ރައްޔިތުންގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަ ކަމަށް އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރި އެއާޕޯޓް ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ފަރެސްމާތޮޑާގެ އެއާޕޯޓް ހުޅުވިގެން ދާ ހަފްލާއަކީ އުފާވެރި ހަފްލާއެއް ކަމަށާއި، އެހެން ނަމަވެސް ހިނިތުންވުމެއް ނުފެންނަ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ދައުލަތުގެ ވަޒީރުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން އެމްޓީސީސީގެ އެމްޑީ އާޒިމް ވަނީ، ރައްޔިތުން ހިނިތުންވުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އަތްތިލަބަޑި ޖެހުމަށްވެސް އެދިވަޑައިގެންފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވިގެން ދިޔުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވިޔަސް، އުދުހުން ތަކުގެ އަގު މިހާރު ބޮޑުވެފައި ހުރިވަރުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ. އަދި މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމްކޮށް، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކޮށްފައިވެއެވެ. އަދި އައު ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ.
އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

