އަންހެން ކަނބަލުން ގެ މަސައްކަތްތެރި ކަމާއި ކާމިޔާބީ ގެ އަގު ވަޒަން ކުރުމަށް ދިވެހި ސަރުކާރުން ދެމުންދާ ރެހެންދި އެވޯޑް ޒީޓައިމްސް ގެ ޒީނާ އަށް ލިބިއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާ ގައި 7 ފަރާތަކަށް ރެހެންދި އެވޯޑް 2023 ދީފައިވާ އިރު ޒީނާ ޒާހިރު އަށް އެވޯޑް ލިބިފައި ވަނީ އިޖްތިމާޢީ ގޮތުން ބާރުވެރި ކުރުމުގެ ދާއިރާ އިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު 2023 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ޒީނާ ޒާހިރުއަށް، އެވޯޑު ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ދިވެހި ނޫސްވެރިންގެ ތެރޭގައި ފިޔަ ޖަހަމުން އަންނަ ޒުވާން އަންހެން ކަނބަލެއް ކަމުގައިވާ ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ،ޒީނާ ޒާހިރު/އަތިރީގެ، މީޑިއާގެ ދާއިރާއާ ގުޅުނީ 2006 ވަނަ އަހަރުގައެވެ. ސީނިއަރ ރިޕޯޓަރެއްގެ ގޮތުގައި މިއަދު ޑެއިލީގައި ވަނީ މަސައްކަތްކޮށްފައެވެ. ބްރޯޑްކާސްޓިންގ ދާއިރާގައި ވީޑިއޯ ޖަރނަލިސްޓް/ޕްރެޒެންޓަރ އެއްގެ ގޮތުގައި 2007 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ތިންއަހަރަށްވުރެ ގިނަ ދުވަހު ޒީނާ ވަނީ ވީޓީވީގައި މަސައްކަތް ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޚަބަރުތައް ކަވަރުކޮށް، ސިޔާސީ މަސްރަޙު ދިރާސާ ކުރުމުގެ އިތުރަށް ތަފާތު ދާއިރާތަކާއި ގުޅުންހުރި ޚާއްސަ ރިޕޯޓު ވަނީ ތައްޔާރުކޮށްފައެވެ. މީގެއިތުރުން، ޚަބަރާއި ކަރަންޓްއެފެއަރޒް ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ހުށަހަޅައިދީފައިވެއެވެ. އަދި ޑޮކިއުމެންޓްރީ ހެދުމުގެ އިތުރަށް ޕްރޮފައިލް މައުލޫމާތު ހިމެނޭ ފޮތް ލިޔުމަކީ ކުރަމުންދާ މަސައްކަތެކެވެ.
ޖަރނަލިޒަމް އަދި ޚާއްޞަކޮށް އިލެކްޝަން ރިޕޯޓިންގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ހަދާފައިވާ ޒީނާ ވަނީ ޕާކިސްތާނުގައި ހުންނަ ސައުތްއޭޝިއަން މީޑިއާ ސްކޫލްގައި 2 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައެވެ. މެނޭޖްމެންޓް ދާއިރާއިން މާސްޓަރސް ވަނީ ފުރިހަމަ ކޮށްފައެވެ.
މީގެއިތުރުން "ސައުތް އޭޝިއަން ވިމެންސް މީޑިއާ ކޯ" ގެ ނާއިބު ރައީސާކަމާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ)ގެ ކައުންސިލް މެންބަރުކަމާއި، ސްޕޯކްސްޕާސަންގެ މަޤާމުވެސް އަދާކޮށްފައިވެއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރ ގެ މަޤާމްގެ އިތުރަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމްވެސް ވަނީ 4 އަހަރާއި 7 މަސްދުވަހު އަދާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު 2023 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ޒީނާ ޒާހިރުއަށް ، ބުރޫޗު ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ޒީނާ ޒާހިރު އެންމެ ފާހަގަކުރެވެނީ އަމިއްލަ ނަމުގައި "ޒީޓައިމްސް" ވެބްސައިޓް ރަޖިސްޓްރީކޮށް، ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެވެ. މީގެއިތުރުން ތަފާތު ދާއިރާތަކުން ފާހަގަކުރެވޭ ޚިދުމަތްތެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޒީޓައިމްސް މެދުވެރިކޮށް ޒީނާ ވަނީ ގިނަ އަދަދެއްގެ މީހުންގެ ޕްރޮފައިލް ރިޕޯޓް ހިލޭސާބަހަށް ގެނެސްދީފައެވެ. އަދި ހޭލުންތެރިކުރުވުމަށް ތަފާތު ރިޕޯޓްތައް ވެސް ދަނީ ލިޔަމުންނެވެ. ވޭތުވެދިޔަ 2 އަހަރު ޒީޓައިމްސްގައި 1300 ލިޔުން ޝާއިޢުކޮށްފައިވާއިރު މީގެތެރެއިން 500 ލިޔުން ލިޔެފައިވަނީ ޒީނާ އަމިއްލައަށްކަން ފާހަގަކުރެވެއެވެ.
ޒީނާ ޒާހިރު ގެ ކާމިޔާބީގައި ބައިވެރިވެ ހުވަދޫ މީޑިއާ ޓީމުގެ ފަރާތުން ވަރަށް ހޫނު މަރުހަބާ އެއް ކިޔަމެވެ.

