ސަރުކާރުން މީޑިއާތަކަށް ބާރު ފޯރުވަމުންދާ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭންވާ ފައިސާގެ އަދަދު އަންގަނީ ވެސް ރައީސް އޮފީހުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ބިލަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ސްޕޮންސާ ދޭންޖެހޭނީ ވަކި ކަންތައްތަކަށް ހޯދާ ބެލުމަށްފަހު އެންމެ އެކަށޭނަ މީޑިއާތަކަށް ކަމަށެވެ. ނަމަވެސް، މިހާރު ކުންފުނިތަކުން ސްޕޮންސާ ކަނޑައަޅަނީ ރައީސް އޮފީހުން ސިޓީ ފޮނުވީމާ އޭގައި ބަޔާންކޮށްފައިވާ ބީދައިން ކަމަށް އިލްޔާސް ފާހަގަކުރިއެވެ.
މީގެ ކުރީގެ އެމްޑީޕީ ސަރުކާރުން ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދިނަސް، މިއަދު އެ މަންޒަރު ތަފާތު ކަމަށެވެ.
“އަޅުގަނޑުމެންނަށް ފާހަގަވަނީ، ޚާއްސަކޮށް ދައުލަތުގެ މީޑިއާ، ޓީވީއެމްއިން ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް އެއްވެސް ޚަބަރެއް ނުގެންދެވޭ. ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ ޕްރޮމޯޓް ކުރަން ހުންނަ ޓީވީއެއް ނޫން އެއީ – އިލްޔާސް
އިލްޔާސް ވިދާޅުވީ ސަރުކާރާއި އެއްވަރަށް މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަހަމަކަމާއިއެކީ ޕީއެސްއެމްއަށްވެސް ކަވަރު ކުރެވެން ޖެހޭނެ ކަމަށެވެ.
އިރުއިރުކޮޅާ، ކޮންމެ 30 މިނެޓަކުން ރައީސުލްޖުމްހޫރިއްޔާ މިވެނި ކަމެއް ކުރައްވާ، އެވެނި ކަމެއް ކުރައްވާ އިޝްތިހާރު ހައްދަވައިގެން ދައްކަންޖެހޭ ތަނެއް ނޫން އެއީކީ ” – އިލްޔާސް
އިލްޔާސްގެ އިތުރުން މަޖްލީހުގެ ރައީސް އަދި އެހެން މެމްބަރުންވެސް ވަނީ މީޑިއާތަކުން ރައީސް ސޯލިހް ޕްރޮމޯޓްކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ރާއްޖޭގައި ހިންގާ ނޫސްތަކަށް މިހާރު ސްޕޮންސާދެމުން ގެންދަނީ އެއްވެސް ވަރަކަށް ނޫސް ކިޔާ މީހުންގެ އަދަދަށް ބަލާފައެއް ނޫނެވެ.

