަރު ނޫންތޯއެވެ.
ދެންއޮތީ ލިފްޓް ކިޔޫގެ ވާހަކައެވެ. މީގަވެސް އޮތީ އެމީހަކާއި އެމީހެކެވެ. ކިޔޫ ހަދައިގެން ތިއްބަސް އެންމެ ފަހުން އަންނަ މީހުން ލިފްޓަށް އަރައިގެން ދަނީއެވެ. އަދަބު އަޙްލާޤްގެ ކަންފުޅެއްވެސް ނެތީއެވެ. ހުކުރު ދުވަހު އެންމެން ކިޔޫ ތަރުތީބުގައި ތިބޭއިރު ބައެއް މީހުން ފުރަތަމަ ފަންގިފިލާއަށް އަރައި ލިފްޓަށް އަރަނީއެވެ. ދަރީންނާއި އެކީގައި މިކަން ކުރާ މީހުން އެމީހުންގެ ދަރީންނަށް އެ ދަސްކޮށްދެނީ ރަގަނޅު ހެޔޮ އަމަލެއްތާއެއެވެ. އަހަރެން މި ލިޔުން ލިޔަން ގަސްތު ކުރި ސަބަބަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެގެ މަންމައަކު އެކުއްޖާ ގޮޑިއަށް ލައިގެން ކިޔޫ ގައި މަޑުކޮށްގެން އެތައްއިރެއް ހުރިއިރުވެސް އެއްވެސް ބަޔަކު އެކުއްޖާއަށް ޖާގައެއްނުދީ ލިފްޓްގައި ދަނީއެވެ. ކިޔޫ ގައި މަޑުކޮށްގެން އެފަކީރު މަޑުމައިތިރިކަމާއި ކެތްތެރިކަމާއެމު ހުރިއިރު ހިއްސު ސަލާމަތުންތިބި ގަދަފަދަ މީހުން ލިފްޓަށް އަރައިގެން މިދަނީއެވެ. ލަދެއް ހަޔާތެއް ނެތްގޮތަށް ހިތުގައި ރަހުމެއްވެސް ނެތީތާއެވެ.

