ރޯދަމަހުގައި ކެއްކުމުގެ މަސައްކަތުގައި އުޅޭ ފިރިހެނުންނާއި އަންހެނުންނާއި އަދި ބޮޑެތި ކައްކާއިން އެމީހުން ކައްކާ ކާތަކެތީގެ ލޮނު ރަހަ ހެޔޮވަރު ކުރުމަށްޓަކައި ދުލުކުރީގައި ޖައްސާލުމަކީ ހުއްދަކަމެކެވެ.
އޭގެ މާނައަކީ ހުރިހާ ކާއެއްޗެއްސަކުން ރަހަ ބެލުމެއް ނޫނެވެ. އަދި ކާ އެއްޗެއް ކައިގެން ބޮއިގެން ރަހަ ބެލުމެއްވެސް ނޫނެވެ.
މާތް ވެގެންވާ އިސްލާމްދީނަކީ ލުއިފަސޭހަ ދީނަކަށްވާތީ ކެއުމާއި ބުއިމަކީ އަހަރުމެންގެ މަސްލަހަތު އެކަމުގައި އޮތްކަމަކަށްވާތީ ލޮނުރަހަ ހެޔޮވަރު ކުރުމަށްޓަކައި ދުލުކުރީގައި ޖައްސާލައިގެން ރަހަ ހެޔޮވަރުތޯ ބެލުމަކީ ހުއްދަކަމެކެވެ.
އާއްމުގޮތެއްގައި ލޮނުރަހަ ދުލުކުރީގައި ޖައްސާލާއިގެން ފާހަގަ ކުރަން އެނގޭނެއެވެ. އެހެންނަމަވެސް އެހެން ހުރިހާ ރަހައެއް ދުލުކުރިން ނުލާނެއެވެ. އަދި ފާހަގަ ނުކުރެވިދާނެއެވެ.
މިގޮތަށް ދުލުކުރީގައި ޖައްސާއިގެން ރަހަބަލުމަށްފަހު ކުޅު ދިރުވައިގެން ނުވާނެއެވެ. ކުޅު އެތެރެނުކޮށް ކުޅު ޖަހާފައި އަނގަ ސާފުކޮށްލީމަ ރަނގަޅުވާނެއެވެ. މިގޮތަށް ކަންތައްކުރުން ހުއްދައެވެ. އަދި މިގޮތައް ރަހަ ބެލުމުގައި އެއްވެސް ކާއެއްޗެއްގެ އެތިކޮޅެއް ނަމަވެސް ގަސްތުގައި ދިރުވާލައިގެން ނުވާނެއެވެ. ގަސްތުގައި ދިރުވާލައިފި ނަމަ ރޯދަ ގެއްލޭނެއެވެ.
މަޢުލޫމާތު: ކިއު.އޭ ވިތް ޑރ. އާދަމް ޝަމީމު 2 އިން.

