ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާގަދަ ކުރުމަށް ނިންމީ ޤައުމުގެ ހާލަތު އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި، ވެރިކަމަށް ކުރިމަތިލުމަށް ނިންމި ނިންމުން ބަދަލުކޮށް ނަންނަގާނެ އެއްވެސް ހާލަތެއް ނާންނާނެކަމަށާއި، އެއްވެސް ކެނޑިޑޭޓަކާއި އެކު ހައްދަވާނެއް ޑީލެއް ނެތް ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ސިޔާސީ ކަންކަމާ ދުރުގައި ވަރަށް ގިނަ ދުވަހު ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި ޑރ. މުނައްވަރު ވަނީ ޗާގޮސް މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭގެ ފަހުން އޭނާ ދެން ފެނިގެން ދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއެކު އައްޑޫ އަށް ވަޑައިގެންނެވި މަންޒަރެވެ.
ނަޝީދު އެ އިންތިހާބުން ނާކާމިޔާބުވުމާއެކު މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ އެމްޑީޕީގެ ވޯޓު ބައިބައި ކޮށްލުމުގެ ނިޔާތުގައި ކަމަށާއި އެއީ ނަޝީދު ވިދާޅުވެގެން ކުރައްވާ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.
އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެޖެންޓެއްގެ ގޮތުގައި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ، އިންތިހާބުގައި ކުރިމަތިލަނީ އެއްވެސް ބޭފުޅެއްގެ އެޖެންޓެއްގެ ގޮތުގައި ނޫން ކަމަށާއި އެއްވެސް ސިޔާސީ ބޭފުޅެއްގެ އެދިވަޑައިގަތުމަކަށް ވެސް ނޫން ކަމަށެވެ.
މީގެއިތުރުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެންނެވިއިރު އެއް ފްލައިޓަކުން ދަތުރުކުރެއްވި ކަމަށާއި އެކަމަކު ކެމްޕެއިނުގައި ބައިވެރިނުވާ ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމިކަން ރަސްމީކޮށް ހާމަކުރައްވައި މީޑިއާތަކާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ ޤައުމުގެ ހާލަތު އެކަމަށް މަޖުބޫރު ކުރުމުންކަމަށެވެ. ރާއްޖޭގެ މިއަދުގެ ހާލަތަކީ ރާއްޖެ އެކި ދުވަސްވަރު އަޅުވެތިވެފައި އޮތް ހާލަތަށްވުރެވެސް ދަށް ހާލަތެއްކަމަށެވެ. ޤައުމުގެ މިނިވަން ނިންމުންތައް ނިންމުމުގެ ބާރު ރާއްޖޭގައި ނެތްއިރު ވަކި ޤައުމަށް މުޅި ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮތްކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގައި އިނގިރޭސީން އުޅުނު ދުވަސްވަރުވެސް އެމީހުންގެ ނުފޫޒު ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ވަރަށް މިއަދު ވަކި ޤައުމެއްގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އެތައް ފަޅެއް، އެތައް ބިމެއް ވަކި ޤައުމެއްގެ ބާރުގެ ދަށަށް ދޫކޮށް ވަކި ޤައުމެއްގެ އަސްކަރިއްޔާ މިޤައުމުގައި އޮތުމަކީ ނުރައްކާތެރިކަން ބޮޑުކަމެއްކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި މުނައްވަރު ވިދާޅުވީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މިސަރުކާރުން ކުރާހާވެސް ކަމަކީ ސިޔާސީ މަޤާމުތައް އުފެއްދުމާއި، ބޭރުގެ ކަރަކަރަށް ދަތުރުކުރުން ކަމަށެވެ.
ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާއަކީ އޭގައިން ސަރުކާރު ދަމަހައްޓަން ސިޔާސީ މަޤާމު އުފައްދަންދޭ ފައިސާއެއް ނޫންކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި އިންތިޚާބާއި ކައިރިކޮށް މުސާރަތައް ބޮޑުކޮށް، އެކިއެކި މަންފާތައް ދިނުމަކީ ރައްޔިތުންގެ ފައިސާއިން ރިޝްވަތު ދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކާއި، ހަރުމުދާތައް ނުއަގުގައި ވިއްކުމާއި، އެކިއެކި ޕްރޮޖެކްޓުތަކުން ނުހައްގު ފައިސާތައް އެތައް މިލިޔަނުން ނަގާއިރު ޒީރޯ ޓޮލަރެންސަކީ ކޮބައިކަންވެސް މިއަދު ނޭގޭކަމަށެވެ. މިކަންކަން ހުއްޓުވުމަށް ރައްޔިތުން ތިބީ އިތުރު ދައުރެއް މިސަރުކާރަށް ދޭން ނޫންކަމަށް މުނައްވަރު ވިދާޅުވިއެވެ.

