ފުޓްބޯޅަ މެޗެއް ނިންމާލުމަށްފަހު އެނބުރި ރަށަށް އަންނަން ކުރި ދަތުރުގައި 22 މީހުން މަރުވެ، 2މީހުން ގެއްލުނު "އެނަމާ" ބޯޓު ބަންޑުން ވުމުގެ ހާދިސާއަކީ ތިނަދޫ މީހުންގެ ހިތްތަކުން ދުވަހަކުވެސް ފިލައި ނުދާނެ ހިތާމަވެރި ހާދިސާއެކެވެ. ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ބޮޑު ހާދިސާއަށް މިއަދު 19 އަހަރު ފުރިގެންދާއިރުވެސް އެ ހަނދާންތައް އަދިވެސް މިރަށު މީހުންގެ ހިތްތަކުގައި ދިރި ދިރި އެބަހުއްޓެވެ. ވައިމަޑު ، ކަނޑުމަޑު ދުވަހެއްގެ ހަވީރު ވަގުތު ކުރަމުން އައި ނިޔާމަ ދަތުރުގައި ބޯޓު ބަންޑުން ޖަހާލީ ހަމަ ކުއްލިއަކަށެވެ. 122 މީހުން ދަތުރު ކުރަމުން އައި ބޯޓު ބަންޑުން ޖަހާލީ ގާތްގަނޑަކަށް ގއ. ދެއްވަދޫއާ ހަމައިންނެވެ.
އިރު އޮއްސުމާ ގާތްވެފައިވަނިކޮށް ގދ.ތިނަދޫ "އަރުތަ" ދޯނި "އެނަމާ" ބޯޓު ކުރިމަތިން ދަތުރުކުރަމުން އައިސް ފަސްދީ ދިއައެވެ. އެވަގުތަކީ ބޯޓުގެ ސްޕީޑް ވެސް ބާރު ކުރި ވަގުތަށް ވުމާއެކު "އަރުތަ" ދޯނީގެ ރާޅުގައި ޖެހި އެއްފަރާތަކަށް ބޯޓު އަރިއަޅާލުމަށްފަހު އަނެއްފަރާތަށް ބަންޑުން ޖަހާލިއެވެ. ކަނޑު މަޑުވުމަކީ ނަސީބެވެ. ގިނަބަޔަކު ސަލާމަތްވުމަށް މެދުވެރިވި އެއް ސަބަބެވެ. އޭގެ އިތުރުން "އަރުތަ"ދޯނި އެނބުރި ބޯޓުދޮށަށް އައުމަކީ އަނެއް ސަބަބެވެ.
"އަރުތަ"ދޯނި އައިސް އޭގައިހުރި މާކަރީ ލައިޓް ދިއްލައި މީހުން އެއަށް އެތެރެ ކުރަން ފެށިއެވެ. ހަމައެވަގުތު ގއ. ދާންދޫ "މިއަރެން" ދޯނިވެސް ކައިރި ކުރިއެވެ. އެހެންނަމަވެސް މިއަރެންދޯނި ނައްޓާލީ މަސްކޮޅު ނުކިރިދާނެކަމަށް ބުނަމުންނެވެ. ދޯނި ނައްޓާލި ވަގުތު އެދޯނީގެ އެއްފަރާތެއްގައި އެލިގަނެގެން ޒުވާން ފިރިހެން ކުއްޖަކު އޮތެވެ. އެހެންނަމަވެސް ދޯނި ދުއްވާލުމާއެކު އޭނާއަށް ވީގޮތެއް ނޭނގެއެވެ.
ދިވެހި ތާރީހުގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާއަކީ އިބްރަތްތަކެއް ލިބިދިން ހާދިސާއެކެވެ. ކަނޑުދަތުރު ކުރަން ނުކުންނައިރު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ.

"އެނަމާ" ބޯޓު ތިނަދޫން ފުރިއިރު އޭގެ ހުންގާނުގައި ސަމާލުކަން ނުދެވޭ މައްސަލަތަކެއް ހުއްޓެވެ. އަދި އެކަށީގެންވާ ވަރަށް އަޑިއަށް ބަރުނުވެ އޮތުމަކީވެސް މައްސަލައެއްގެ ގޮތުގައި ބައެއް މީހުން ފާހަގަ ކުރާ ކަމެކެވެ. ރާއްޖޭގައި ކަނޑުމަތީގެ ގިނަ ހާދިސާތައް ހިނގާފައި ހުންނަނީ ސަލާމަތީ ކަންކަމަށް އެކަށީގެންވާވަރަށް ސަމާލުކަން ދެވިފައި ނުވާތީއެވެ.

