އިއްޔެ ރާއްޖޭގެ ހުރިހާ މީޑިއާ ތަކެއްގެ ފަލަ ސުރުޚީގައި އޮތީ ހުވަދު އަތޮޅުގައި އަލަށް އެޅުނު އެއާޕޯޓެއް ހުޅުވުމަށްޓަކައި ޓެސްޓު ފްލައިޓް ޖެއްސި ޚަބަރެވެ. ގދ. ފަރެސްމާތޮޑާ އެއާޕޯރޓަށް ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް އިއްޔެ ހަވީރު ޖައްސާފައިވާއިރު، ފަރެސްމާތޮޑާގެ ކުދިބޮޑު ގިނަ ރައްޔިތުންތަކެއް ވަނީ އެއަރޕޯޓަށް ގޮސް މަރުހަބާ ދަންނަވާފައެވެ.
އެތައް ދުވަހެއްގެ އެތައް އިންތިޒާރެއްގެ ނިމުން އައީ ހިނިތުންވުމަކާއި އެކީއެވެ. މަންޒަރު ބަލަން ދިޔަ ކޮންމެ ރައްޔިތެއްގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. ބޮޑު ޚަރަދުގައި ލޯންޗް ކުއްޔަށް ހިފައިގެން ނޫނީ ފެރީގައި ދިގު ދަތުރެއް ކުރުމަށް ފަހު ކާޑެއްދޫ އެއާޕޯރޓަށް ދިޔުން ނިމުމަކަށް ގެނެސް ގެއާއި ކައިރިން ދަތުރު ކުރެވޭނެ ވައިގެ ބަނދަރެއް ލިބުމުން ކޮންމެ ރައްޔިތަކު ވެސް އުފާވާނެއެވެ.
އިއްޔެ ފަރެސްމާތޮޑާއަށް ޖެއްސި ފްލައިޓުން ފަރެސްމާތޮޑާ އަށް ނިސްބަތްވާ ޕްލޭނިންގ މިނިސްޓަރ އަސްލަމް އާއި ކުންފުނި ތަކުގެ ވެރިން ވަޑައިގެންނެވިއެވެ. ރައްޔިތުން އަތްތިލަބަޑި ޖަހަމުން އެކަކު އަނެކަކަށް ޝުކުރު ދަންނަވަމުން ސޯޝަލް މީޑިއާގައިވެސް ޝުއޫރުތައް ފާޅު ކުރަމުން ދިޔައެވެ.

އެހެން ނަމަވެސް އިއްޔެގެ އުފާވެރިކަމުން މިއަދު ރޮއްވާލީ ގައުމީ އެއާލައިނުން އާންމު ކުރި 4 ނަންބަރުގެ އަގަކާއި އެކުއެވެ. މާލެއިން ފަރެސްމާތޮޑާއަށް އެއްކޮޅު ޓިކެޓުގެ އަގަކީ 1،620 ރުފިޔާ ކަމަށް ބުނުމުން އިއްޔެ ހިނިތުންވެވިފައި ތިބި މޫނުތަކުން ހިނިތުންވުން ފިލައި ލޮލުން ކަރުނަ އަންނަހާ އަސަރު ކޮށްފިއެވެ.
3240 ރުފިޔާ އަކީ ކިތަންމެ ތަނަވަސް ދިރިއުޅުމެއްގައި އުޅޭ މީހަކަށްވެސް މާލެ އިން ފަރެސްމާތޮޑާ އަށް އަދި ފަރެސްމާތޮޑާއި މާލެއަށް އަންނަން ބޮޑު އަދަދެކެވެ. މެދު ފަންތީގެ ދިރިއުޅުމެއްގައި އުޅޭ އާންމު ރައްޔިތުމީހާ އަށް މިނިމަމް ވޭޖޭ ކިޔުނު އެލަވެންސާއި އެކު ލިބޭ މުސާރައިން ދަރިފުޅު ގޮވައިގެން މާލެއަށް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ.
މިހާރު ހިނގަމުންމިދާ ސަރުކާރުގެ 2018 ވަނަ އަހަރު ކެމްޕެއިންގައި އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެކި މަންސަ ތަކުގައި ރައްޔިތުން ދަނީ އެކަން ހަނދުމަވެސް ކޮށްދެމުންނެވެ. އެހެން ނަމަވެސް، ދުވަހެއް ދުވަހަކަށް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވަމުން ދިޔައިރު، ދާދި އިހަކަށްދުވަހުވެސް ޓިކެޓްގެ އަގު ވަނީ ބޮޑުވެފައެވެ. 2018 ގައި 999 ރުފިޔާއަށް އަށް ހުރި ކާޑެއްދޫ-މާލޭ ޓިކެޓް މިހާރު މިވަނީ 1687 ރުފިޔާ އަށް ބޮޑުވެފައެވެ.
ދެކޮޅު ނުޖެހޭ ކަމަށް ބުނާ، ގައުމީ އެއާލައިނުގައި ލައްކައިން މަތީގެ މަހު މުސާރަ ނަންގަވާ މީހުން ތިބެއެވެ. އަދި މި ނޫނަސް ރާއްޖޭގައި އެހެން އެއާލައިންތައް އޮޕަރޭޓް ކުރަމުންދާއިރު، އެ ކުންފުނިތައް ބަނގުރޫޓްވާ ކަމަށް ނުބުނެއެވެ. އަދި އެ ކުންފުނިތަކުގެ ކެޕޭސިޓީ ގައުމީ އެއާލައިނަށް ވުރެ ދަށްވެފައި، ބޯޓުތައް މަދުކަމުގައި ވިޔަސް، އަގު ވަރަށް ވެސް ހެޔޮއެވެ. ފެންވަރު ވެސް ރަނގަޅެވެ. ދިމާވާ ޓެކްނިކަލް މައްސަލަތައްވެސް މަދެވެ. އެހެން ކަމުން ގައުމީ އެއާލައިނުން އެ ދައްކާ ބަނގުރޫޓުގެ ވަހަކަ ހަމަ ބުއްދިން ވިސްނާ އިންސާނަކަށް އަޑުއަހަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ.
ރައްޔިތުން ރޮއެ އާދެސް ކުރަނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްދިނުމަށެވެ. އެއާޕޯޓެއް އެޅިޔަކަސް ދަތުރު ކުރެވޭނެ ލުއި ގޮތެއް ހޯދައި ދިނުމަށެވެ. މިއީ ވަކި ސަރުކާރަކަށް އަދި ވަކި ކުލަޔަކަށް ވީތީ ގޮވާ ގޮވެލި ތަކެއް ނޫނެވެ. ސަރުކާރުން މިފަދަ ކަންކަމަށް ރައްޔިތުންނަށް ކޮންމެވެސް ހައްލެ ހޯދެން ޖެހޭނެކަމަށް ޤަބޫލު ކުރެއެވެ. މިއީ ހަމަ އެންމެ ރައްޔިތެއްގެ މަސްލަހަތު ހިމެނޭކަމެއްގެ ވާހަކައެއް ނޫނެވެ. ހުވަދޫ ބަހުރުވައިން "އިއްޔޭ އިހެމުން ހޮޅުވޫ! އަދެ މިޖެހުންނޫ ރޮންނަން!" ބުނަން ނުޖެހޭ ޙާލަތެއް ގެނެސްދިނުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެދޭނެކަން ކަށަވަރެވެ.

