ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފިލްމުތައް ސިނަމާ އުސޫލުން ދައްކަން ފެށުމަށް ޑިސްޓްރިބިއުޓަރުން ހޯދުމުގެ މަސައްކަތް، ދިވެހި ފިލްމު "ލޯބިވެވިއްޖެ" އުފައްދާފައިވާ އެސް ޕްރޮޑަކްޝަން އަދި ސެޓާންސް ސްޓޫޑިއޯއިން ފަށައިފި އެވެ.
ރަށްރަށުގައި ފިލްމު ދެއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ޢަލީ ސީޒަން ހުޅުވާލީ ފަހި ފުރުޞަތެކެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި ސީޒަންގެ ފިލްމުތައް ދައްކައިގެން ލިބޭ ހުރިހާ ފައިސާއެއް ފިލްމު ދައްކާ ފަރާތަށް ލިބޭނެގޮތް ހަމަޖެހޭ "ރަށު ޑިސްޓްރިބިއުޓަރ" ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެ، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލަފައެވެ.
ސެޓާން ސްޓޫޑިއޯގެ އޮފިޝަލަކު ބުނީ މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގަައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ މީހުންނަށް ދިވެހި ފިލްމުތައް ދެއްކުން ކަމަށެވެ.
"ކުރިން މާލޭގައި އަޅުވާފައި، ދެން ޕްރޮޑިއުސަރުން އަމިއްލައަށް ބައެއް ރަށްތަކަށް ގޮސް ޓިކެޓު ވިއްކާ ހަަަދައިގެން އެ ރަށްތަކުގަ އަޅުވަނީ. އެކަމަކު، އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ރަށެއްގައި ފިލްމު ދައްކައިދޭނެ ޑިސްޓްރިބިއުޓަރަކު ބެހެއްޓުން،" ސެޓާން ސްޓޫޑިއޯ
ޑިސްޓްރިބިއުޓަރުން ހޯދަން މިހާރު އިއުލާނުކޮށްފައިވާއިރު، ފިލްމު އުފައްދާ ފަރާތާ އެކު ޑިސްޓްރިބިއުޓަރު ވާ އެއްބަސްވުމުގެ ދަށުން ކޮންމެ ފިލްމަކަށް ވަކިވަރެއްގެ ފީއެއް ދެއްކުމުން، ފިލްމު އެ ރަށެއްގައި އެޅުވުމުގެ ފުރުސަތު ލިބެ އެވެ. އަދި ފީ ދެއްކުމުން، އޭ1 ސައިޒްގެ ފަސް ޕޯސްޓަރާ އެކު، ޕްރޮމޯޝަނަށް ބޭނުންވާ ޓިކެޓާއި، ޕޯސްޓަރުގެ ސޮފްޓްކޮޕީގެ އިތުރުން ޕްރޮމޯޝަނަށް ބޭނުންވާ އެހެން ތަކެތި ލިބޭނެ އެވެ.
އޭގެ އިތުރުން، އެ ރަށެއްގައި އަޅުވާ ފިލްމެއްގެ ޝޯއަކަށް ދައްކަން ޖެހޭ ފީ ދެއްކުމުން، ޑިސްޓްރިބިއުޓަރު ވިއްކާ ހުރިހާ ޓިކެޓެއްގެ އާމްދަނީ ލިބޭނީ އެ ފަރާތަކަށެވެ.
ޑިސްޓްރިބިއުޓަރު ފީ ދެއްކުމުން، އެ ރަށެއްގައި ފިލްމު އަޅުވަން ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓުކުރިން އޮންލައިން ލިންކެއް ފޮނުވާނެ ކަމަށެވެ. އެ ލިންކު މެދުވެރިކޮށް ފިލްމު އަޅުވާއިރު، އެ ދެއްކޭނީ އެންމެ ފަހަރަކު އެވެ.

ސެޓާން ސްޓޫޑިއޯ އިން ބުނި ގޮތުގައި، ކޮންމެ ރަށަކުން ވެސް ނަގާނީ އެއް ޑިސްޓްރިބިއުޓަރެވެ. އެ ރަށަކުން އެންމެ ފުރަތަމަ ރަޖިސްޓްރީވާ ބަޔަކަށް ނުވަތަ މީހަކަށް އެ ފުރުސަތު ދޭނެ އެވެ.
ރަށު ޑިސްޓްރިބިއުޓަރ’އަކަށް ވުމަށްޓަކައި އަމަލުކުރަންވީ ގޮތާއި ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ބަލާލާއިރު މިއީ ރަށްރަށުގައި ކެރިގެން ފިލްމުތައް ދައްކަން ޝައުޤުވެރިވާ ފަރާތްތަކަށް ފައިދާހުރި ޕްރޮޖެކްޓެެއްކަމަށް ޤަބޫލުކުރެވެއެވެ.
ދިވެހިން އުފައްދާފައިވާ ފިލްމުތައް އާންމުކޮށް އަޅުވަނީ، މާލޭގައި ހުންނަ ދިވެހިންގެ ސިނަމާ، އޮލިމްޕަހުގަ އެވެ. ޑިމާންޑު އޮތް ވަރަކުން ބައެއް ރަށްތަކުގައި ވެސް ފިލްމުތައް އަޅުވަ އެވެ. އެކަމަކު، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދިވެހި ފިލްމުތައް ބެލުމުގެ ފުރުސަތެއް ނުލިބެ އެވެ.

