ހުވަދު އަތޮޅުގައި ތަރައްޤީ ކޮށް ރަސްމީ ކޮށް ހުޅުވުމަށް ތައްޔާރު ވަމުންދާ އާ ވައިގެ ބަނދަރަށް ޓެސްޓް ފްލައިޓްގެ ގޮތުގައި ޖެއްސުމަށް ހަމަޖެހިފައިވާ Dash 8-300 މަރުކައިގެ ފްލައިޓް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ފަރެސްމާތޮޑާ އެއަރޕޯޓަށް ޖައްސާފައެވެ.
މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ Dash 8-300 މަރުކައިގެ ފްލައިޓް ޖެއްސި އިރު އެ ފްލައިޓުން ދައުލަތުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ވަނީ ވަޑައިގަންނަވާފައެވެ. ފްލައިޓް ފަރެސްމާތޮޑާ އެއަރޕޯޓް ނުވަތަ އެފްއެމްޓީ އެއަރޕޯޓް ގައި ޖެއްސި އިރު ފަރެސްމާތޮޑާ ގެ ހުރިހާ ރައްޔިތުންނާއި ރަށުގެ ވެރިންގެ އިތުރުން އަވައްޓެރި ބައެއް ރަށް ރަށުގެ ވެރިންނާއި ހުވަދު އަތޮޅުގެ އިސްވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ފަރެސްމާތޮޑާ ކައިރީގައި އޮތް 5 ރަށް އެއްފަސް ކޮށްގެން އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެއްޓެވީ 7 އޮގަސްޓް 2018 ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައެވެ.
އޭގެ ފަހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ މި ދައުރުގައި ވެސް އެއަރޕޯޓް ގެ މަސައްކަތް ހުއްޓުމަކަށް ނުގެންނަވައެވެ.
ފަރެސްމާތޮޑާ ދާއިރާ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް އާއި
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ގެންދެވީ ލަސްނުކޮށް އެއަރޕޯޓް ގެ މަސައްކަތް ނިންމާ ލެއްވުމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ ފަރެސްމާތޮޑާ ކައިރީގައެވެ 5 ފަޅުރަށް ހިއްކައިގެން ނުވަތަ އެއްފަސް ކޮށްގެން ހަދާފައިވާ އެއަރޕޯޓެކެވެ. ކަންޑައްދުއާ ، ހަޑައިދުައާ ، ދޫނިރެހާ ، ކާޅެ ހުއްޓާ އަދި މާރެހާ އެކުލެވިގެން އެއަރޕޯޓް ހަދާފައި ވާ އިރު އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލާނީ 100 މީޓަރު ދިގު ކޯޒުވޭ އަކުންނެވެ. އެ މަސައްކަތް މިހާރުވެސް ކުރިއަށް އެއްބަހެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ކައިރީގައި ހުރި ކުދި ރަށްރަށް ގުޅުވާލެވި 19.9 ހެކްޓަރުގެ ބިމުގެ ސަރަޙައްދެކެވެ. ބިން ހިއްކުމުގެ މަސައްކަތް 2019ވަނަ އަހަރު ނިންމި ނަމަވެސް، ދިގު މުއްދަތެއްވަންދެން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ އެއާޕޯޓެކެވެ. ރަންވޭއަކީ 1200 މީޓަރުގެ ދިގު ރަންވޭއެކެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލްވެސް ތަރައްޤީކުރަނީ ތަފާތު ސްޓްރަކްޗަރއަކަށެވެ. މިއީ ޕްރީ ފެބްރިކޭޓެޑް، ރީތި އިމާރާތަކެވެ. އެއަރޕޯޓް ގައި ބޭނުން ކުރާ އުޅަނދު ތަކާ އާލާތްތަކަކީ މިޒަމާނުގެ އެއްޗެއްސެވެ.
ދިވެހި ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެއްކޮށް ނިމި ފަރެސްމާތޮޑާ އާއި ކޯޒުވޭ އަކުން ގުޅާލުމުން ތަރައްޤީ ވެގެން ދިޔަ އެއަރޕޯޓުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ފަރެސްމާތޮޑާ އަށެވެ. އެ ރަށުގެ ހުރިހާ ރައްޔިތުންނަށެވެ. އެހެން އެކަން ވެގެން ދިޔުމުން އެއަރޕޯޓަށް ވަދެ ނުކުންނަ މައި ގޭޓަށް ވެގެން ދާނީ ފަރެސްމާތޮޑާ އެވެ.
ދިވެހި ރާއްޖޭގައި މި ވަގުތު 16 އެއަރޕޯޓް ހިނގަމުން އެއްބަހެވެ. ހަދަމުންދާ 3 އެއަރޕޯޓް އެބަ އޮތެވެ. ފަރެސްމާތޮޑާ އެއަރޕޯޓަކީ ހުވަދު އަތޮޅު ގައި ހުޅުވޭ 4 ވަނަ ވައިގެ ބަނދަރެވެ. މި އަތޮޅުގައި ފުރަތަމަ ހުޅުވުން ކާޑެއްދޫ އެއަރޕޯޓާއި ގއ ކޫއްޑޫ ގައި ހުޅުވުނު ކޫއްޑޫ އެއަރޕޯޓް އަދި ދާދި ފަހުން ގއ ގައި ހުޅުވުން މާވާރުލޫ އެއަރޕޯޓް ގެ އިތުރުން މިއަދު ޓެސްޓް ފްލައިޓް ޖެއްސި ފަރެސްމާތޮޑާ އެއަރޕޯޓް ވެގެން ދާނީ ވައިގެ ދަތުރު ތަކަށް އިތުރުވި އަތޮޅަށް ދިރުން ގެނެސްދޭން އާ މަހަކަށެވެ. އިޤްތިޞާދީ ގޮތުން ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.
" މޯލްޑިވިއަންގެ ފްލައިޓް Dash 8-300 މިހާރު މި ޖެއްސީ ފަރެސްމާތޮޑާ ވައިގެ ބަނދަރަށް، ނިޔާމަ ދަތުރަކަށް އެދެން…." މި އީ މާތް ﷲ ގެ ހެޔޮ ރަޙުމަތާއެކު އަބަދުވެސް އިވޭނެ އަޑެކެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ގައި ޖެއްސި Dash 8-300 މަރުކައިގެ ފްލައިޓް މިރޭ ފުރައިގެން ދާނީ އަތޮޅު ހިނިތުން ކުރުވަމުންނެވެ. ޚާއްސަކޮށް މިއަދަށްޓަކައި ރޭއާ ދުވާލު ނިދި ނަގައި އިންތިޒާރާ އެކު ހިލޭ ސާބަހަށް އެތައް މަސައްކަތެއް ކުރި ފަރެސްމާތޮޑާ ގެ އެންމެހާ ރައްޔިތުންނާއި ފަރެސްމާތޮޑާ އެއަރޕޯޓް ކައިރީގަ އޮންނަ ވާދޫ އަދި ކައިރި ރަށްތަކުގެ ރައްޔިތުންގެ މޫނުމަތިން ފެންނާނީ ޝުކުރުގެ ހިނިތުން ވުމެކެވެ. ރައީސް ޔާމީން އާއި ރައީސް ސޯލިހު އަދި މި މަޝްރޫޢުގައި ޢަމަލީ ގޮތުން މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ ފުން މިނުން ކިޔާ މަރުހަބާ ގެ ޝުކުރެކެވެ.


