"ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހުވަދޫ މީޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައި އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މަދަހަ ޗެލެންޖަކީ އިސްލާމީ ފިކުރުތަކަށާއި، ކީރިތި މާތް ނަބިއްޔާގެ މައްޗަށް ދިވެހިންގެ ހިތްތަކުގައި ލޯބި އުފައްދާ، ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށާއި މަދަޙަ ކިޔުމުގެ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، މަދަހަ ކިޔުމުގެ ފަންނުވެރިން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިއީ ހުވަދޫ މީޑިއާ އިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ހުވަދޫ މީޑިއާގެ "ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑައިއްބެ)، އަދި މަރިޔަމް އަޝްފާއެވެ.
"ހުވަދޫ މަދަޙަ ޗެލެންޖް 1444" އަކީ ވާރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތުން މަދަޙަ ކިޔުމަށް ފަހު ހުވަދޫ މީޑިއާ އަށް ފޮނުވާ މަންޒަރާއި އަޑުގެ ރިކޯޑިން ހުވަދޫ މީޑިއާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރެވިގެންދާނެއެވެ.
މަދަޙަ ފޮނުވުމަށް : https://t.me/Huvadhoo (ޓެލެގްރާމް : 9334888)
މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެއް މަދަހައެވެ. އަދި ބައިވެރިން ހުށަހަޅާ މަދަހަ ކިޔަންވާނީ މިއުޒިކާ ނުލައެވެ. އެެހެންނަމަވެސް ޤުދުރަތީ އަޑުތައް (ރާޅު ޖަހާއަޑު، ދޫނިގޮވާ އަޑު، ވައިޖެހޭ އަޑުފަދަ) ރެކޯރޑް ކޮށްގެން ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ހުށަހަޅާ ރިކޯރޑިންގައި އަދި ރިކޯޑް ކުރުމަށް ފަހުގައިވެސް މަދަޙަ ކިޔުންތެރިޔާގެ ރިކޯޑިންގް އަށް (އިކޯ އަދި ރިވާބް) ފިޔަވާ އިތުރު އެއްވެސް އެޑިޓެއް ގެނެސްފިނަމަ އަސްލާއި ޚިލާފު ހުށަހެޅުމެއް ކަމަށް ނިންމާ މުބާރާތުން އެ މަދަޙައެއް ޑިސްކޮލިފައިކުރެވޭނެއެވެ.
"ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ވަނަތައް ހޮވާނީ އިންސާފު ކުރުމަށް ކަނޑައެޅިފައިވާ 3 ފަނޑިޔާރުންގެ މާކުސްގެ %75 ގެ އިތުރުން ފޭސްބުކް އިން ޙިއްސާ ކުރެވިފައިވާ އެ ވީޑިއޯ އަކަށް ލިބޭ ރިއެކްޓްގެ %25 ހިމަނައިގެންނެވެ.
މަދަހަ މުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ފޮނުވަން ޖެހޭ ވީޑިއޯ އާއި މަޢުލޫމާތު (ނަން، އެޑްރެސް، ރަށް، އައިޑީ ކާޑު ނަންބަރ، ފޯނު ނަންބަރު) ފޮނުވުމުންނެވެ.
ހުވަދޫ މަދަޙަ ޗެލެންޖް 1444 އާއި ބޭހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9111164 ނުވަތަ 9195071 އަށް ގުޅުއްވުން އެދެމެވެ.
މުބާރާތުގެ : ހުވަދޫ މަދަޙަ ޗެލެންޖް 1444 ގެ ޤަވާއިދު
މަދަޙަ ފޮނުވުމަށް ލިންކް : (ފިއްތާލާ) ނުވަތަ ޓެލެގްރާމް ނަންބަރު : 9334888

