ކޮވިޑް ގެ ހާލަތު ރަނގަޅު ކުރުމަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ. ދުވާފަރަށް އިތުރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ފޮނުވައިފިއެވެ.
ދުވާފަރުގެ ކޮވިޑް ގެ ހާލަތު ރަނގަޅު ކުރުމަށްޓަކާ އިތުރު 2 ނަރުހަކާއި މެޑިކަލް ސްޓާފުންގެ އިތުރަށް ޑޮކްޓަރުންވެސް ފޮނުވާފައިވާނެ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ދުވާފަރަށް ޑޮކްޓަރުންނާ ނަރުހުން ފޮނުވާފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި ހައިރިސްކް މީހަކަށް ފަރުވާ ދިނުމުގައި ދުވާފަރުން އިހުމާލު ވެފައި ވާކަމަށް ބުނެ ދުވާފަރު ހެލްތު ސެންޓަރު ކައިރީގައި އާންމުން އިހުތިޖާޖު ކޮށްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލަންޖެހެއެވެ.
އެމީހުން އިހުތިޖާޖު ކުރީ ދުވާފަރުގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި އަޅާލުން ކުޑަވެ އިހުމާލު އޮތްކަމަށް ބުނަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ހައިރިސްކް މީހާ މަރުވީ ވެސް އަވަސް ފަރުވާ ދިނުމަށް ގެންދެވޭނެ ގޮތް ލަސްވެ، ސީއެމްބިއުލާސް އައުމުގައި ލަސްތަކެއް ދިމާވެގެން ކަމަށް ބައެއް ފަރަތްތަކުން ވަނީ ބުނެފައެވެ.
ދުވާފަރުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާ އިރު އެރަށުން 4 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
ދުވާފަރު މޭ 25 ވަނަ ދުވަހު މޮނިޓަރިންއަށް ލާފައި ވާއިރު މިހާތަނަށް އެ ރަށުން ޖުމްލަ 550 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެ ރަށުން ވަނީ 12 މީހަކު އަލަށް ޕޮޒިޓިވް ވެފައެވެ.

